އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ނެޝަނަލް ސެކިއުރިޓީ އެޑްވައިޒަރު ރޮބަޓް އޮބްރައިން ކޮވިޑް-19ށް ޕޮޒިޓިވްވެއްޖެ އެވެ.
ހޯމަ ދުވަހު ވައިޓް ހައުސް އިން ނެރުނު ބަޔާނެއްގައި ބުނީ، އޮބްރިއަންގެ ފަރާތުން ބަލީގެ އަލާމަތްތައް ފެނުމުން އޭނާ މަސައްކަތް ކުރައްވަމުން އައީ އެކަހެރިވެވަޑައިގެން ކަމަށެވެ. އެހެންކަމުން ރައީސް އާއި ނައިބު ރައީސްގެ އިތުރުން ނެޝަނަލް ސެކިއުރިޓީ ކައުންސިލަށް ބަލީގެ އެއްވެސް ކަހަލަ ރިސްކެއް ރޮބަޓްގެ ސަބަބުން ނެތް ކަމަށެވެ.
އޮބްރައިން އަކީ ޓްރަމްޕާ އެކު މަސައްކަތް ކުރައްވާ ބޭފުޅުންގެ ތެރެއިން ބައްޔަށް ޕޮޒިޓިވްވި ހަމައެކަނި ބޭފުޅާއަށެވެ. ނައިބު ރައީސް މައިކް ޕެންސްގެ ޕްރެސް ސެކެރެޓަރީ ކެޓީ މިލާރ ވެސް ވަނީ މެއި މަހު ކޮވިޑަށް ޕޮޒިޓިވްވެފައެވެ.
ހޯމަ ދުވަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޓްރަމްްޕް ވިދާޅުވީ، މި ފަހުން އޮބްރިއަންއާ ބައްދަލުވެވަޑައިގެންފައި ނުވާ ކަމަށެވެ.
އޮބްރިއަން ވަނީ މި މަހުގެ ކުރީކޮޅު އިނގިރޭސިވިލާތް، ފްރާންސް، ޖަރުމަނުގެ އިތުރުން އިޓަލީގެ އޮފިޝަލުންނާ ބައްދަލު ކުރެއްވުމަށް ޔޫރަޕަށް ދަތުރުފުޅެއް ކުރައްވާފައެވެ. އޮބްރިއަން ކުރެއްވި ދަތުރުފުޅު ފޮޓޯތަކެއް ނެޝަނަލް ސެކިއުރިޓީ ކައުންސިލްގެ ޓްވިޓަރ ގައި ވަނީ އަޕްލޯޑްކޮށްފައެވެ. އެ ފޮޓޯއިން ފެންނަ އެއްވެސް ބޭފުޅަކު މާސްކު ނާޅުއްވައެވެ.
ޖޯން ހޮޕްކިން ޔުނިވަރސިޓީގެ ތަފާސްހިސާބު ދައްކާ ގޮތުން އެމެރިކާގެ 4.2 މިލިއަން މީހުން ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ. އޭގެ ތެރެއިން ލައްކަ އަކަށްވުރެ ގިނަ މީހުން ވަނީ މި ވައިރަސްގައި މަރުވެފައެވެ.