ކ. މާލެ
|
12 އޭޕްރިލް 2017 | ބުދަ 15:16
ލަސްވިއަސް
ލަސްވިއަސް
ޔޫޓިއުބް
ލަސްވިޔަސް
"ލަސްވިޔަސް" ގެޝޫޓިން ފަށާނީ ރޯދައިގެ ފަހުން
މިއީ 23 އަހަރަށް ފަހު ޓެޑްރީ ޑައިރެކްޓްކުރާ ފުރަތަމަ ފީޗާ ފިލްމް
މިހާރުވެސް އޭގެ މަސައްކަތް ކުރިއަށް ދަނީ

މަޝްހޫރު ފިލްމު ޑައިރެކްޓަރ މުހައްމަދު ނިޔާޒް (ޓެޑްރީ) 23 އަހަރު ފަހުން ޑައިރެކްޓް ކުރާ "ލަސްވިއަސް" ގެ ޝޫޓިން ފަށާނީ މިއަހަރުގެ ރަމަޟާން މަސް ނިމުމުން ކަމަށް އޭނާ ބުނެފިއެވެ.

މިހާރު އެކަމަށްޓަކައި ވާންޖެހޭ ތައްޔާރީތައް ޓެޑްރީ ދަނީ ވަމުންނެވެ.

ރާއްޖޭގައި މިހާތަނަށް އުފެއްދި އެންމެ މޮޅު ފިލްމުތަކުގެ ތެރޭގައި ހިމެނޭ "ދެރިޔާ" 1994 ގައި އުފެއްދި ފަހުން ޓެޑްރީ ފީޗާ ފިލްމެއް ޑައިރެކްޓްކޮށްފައެއް ނުވެ އެވެ. އޭގެ ފަހުން ނެރުނު "އަމާނާތް" އަކީ އޭނާ ޕްރޮޑިއުސްކުރި ފިލްމެކެވެ.
މީގެ 19 އަހަރު ކުރިން ނެރުނު "އަމާނާތް" އޮލިމްޕަހުގައި އަލުން ދެއްކި ރޭ "ލަސްވިޔަސް" ގެ ޓީޒާ ވެސް ވަނީ ދައްކާލާފައެވެ. ލަސްވިއަސްގެ ޓްރެއިލާ ފަށައިގެން އަންނަ ކުރީގެ މަޝްހޫރު ލަވަ ކަމުގައިވާ "ކައިވެނީގެ އަމާޒު ކަމުގައި ވާ ހަގީގަތަކީ ކޮބާ" އަކީ މުޅި ފިލްމު ގެ ވާހަކަ ކިޔައިދިނުން ކަމަށް ޓެޑްރީ ބުންޏެވެ.

އެހެން ކަމުން ކައިވެނީގެ ތެރޭގައި ހިނގާ އަދި ހިނގައިދާ ކަންތައްތަކެއް މިފިލްމުގައި ފެނިގެން ހިނގައިދާނެ ކަމަށް ބެލެވެއެވެ. މީގެ އިތުރުން "ލަސްވިއަސް" ގެ ޓީޒާއިން ފެނިގެން ދަނީ މަޝްހޫރު ފިލްމީ ތަރި ނިއުމާ މުހައްމަދުގެ ދަރިފުޅު ޒޯޔާ ހަސަން އިބްރާހިމްއެވެ. މިއީ ފަންސާސް ހަތް ސިކުންތުގެ ޓްރެއިލާއެކެވެ. ޓީޒާ ބަލާ މީހުނަށް ޒޯޔާ ފެނިގެން ދަނީ ހުޑެއް އަޅައި، ރަތް ކުލައިގެ ޖެކެޓެއް ލައިގެން ގޮނޑިއެއްގައި އިށީންދެ އިންނަ މަންޒަރެވެ.

ޓީޒާއިން ފެންނަ އިރު ޒޯޔާގެ ބޯ ވެސް ވަނީ ބާލާފައެވެ. ބައެއް މީހުން އެއީ މޮޔައެއް ކަމަށް ސިފަ ކުރާއިރު އަނެއް ބަޔަކު ބުނަމުން ދަނީ ޒޯޔާއަކީ މި ފިލްމްގައި އޭލިއަންއެއް ކަމަށެވެ. ލަސްވިއަސްއަކީ މީގެ 5 އަހަރު ކުރިން ޓެޑްރީ ޕްލޭން ކޮށްފައިވާ ޕްރޮޖެކްޓެކެވެ.
އެހެން ނަމަވެސް ދިމާވި ބައެއް ސަބަބުތަކާ ހެދި އޭގެ ނަމާ އެއްގޮތަށް ލަސްވެގެން ދިޔައީއެވެ. އެފިލްމާ މެދު ޓެޑްރީ ބުނީ މިހާރު ކުރިއަށް ދަނީ "ލަސްވިއަސް"ގެ ޕްރީ ޕްރޮޑަކްޝަން ޕްލޭނިން ކަމަށެވެ. މި ފިލްމަކީ ޓެޑްރީގެ އަމިއްލަ ސްކްރީން ޕްލޭއެކެވެ. މުހައްމަދު އިކްރާމް މިއުޒިކް ހަދާ "ލަސްވިޔަސް" ސިނަމާ އަށް އަންނާނީ 2018 ގަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް