އަންނަ ހުކުރު ދުވަހު ފާހަގަ ކުރާ އަޟްހާ އީދުގެ ބަންދާއި ގުޅިގެން މެދު އިރުމަތީގެ ގިނަ ގައުމުތަކެއްގައި ހަރުކަށި ފިޔަވަޅުތަކެއް އަޅާ ބައެއް ގައުމުތައް ލޮކްޑައުންކުރުމަށް ނިންމައިފިއެވެ.
މިގޮތަށް ނިންމާފައިވަނީ އެގައުމުތަކުގައި އީދު ބަންދާއި ގުޅިގެން ކޮވިޑް-19 ގެ ކޭސްތައް އިތުރުވެދާނެކަމަށް ލަފާކޮށްފައިވާތީ ކަމަށް ބައެއް ގައުމުތަކުގެ ހެލްތް މިނިސްޓްރީންނާއި ދައުލަތުގެ މީޑިއާތަކުން ވަނީ ބުނެފައެވެ. ހަރުކަށި ފިޔަވަޅުތަކެއް އެޅުމަށް ނިންމާފައިވާ ގައުމުތަކުގެ ތެރޭގައި މޮރޮކޯ، އަލްޖީރިއާ، އޮމާން، ލުބުނާން އަދި އިރާގު ހިމެނެއެވެ.
މި އަހަރުގެ އަޟްހާ އީދު ދުވަހަކީ މި ހިނގަމުންދާ ޖުލައިމަހުގެ 31 ވާ ހުކުރު ދުވަހެވެ. އީދަކީ މުސްލިމުންނަށް އަހަރު ތެރޭގައި އަންނަ އެންމެ ބޮޑު ޗުއްޓީގެ ދުވަސްތަކެވެ. މި ދުވަސްތައް މުސްލިމް ގައުމުތަކުގައި ވަރަށް ކުލަ ގަދަކޮށް ފާހަގަ ކުރެއެވެ. ނަމަވެސް ކޮވިޑް-19 ގެ ބިރުވެރިކަމާއެކު ބައެއް ގައުމުތަކުގައި މިފަހަރު ފިޔަވަޅުތައް އިތުރަށް ވަރުގަދަކޮށް އީދު ފާހަގަ ނުކުރުމަށް ބައެއް ގައުމުތަކުން ވަނީ ނިންމާފައެވެ.
މި ހަފުތާގެ އާދީއްތަ ދުވަހުން ފެށިގެން މޮރޮކޯއިން ވަނީ އެގައުމުގެ އެއް ސިޓީން އަނެއް ސިޓީއަށް ދަތުރުކުރުން މަނާކޮށްފައެވެ. މީގެ ތެރޭގައި ކަސަބްލަންސާ، ޓެންގިއަރ، މަރަކެޗް ފަދަ ބޮޑެތި ސިޓީތައް ހިމެނެއެވެ.
މޮރޮކޯގެ މިނިސްޓްރީސް އޮފް އިންޓީރިއަރ އެންޑް ހެލްތުން ގުޅިގެން ނެރިފައިވާ ބަޔާނެއްގައި ބުނެފައިވަނީ މި އީދު ބަންދުގައި އެއް ސިޓީން އަނެއް ސިޓީއަށް ދަތުރުކުރުން މަނާކޮށްފައިވަނީ އެންމެންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ކަމަށެވެ. އާދިއްތަ ދުވަހު އެކަނި ވެސް އެ ގައުމުން ވަނީ 633 ކޭސް ރިޕޯޓްކޮށްފައެވެ. އަދި މިއާއެކު އެގައުމުގައި ޖުމްލަ 20،000 ކޮވިޑް ކޭސް ރިޕޯޓްކޮށްފައިވާ އިރު، މިހާތަނަށް އެގައުމުގައި 313 މީހަކު ވަނީ މަރުވެފައެވެ.
މޮރޮކޯއިން ނެރުނު ނޫސް ބަޔާނުގައި ބުނެފައިވަނީ މިފަދަ ފިޔަވަޅުތަކެއް އެޅުމަށް ނިންމާފައިވަނީ އަޅާފައިވާ ފިޔަވަޅުތަކާއި އެންގުންތަކަށް އާންމުން ބޯ ނުލަނބާތީ ކަމަށެވެ. މީގެ ތެރޭގައި އިޖްތިމާއީ ގައިދުރުކަން ނުބެހެއްޓުމާއި، މާސްކް ނޭޅުމާއި، ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް އަމަލު ނުކުރުން ކަމަށެވެ.
43 މިލިއަނެއްހާ މީހުންގެ އާބާދީއެއް އޮންނަ އަލްޖީރިއާގެ ސަރުކާރުން ބުނެފައިވަނީ 29 ޕްރޮވިންސެއްގައި ޕްރައިވެޓް އުޅަނދުތައް ބޭނުން ކުރުން މަނާކޮށްފައިވާ ކަމަށާއި، އިތުރު 15 ދުވަހަށް އެގައުމުގައު އިއުލާންކޮށްފައިވާ ކާފިއު ދިގުދައްމާފައިވާ ކަމަށެވެ. އަންގާރަ ދުވަހުން ފެށިގެން 15 ދުވަހަށް ކާފިއު އިތުރު ކޮށްފައިވާ އިރު ކާފިއުގެ މުއްދަތު ދެން ހަމަވާނީ އޮގަސްޓް މަހުގެ 11 ވަނަ ދުވަހުއެވެ. އަލްޖީރިއާގައި މިހާތަނަށް 27،000ށް ވުރެ ގިނަ ކޭސް ރިޕޯޓް ކޮށްފައިވާ އިރު، ޖުލައި މަހުގެ މެދަކާ ހިސާބުން ފެށިގެން އާދީއްތަ ދުވަހާ ހަމައަށް 500ށް ވުރެ ގިނަ އާ ކޭސް ވަނީ ރިޕޯޓްކޮށްފައެވެ. މިހާތަނަށް އެގައުމުގައި 1155 މީހަކު ވަނީ ކޮވިޑް-19 ޖެހިގެން މަރުވެފައެވެ.
ނިމިގެންދިޔަ ހަފްތާގައި އޮމާންގެ ސަރުކާރުން ވަނީ ޖުލައި މަހުގެ 25 ވަނަ ދުވަހުން ފެށިގެން އޮގަސްޓް މަހުގެ 8 ވަނަ ދުވަހާ ހަމައަށް ސަރުކާރުގެ ހުރިހާ އިދާރާތަކެއް ބަންދު ކުރުމަށް ނިންމާފައެވެ. މިގޮތަށް ނިންމާފައިވަނީ އޮމާނުން ކޮވިޑް-19 ގެ އިތުރު ކޭސްތަކެއް ފެނުމާއި ގުޅިގެންނެވެ.
ފަސް މިލިއަނެއްހާ މީހުންގެ އަބާދިއެއް އޮންނަ އޮމާންއަކީ މެދުއިރުމަތީގެ ގައުމުތަކުގެ ތެރެއިން ނިސްބަތުން އެންމެ ގިނަ ކޮވިޑް ކޭސްތައް ފެނިފައިވާ ގައުމެވެ. އެގޮތުން އެގައުމުން މިހާތަނަށް 77،000ށް ވުރެ ގިނަ މީހުން ކޮވިޑް-19ށް ޕޮޒިޓިވްވެފައިވާ އިރު، އާދީއްތަ ދުވަހު އެކަނި ވެސް އެގައުމުން ވަނީ ހާހަކަށްވުރެ ގިނަ މީހުން ޕޮޒިޓިވްވެގެން ރިޕޯޓްކޮށްފައެވެ. އެގައުމުން މިހާތަނަށް 393 މީހަކު ވަނީ ބަލީގައި މަރުވެފައެވެ.
6.8 މިލިއަން މީހުންގެ އާބާދީއެއް އޮންނަ ލެބަނަންގައި އަދި އިތުރު ލޮކްޑައުންއެއް އިއުލާންކޮށްފައި ނުވި ނަމަވެސް، އެގައުމުގެ މިނިސްޓަރ އޮފް ޕަބްލިކް ހެލްތް ހަމަދު ހަސަން، ހޯމަ ދުވަހު ވިދާޅުވީ 2 ހަފްތާއަށް މުޅި ގައުމު ލޮކްޑައުންއަކަށް ދިއުމަން އޭނާ ހުށަހަޅުއްވާ ކަމަށެވެ. ނަމަވެސް އެއަރޕޯޓް ހުޅުވާފައި ބޭއްވުން އެންމެ ރަނގަޅު ކަމަށް ހަމަދުގެ މި ހުށަހެޅުއްވުމުގައި ވަނީ ވިދާޅުވެފައެވެ.
112،000ށް ވުރެ ގިނަ ޕޮޒިޓިވް ކޭސްތައް މިހާތަނަށް ފެނިފައިވާ އިރާގުން ވެސް ވަނީ އީދު ބަންދާ ދިމާކޮށް ހަރުކަށި ފިޔަވަޅުތަކެއް އެޅުމަށް ނިންމާފައެވެ. 40 މިލިއަން މީހުންގެ އާބަދީއެއް އޮންނަ އިރާގުން ނިންމާފައިވަނީ އީދު ދުވަހުން ފެށިގެން 10 ދުވަހަށް މުޅި ގައުމުގައި ކާފިއު ހިންގުމަށެވެ. މިއީ އެގައުމުގައި ކޮވިޑް-19 ގެ ހާލަތު ގޯސްވަމުން އަންނާތީ އެކަމާއި ގުޅިގެން އެޅި ފިޔަވަޅުތަކެކެވެ.
މީގެ އިތުރުން އިތުރު ހަރުކަށި ފިޔަވަޅުތަކެއް އެޅުމަށް އެގައުމުން ނިންމާފައިވާ އިރު، އީދުގެ މުނާސަބާގައި ބާއްވާ ބައެއް ހަރަކާތްތައް މަނާކޮށް، ޖަމާއަތުގައި އީދު ނަމާދު ކުރުމާއި، އުފާ ފާޅުކުރުންތަކާއި، އާއިލީ ބައްދަލުވުންތައް މަނާކުރުމަށް ވެސް އެގައުމުން ވަނީ ނިންމާފައެވެ.