ކ. މާލެ
|
28 ޖުލައި 2020 | އަންގާރަ 10:44
މެލޭޝިއާގެ ކުރީގެ ބޮޑު ވަޒީރު ނަޖީބު ރައްޒާގު: ހިޔާނާތާއި ކޮރަޕްޝަނުގެ ބޮޑެތި އަމަލުތަކެއް ވެރިކަމުގައި ހިންގާފައިވޭ
މެލޭޝިއާގެ ކުރީގެ ބޮޑު ވަޒީރު ނަޖީބު ރައްޒާގު: ހިޔާނާތާއި ކޮރަޕްޝަނުގެ ބޮޑެތި އަމަލުތަކެއް ވެރިކަމުގައި ހިންގާފައިވޭ
އޭޕީ
ނަޖީބު ރައްޒާގު މައްޗަށް ކުށް ސާބިތިވުން
ނަޖީބު ރައްޒާގުގެ މައްޗަށް މަގާމުގެ ނުފޫޒު ބޭނުންކުރެއްވުމާއި މަނީ ލޯންޑަރިންގ ކުށް ސާބިތު ވެއްޖެ
ނަޖީބު ރައްޒާގުގެ މައްޗަށް ސާބިތުވި ކޮންމެ ދައުވާއަކަށް 15 އަހަރާއި 20 އަހަރާ ދެމެދުގެ ޖަލު ހުކުމްތަކެއް އަންނާނެ
1އެމްޑީބީގެ ހިޔާނާތުގެ ތެރެއިން 4.5 ބިލިއަން ޑޮލަރުން މަނީ ލޯންޑަރިންގ ހިންގާފައިވޭ
ނަޖީބުގެ މައްޗަށް ކޮރަޕްޝަނުގެ 42 ދައުވާ އުފުލާފައިވޭ

މެލޭޝިޔާގެ ކުރީގެ ބޮޑުވަޒީރު ނަޖީބު ރައްޒާގުގެ މައްޗަށް މަގާމުގެ ނުފޫޒު ބޭނުންކުރުމާއި މަނީ ލޯންޑަރިންގ ކުށް ސާބިތުވާ ކަމަށް ކޯޓުން ނިންމައިފިއެވެ.

މެލޭޝިޔާގެ ހައިކޯޓުގެ ފަނޑިޔާރު މުހައްމަދު ނަޒްލަން މުހައްމަދު ގަޒަލި ކޮށްފައިވާ ހުކުމުގައި ވިދާޅުވެފައިވަނީ، ބޮޑު ވަޒީރު ކަމުގެ މަގާމުގައި ހުންނަވައި ނަޖީބު ރައްޒާގު މަގާމުގެ ނުފޫޒު ބޭނުން ކުރެއްވުމާއި މަނީ ލޯންޑަރިންގ ކުށް ސާބިތުވާ ކަމަށެވެ.

މިއީ މެލޭޝިޔާގައި މިހާތަނަށް ހިންގި އެންމެ ބޮޑު ހިޔާނާތްކަމަށްވާ، 1އެމްޑީބީގެ މައްސަލައާ ގުޅިގެން ނަޖީބުގެ މައްޗަށް ކުރާ ދައުވާތަކުގެ ތެރެއިން ފަސް ކޭސްގެ 7 ދައުވާއެވެ.

1އެމްޑީބީގެ ހިޔާނާތުގައި ދައުލަތުގެ 4.5 ބިލިއަނެއްހާ ޑޮލަރަށް ޚިޔާނާތްތެރިވެފައިވާއިރު، މީގެ ތެރެއިން ބިލިއަނެއްހާ ޑޮލަރު ލިބިފައިވަނީ ނަޖީބު އަށްކަމަށް ތުހުމަތުކުރެއެވެ. ހުކުމް އިއްވި މައްސަލަ އަކީ މީގެ ތެރެއިން 10 މިލިއަން ޑޮލަރާ ގުޅުން ހުރި މައްސަލައެކެވެ.

މި މައްސަލަތައް ސާބިތުވުމާއެކު ނަޖީބުގެ މައްޗަށް މިއިން ކޮންމެ ދައުވާއަކާ ގުޅިގެން 15 އަހަރާއި 20 އަހަރާ ދެމެދުގެ ޖަލު ހުކުމްތައް އަންނާނެ އެވެ.

މެލޭޝިޔާގައި 2009ން 2018ށް ބޮޑުވަޒީރުކަން ކުރެއްވި ނަޖީބު ރައްޒާގުގެ މައްޗަށް ވަނީ ކޮރަޕްޝަނުގެ 42 ދައުވާއެއް ކޮށްފައިވެއެވެ. އޭގެ ތެރެއިން، އެ ގައުމުގެ އިންވެސްޓްމެންޓް ފަންޑު 1އެމްޑީބީ ނަޖީބު ރައްޒާގުގެ އެކައުންޓަށް 600 މިލިއަން ޑޮލަރަށް ވުރެ ގިނަ ފައިސާ ފޮނުވި މައްސަލަ އާއި އެ ފައިސާ ލޯންޑަރ ކުރުމުގެ 21 ހިމެނެއެވެ.

މީގެ ކުރިން، ނަޖީބުގެ ބޮޑުވަޒީރު ކަމުގެ ދުވަސްވަރު، 2015ގައި މެލޭޝިޔާގެ އެންޓި ކޮރަޕްޝަން ކޮމިޝަނުން އެ މައްސަލަ ބެލުމަށް ފަހު ވަނީ އެ ފައިސާ އަކީ ސައުދީ ޝާހީ އާއިލާ އިން ނަޖީބަށް ހަދިޔާ ކުރި ފައިސާ ކަމަށް ނިންމާފައެވެ.

ނަމަވެސް ޝަރީއަތުގައި ޕްރޮސެކިއުޓަރުން ވަނީ އެއީ ސައުދީން ހަދިޔާ ކުރި ފައިސާއެއް ނޫން ކަމަށް ވިދާޅުވެފައެވެ. އަދި ސައުދީ އަމީރަކު ފައިސާ ހަދިޔާ ކުރި ކަމަށް ބުނާ ސައްހަ ނޫން ލިޔެކިޔުންތަކެއް ހަދާފައިވާ (ފޯޖް) ކަމަށް ވެސް ޕްރޮސެކިއުޓަރުން ވިދާޅުވެފައި ވެއެވެ.

އެމެރިކާގެ ޖަސްޓިސް ޑިޕާޓްމެންޓުން ތުހުމަތު ކުރާ ގޮތުގައި 1އެމްޑީބީގެ 4.5 ބިލިއަން ޑޮލަރު ވަނީ ޑައިވަރޓުކޮށް، ލޯންޑަރކޮށްފައެވެ.

މެލޭޝިޔާގެ އިތުރުން، އިތުރުން ފަސް ގައުމަކުން 1އެމްޑީބީ ކޮރަޕްޝަނާ ގުޅުން ހުރި މައްސަލަތައް ބަލަމުންދާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

- ކޮމެންޓް