ކ. މާލެ
|
28 ޖުލައި 2020 | އަންގާރަ 13:49
ޔަޒްނީ ނަޝީދާ (ޔަޒޫ): ރައީސް ކަމަށް ވާދަކުރައްވަނީ ބަދަލުތަކެއް ގެންނަން ކަމަށް ފާހަގަކުރި
ޔަޒްނީ ނަޝީދާ (ޔަޒޫ): ރައީސް ކަމަށް ވާދަކުރައްވަނީ ބަދަލުތަކެއް ގެންނަން ކަމަށް ފާހަގަކުރި
ރާއްޖެއެމްވީ
އެތުލެޓިކްސް އެސޯސިއޭޝަންގެ އިންތިޚާބު
އަސާސީ ގަވާއިދަށް ބަދަލުތަކެއް ގެނެސް، ހިންގުމަށް ބަދަލު ގެންނަން ޖެހޭ: ޔަޒޫ
ޔަޒޫ ވިދާޅުވީ އިންތިޚާބާ މެދު އަދި ވޯޓާސް ލިސްޓާ މެދު ޝަކުވާއެއް ނެތް ކަމަށް
މުންތަގިމް ވިދާޅުވީ އެންމެ ހަރުދަނާ ގޮތެއްގައި މެންބަރުކަން ލިބިގެންދާ އެސޯސިއޭޝަނަކީ އެތުލެޓިކްސް އެސޯސިއޭޝަން ކަމަށް
އިންތިޚާބުގައި 12 ކްލަބަކާއި ހަތަރު އިންޑިވިޖުއަލް މެންބަރުން ވޯޓުލުމަށް ހަމަޖެހިފައިވޭ

އެތުލެޓިކްސް އެސޯސިއޭޝަން އޮފް މޯލްޑިވްސް މިހާރު ހިނގަމުންދާ ގޮތާ މެދު ހިތްހަމަނުޖެހޭ ކަމަށާއި، ބުދަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އެ އެސޯސިއޭޝަނުގެ އިންތިޚާބުގައި ރައީސްގެ މަގާމަށް ކުރިމަތިލާން ނިންމީ އަސާސީ ގަވާއިދަށް ބަދަލުތަކެއް ގެނައުމަށް ކަމަށް ޔަޒްނީ ނަޝީދާ (ޔަޒޫ) ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ "ކުޅިވަރު ފައިލް" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ޔަޒޫ ވިދާޅުވީ އިންތިޚާބާ މެދު އަދި ވޯޓާސް ލިސްޓާ މެދު ޝަކުވާއެއް ނެތް ކަމަށާއި، އެހެން ނަމަވެސް މިހާރު ބޭއްވުމަށް ނިންމާފައިވާ އިންތިޚާބާއި ފަހުން އަންނަ އިންތިޚަބުތައް ރަނގަޅު ގޮތުގައި ކުރިއަށްދާނީ މިހާރު އަސާސީ ގަވާއިދުގައި ހުރި ކަންކަން އިސްލާހުކޮށްގެން ކަމަށެވެ.

މި ޕްރޮގްރާމުގައި ވާހަކަ ދައްކަމުން ޔަޒޫ ވަނީ ހަމަހަމަ ފުރުސަތެއް ނެތް ކަމަށް ވިދާޅުވެފައެވެ. އޭގެ ތެރޭގައި އެސޯސިއޭޝަންގެ މެންބަރުކަން ދިނުމުގައި އުނދަގޫތަކެއް ހުރިއިރު، ގައުމީ ޓީމުތަކަށް އެތުލީޓުން ނެގުމުގައި އަންހެން ފިރިހެން އެތުލީޓުން ތަފާތުކުރާ ކަމަށާއި، ތަމްރީނުތައް ހޯދައިދިނުމުގައިވެސް އެ ތަފާތު ކުރުން ބޮޑު ކަމަށް ޔަޒޫ ފާހަގަކުރެއްވިއެވެ.

މި ވާހަކަތަކަށް ރައްދު ދެއްވަމުން އެތުލެޓިކްސް އެސޯސިއޭޝަންގެ ޖެނަރަލް ސެކްރެޓަރީ އަޙްމަދު މުންތަގިމް ވިދާޅުވީ ރާއްޖޭގެ ކުޅިވަރު އެސޯސިއޭޝަންތަކުގެ ތެރެއިން އެންމެ ހަރުދަނާ ގޮތެއްގައި މެންބަރުކަން ލިބިގެންދާ އެސޯސިއޭޝަނަކީ އެތުލެޓިކްސް އެސޯސިއޭޝަން ކަމަށާއި، އެއްވެސް ކްލަބެއްގެ މެންބަރުކަން މިހާތަނަށް އެ އެސޯސިއޭޝަނުން ހިފަހައްޓާފައި ނުވާނެ ކަމަށެވެ. އެހެން އެސޯސިއޭޝަންތަކާއި ޚިލާފަށް އެތުލެޓިކްސް އެސޯސިއޭޝަންގެ ވޯޓާ ހަމައަށް ކްލަބަށް ދެވޭނީ މެންބަރުކަން ލިބޭތާ ހަތަރު އަހަރު ފަހުން ކަމަށާއި، އެކަން އެތުލެޓިކްސްގައި ހަރަކާތްތެރިވާ ހުރިހާ ފަރާތްތަކަށްވެސް ސާފުކޮށް އެނގޭނެ ކަމަށް މުންތަގިމް ވިދާޅުވިއެެވެ.

އެތުލީޓުންގެ ހަމަހަމަކަމާއި ބެހޭ ގޮތުން ވާހަކަ ދައްކަވަމުން މުންތަގިމް ވިދާޅުވީ މިހާތަނަށް އެތުލީޓުން ބައިވެރިވި ކޮންމެ މުބާރާތެއްގައި އަންހެން އެތުލީޓުންނަށް ހާއްސަ އިސްކަމެއް ދީފައިވާ ކަމަށާއި، އެކަން ތަފާތު ހިސާބުތައް ބަލާލުމުން ފެންނާނެ ކަމަށެވެ.

ސާފް ގޭމްސްގައިވެސް ކޮންމެ ތިން ފިރިހެން އެތުލީޓަކަށް އަންހެން ދެ އެތުލީޓުން ބައިވެރިވި. ރާއްޖޭގެ އަންހެން އެތުލީޓުންގެ ރޭޝިއޯއަށް ބަލާއިރު 50-40 ޕަސެންޓްގައި ހިފެހެއްޓުމަކީ ވަރަށް ރަނގަޅު އަދަދެއް ކަމަށް ދެކެނީ. ކޮންމެ އެތުލީޓަކަށްވެސް އެނގޭނެ އެ އެތުލީޓަކު ކިހާވަރަކަށް ދުވެގެންކަން މުބާރާތަކަށް ދެވޭނީ. އެތުލީޓުން ތަމްރީނަށް ފޮނުވަނީ ސަރުކާރުން ބަޖެޓުދީގެން. ރާއްޖެއިން ބޭރަށް އެތުލީޓަކު ފޮނުވާއިރު 65 ޑޮލަރު ކޮންމެ ދުވަހަކަށް އެތުލީޓަކަށް ޚަރަދުވޭ. އެހެންވީމާ އަންހެން ޓީމުވެސް ފިރެހެން ޓީމުވެސް ފޮނުވަނީ މި އުސޫލުގެ ދަށުން.
އެތުލެޓިކްސް އެސޯސިއޭޝަންގެ ޖެނަރަލް ސެކްރެޓަރީ އަޙްމަދު މުންތަގިމް

ބުދަ ދުވަހު ބޭއްވުމަށް ނިންމާފައިވާ އިންތިހާބުގައި 12 ކްލަބަކާއި ހަތަރު އިންޑިވިޖުއަލް މެންބަރުން ވޯޓުލުމަށް ހަމަޖެހިފައިވާއިރު، ރައީސް ކަމަށް ޔަޒޫގެ އިތުރުން ދެން ވާދަކުރަނީ މިހާރުގެ ރައީސް މުޙައްމަދު ތޮލާލެވެ. ނައިބު ރައީސްގެ މަގާމަށް ވާދަކުރައްވަނީ މިހާރުވެސް އެ މަގާމު ފުރުއްވަމުން އަންނަ އަޙްމަދު އަޒީލެވެ. ހަޒާންދާރުގެ މަގާމަށް ކުރިމަތިލާފައިވަނީ ކުރީ ދައުރެއްގައި އެ މަގާމު އަދާކުރި މުސްތަފާ މުޙައްމަދެވެ.

އިތުރު ތިން މެމްބަރުންގެ މަގާމަށް ވާދަކުރަނީ މިހާރުވެސް އެ މަގާމުގައި އަދާކުރަމުން އަންނަ މުހައްމަދު ޝުޖާއު (މޯޑް) އާއި، ފުޓްބޯޅަ ކޯޗު މުހައްމަދު ޝާހިދާއި، ކުރީގެ ދުވުންތެރިޔާ އިބްރާހީމް އުމަރު (ވިއްސަ) އަދި އަލަށް ވާދަކުރާ ހުސެއިން އަމީން ނަސީރާއި، ކުރީގެ ދުވުންތެރިޔާ އަހުމަދު ޝަގީފް (ރިވަރިން)އެވެ. އަންހެން މެމްބަރު ކަމަށް ވާދަކުރަނީ މިހާރުވެސް އެ މަގާމު ފުރަމުން އަންނަ ޔާސްމީން އަބްދުﷲއެވެ.

ތިންވަނަ ދައުރަކަށް ރައީސް ކަމަށް ތޮލާލް ކުރިމަތިލާފައިވާއިރު، އެސޯސިއޭޝަނުގެ ރައީސްގެ މަގާމު 2012 ވަނަ އަހަރުން ފެށިގެން ފުރުއްވަމުން އަންނަ ތޮލާލްގެ ދައުރުގައި އެތުލެޓިކްސްގައި ރާއްޖެ ވަނީ ބޮޑެތި ކާމިޔާބީތަކެއް ހާސިލްކޮށްފައެވެ. އޭގެ ތެރޭގައި 2015 ވަނަ އަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) އާއި، މިދިޔަ އަހަރުގެ ސައުތު އޭޝިއަން ގޭމްސްގެ 100 މީޓަރު ދުވުމުން ރާއްޖެ ރަން މެޑަލް ހޯދުމުގެ އިތުރަށް، އޭޝިއާ ފެންވަރުގެ މުބާރާތްތަކުންވެސް ވަނީ ކާމިޔާބީ ހޯދާއެވެ.

ދެން ރައީސްގެ މަގާމަށް ވާދަކުރައްވަމުން އަންނަ ކުރީގެ މަޝްހޫރު ދުވުންތެރިޔާ ޔަޒޫ ވަނީ ސްކޫލް ދައުރުގައި 1994-2004 ށް ގައުމީ ޓީމަށް ދުވެފައެވެ. އެގޮތުން 1996 ވަނަ އަހަރުގެ އޮލިމްޕިކްސްގައި ދުވެ އޮލިމްޕިއަނެއްގެ ޝަރަފު ހޯދުމުގެ އިތުރުން، ވޯލްޑް ޗެމްޕިއަންޝިޕާއި، އޭޝިއަން ގޭމްސް އާއި، އޭޝިއަން ޗެމްޕިއަންޝިޕް އަދި ސާފް ގޭމްސްގައި ޔަޒޫ ވަނީ ދުވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އިސްމާޢީލް ޝާހް
- ކޮމެންޓް