ކ. މާލެ
|
28 ޖުލައި 2020 | އަންގާރަ 17:25
މެލޭޝިއާގެ ކުރީގެ ބޮޑުވަޒީރު ނަޖީބު ރައްޒާގު: ހިޔާނާތުގެ ބޮޑެތި ތުހުމަތުތަކެއް ކުރެވިފައިވޭ
މެލޭޝިއާގެ ކުރީގެ ބޮޑުވަޒީރު ނަޖީބު ރައްޒާގު: ހިޔާނާތުގެ ބޮޑެތި ތުހުމަތުތަކެއް ކުރެވިފައިވޭ
އޭއެފްޕީ
ނަޖީބު ރައްޒާގުގެ ކޮރަޕްޝަން
ނަޖީބު ރައްޒާގު 12 އަހަރަށް ޖަލަށްލުމަށް ހުކުމްކޮށްފި
12 އަަހަރުގެ ޖަލުހުމަަކީ މަގާމުގެ ނުފޫޒު ބޭނުން ކުރުމުން އިއްވި ހުކުމް
މާގާމުގެ އިތުބާރު ގެއްލުވާލުމާއި މަނީ ލޯންޑަރިންގ 6 ދައުވާއަށް، ކޮންމެ ދައުވާއަކަށް 10 އަހަރުގެ ޖަލު ހުކުމެއް ވަނީ އިއްވާފައި
މިއީ މެލޭޝިޔާގެ ތަރައްގީގެ ފަންޑުން ނަޖީބުގެ އަމިއްލަ އެކައުންޓަށް 42 މިލިއަން ރިންގިޓް ޖަމާކޮށްފައިވާ މައްސަލައިގެ ދައުވާތަކެއް

މެލޭޝިއާގެ ކުރީގެ ބޮޑުވަޒީރު ނަޖީބު ރައްޒާގުގެ މައްޗަށް އުފުލި ދައުވާތަކުގެ ތެރެއިން ހަތް ދައުވާ ސާބިތުވެފައިތީ އޭނާ 12 އަހަރަށް ޖަލަށްލުމަށް މެލޭޝިއާގެ ހައިކޯޓުން ހުކުމްކޮށްފިއެވެ.

މެލޭޝިއާގައި ހިންގި 1އެމްޑީބީގެ ބޮޑު ހިޔާނާތާ ގުޅިގެން ކުރީގެ ބޮޑު ވަޒީރު ނަޖީބު ރައްޒާގު (67އ) ގެ މަށްޗަށް 42 ދައުވާއެއް އުފުލާފައިވެއެެވެ. އޭގެތެރެއިން 5 މައްސަލައަކާއި ގުޅިގެން 7 ދައުވާ ސާބިތުވާ ކަމަށް މެލޭޝިއާގެ ހައިކޯޓުން ނިންމާފައިވަނީ އަންގާރަ ދުވަހު ހެނދުނުއެވެ. އެ ދައުވާތަކުގެ ތެރޭގައި ހިމެނެނީ، މަނީ ލޯންޑަރިންގއާއި މަގާމުގެ ނުފޫޒު ބޭނުން ކުރުމުގެ ދައުވާތަކެކެވެ.

އަންގާރަ ދުވަހުގެ ހެނދުނު ހައިކޯޓުގައި ބޭއްވި ޝަރީއަތުގައި ނަޖީބުގެ މައްޗަށް ކުށް ސާބިތުވާކަމަށް ނިންމުމަށްފަހު، އަންގާރަ ދުވަހުގެ މެންދުރުފަހު ވަނީ އަދަބުވެސް ކަނޑާއަޅާފަ އެވެ. އެގޮތުން، މަގާމުގެ ނުފޫޒު ބޭނުން ކުރުމުގެ ދައުވާއާ ގުޅިގެން އަދަބެއްގެ ގޮތުގައި ކަނޑައަޅާފައި ވަނީ ނަޖީބު 12 އަހަރަށް ޖަލަށްލުމަށެވެ.

މަގާމުގެ އިތުބާރު ގެއްލުވާލުމާއި މަނީ ލޯންޑަރިންގެ ދައުވާތަކާއި ގުޅިގެން އެއިން ކޮންމެ ދައުވާއަކަށް 10 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވެއެވެ. އެހެންކަމުން ނަޖީބުގެ މައްޗަށް މި 7 ދައުވާއިން 72 އަހަރުގެ ޖަލު ހުކުމެއް މިވަނީ އިއްވާފަ އެވެ.

މި ހުރިހާ ދައުވާތަކެއް ވެސް ގުޅިފައިވަނީ މެލޭޝިޔާގެ ތަރައްގީގެ ފަންޑުން ނަޖީބުގެ އަމިއްލަ އެކައުންޓަށް 42 މިލިއަން ރިންގިޓް ޖަމާކޮށްފައިވާ މައްސަލައާ ގުޅިގެންނެވެ. މިކަން ހިނގާފައިވަނީ ނަޖީބުގެ ވެރިކަމުގެ ދުވަސްވަރުއެވެ.

މިއީ މެލޭޝިއާގެ ވެރިކަން ކުރެއްވި ބޭފުޅެއްގެ މައްޗަށް ބޮޑެތި ޖިނާއި ބޮޑެތި ކުށްތަކެއް ސާބިތުވި ފުރަތަމަ ފަހަރެވެ. ނަޖީބުގެ އިތުރުން އަނބިކަނބަލުން ރަސްމާ މަންސޫރުގެ މައްޗަށް ވެސް ވަނީ މަނީ ލޯންޑަރިން އާއި ޓެކްސް އަށް މަކަރު ހެދުމުގެ ދައުވާ އުފުލާފައެވެ.

- ކޮމެންޓް