ދިވެހި މޮޑެލް ރައުދާ އާތިފް މަރުވެފައި ވަނީ އަމިއްލަ އަށް ކަމަށާއި އޭނާ މަރުވުމުގެ ކުރިން މަރުވާނެ ކަމަށް ބުނެ ރައްޓެއްސަކަށް މެސެޖްކުރި ކަމަށް އޭނާ މެޑިސިން ކިޔަވަމުންދިޔަ ކޮލެޖުން ބުނެފިއެވެ.
ބަންގްލަދޭޝްގައި ޑޮކްޓަރުކަން ކިޔަވަމުން ދިޔަ ރައުދާގެ މަރުގެ ތަހްގީގުކުރަން އެކުލަވައިލި ކޮމިޓީގެ ރިޕޯޓް އަންގާރަ ދުވަހު ރާޖްޝާހީ އިސްލާމިކް ބޭންކް މެޑިކަލް ކޮލެޖާ ހަވާލުކޮށްފައިވާ އިރު އެ ރިޕޯޓާ ހަވާލާދީ ފަސް މެންބަރުންގެ އެ ކޮމިޓީގެ ވެރިޔާ އަދި ކޮލެޖްގެ ވައިސް ޕްރިންސިޕަލް ޕްރޮފެސަރު އެމްއޭ މުކިތު ސަރްކާރް ވިދާޅުވީ ރައުދާ މަރުވުމުގެ ތިން ހަފްތާއެއްހާ ދުވަސްކުރިން އަމިއްލަ އަށް މަރުވާނެ ކަމަށް ބުނެ އޭނާގެ ރަހްމަތްތެރިއަކަށް މެސެޖްކޮށްފައިވާ ކަމަށެވެ. ނަމަވެސް އެއީ މަޖަލަކަށް ބުނި ވާހަކައެއް ކަމަށް ވެސް ބުނެފައިވާ ކަމަށް މުކިތު ވިދާޅުވިއެވެ.
މި ކޮމިޓީން ވަނީ 19 މީހެއްގެ ބަޔާން ނަގާފައެވެ. އޭގެ ތެރޭގައި ކޮލެޖްގެ ދަރިވަރުންނާއި، ސްޓާފުންނާއި އެ ނޫން ވެސް ވަރަށް ގިނަ ބަޔަކު ހިމެނެއެވެ.
އެ ރިޕޯޓްގައިވާ ގޮތުން ޓެސްޓްގެ ކުރިން މަރުވާނެ ކަމަށް ބުނެ މާޗް 9 ވަނަ ދުވަހު ރައުދާ މެސެޖްކޮށްފައިވާ ކަމަށް އޭނާގެ ކްލާސްމޭޓެއް ކަމަށްވާ ސަންޖީވް ބިސްތާ ދިން ބަޔާނުގައި ބުނެފައި ވެއެވެ. ނަމަވެސް ފަހުން އެއީ ސަމާސާއަކަށް ބުނި އެއްޗެއް ކަމަށް އޭނާ ބުނެފައި ވެއެވެ.
"އޭނާ ދަންޖެހުނު ވާހަކަ ބުނުމުން އަހަރެން ފުރަތަމަ ގަބޫލެއް ނުކުރަން. އަހަރެން ހީކުރީ އެއީ ޖޯކެއް ކަމަށް. އޭނާ ކަހަލަ ކުއްޖަކު އަމިއްލަ އަށް މަރުވެދާނެ ކަމަށް ގަބޫލު ނުކުރެވުނީ،" ސަންޖީވްގެ ބަޔާނުގައި ވެއެވެ.
ރިޕޯޓްގައި ބުނެފައިވާ ގޮތުން ރައުދާ ދޮރު ޖަހާފައި ރަނގަޅަށް ތަންޑު އަޅުވާފައެއް ނުވެއެވެ. އެހެން ކަމުން ދޮރު ތަޅުވާލުމުން ދޮރު ހުޅުވުނީ ކަމަށް ރިޕޯޓްގައި ފާހަގަކޮށްފައި ވެއެވެ. ރައުދާގެ މަރުގެ ތަހްގީގަށް ބަންގްލަދޭޝް އަށް ދިޔަ ދިވެހި ފުލުން ކުރި ތަހްގީގަށް ފަހު އަންގާރަ ދުވަހު ބޭއްވި ޕްރެސް ކޮންފަރެންސްގައި ވެސް އެކަން ފާހަގަކޮށްފައި ވެއެވެ. އަދި އޭގެ ތަފްސީލްތައް ދީފައި ވެއެވެ.
އެ ރިޕޯޓްގައި ބުނެފައި ވަނީ ދަންޖެހިފައި ހުއްޓާ ރައުދާ ތިރިކުރީ އިންޝާ ކިސްތީ ނަމަކަށް ކިޔާ ދަރިވަރެއް ކަމަށެވެ. އަދި އެ މީހުން އޭނާ ތިރިކުރީ ރައުދާ ދިރިހުރި ކަމަށް ހީކޮށް އޭނާ ސަލާމަތްކުރުމުގެ ނިޔަތުގައި ކަމަށް ވެސް ބުނެފައި ވެއެވެ.
ބަޔާނުގައި އިންޝާ ބުނެފައި ވަނީ ރައުދާ ފެނުމާ އެކު ކަރުގައި އައްސާފައި އޮތް ސްކާފް ނައްޓާލުމަށް މަސައްކަތްކުރި ކަމަށެވެ.
"ކޮންމެ ވެސް މީހަކު އަހަރެން އަތަށް ވަޅިއެއް ދިން. ދެން އަހަރެން އެ ސްކާފް ކަނޑާލައި އެނދުމައްޗަށް އޭނާ ތިރިކުރީ،" އިންޝާގެ ބަޔާނުގައި ބުނެފައި ވެއެވެ،
ޕްރޮފެސަރު މުކިތު ވިދާޅުވީ އެ ރިޕޯޓް ކަމާ ބެހޭފަރާތްތަކަށް ހުށަހަޅުއްވާނެ ކަމަށެވެ.
ދިވެހި ފުލުހުން އަންގާރަ ދުވަހު ވަނީ ރައުދާގެ މަރާ ގުޅޭ މުހިންމު މައުލޫމާތުތަކެއް އާންމުކޮށްފައެވެ. ނަމަވެސް މިކަމުގެ ހަގީގަތް އެންމެ ބޮޑަށް ތިލަވާނެ ކަމަށް ބެލެވޭ ދެ ކަމެއް ރައުދާގެ ޕްރައިވަސީއަށްޓަކައި ވަނީ ސިއްރުކޮށްފައެވެ. އެއީ ރައުދާ މަރުވި ރޭ އޭނާ ޑޮކްޓަރަށް ދެއްކުމުން ދިން ބޭސް ސިޓީ އާއި ފޯނު ހުޅުވައިގެން ލިބުނު މައުލޫމާތުތަކެވެ.
ރައުދާގެ އާއިލާއާ ހަވާލާދީ ބަންގްލަދޭޝްގެ މީޑިއާތަކުން ބުނެފައި ވަނީ ރައުދާގެ ފޯނުގައި ހުރި މެސެޖްތައް ފުލުހުން އާއިލާއާ ހިއްސާކޮށްފައިވާ ކަމަށާއި ރައުދާ މަރުވުމުގެ ކުރިން ލޯބިވެރިޔާ ދެކެ ހިތްހަމަނުޖެހިގެން މެސެޖްތަކެއް ކޮށްފައިވާ ކަމަށެވެ. ނަމަވެސް އާއިލާ އިން ބުނެފައި ވަނީ ރައުދާއަކީ އެފަދަ ކަމެއް ހެންޑްލްކުރެވޭ ވަރުގެ ކުއްޖެއް ކަމަށެވެ.
އުމުރުން 21 އަހަރުގެ ރައުދާގެ މަރާ ގުޅިގެން ޖަވާބު ނުލިބޭ އެތައް ސުވާލުތަކެއް އަދިވެސް ހުރި އިރު އާއިލާ އިން ތުހުމަތުކުރާ ގޮތުގައި މީހަކު ނުވަތަ ބަޔަކު ރައުދާ މަރާލީ އެވެ. އަދި އެކަމާ ގުޅިގެން ޝައްކުތަކެއް އުފެދޭތީ ކޮލެޖްގައި ރައުދާގެ އެންމެ ގާތް އެކުވެރިޔާ އަދި ރައުދާ މަރުވި ރޭ ރައުދާއާ އެކު ހޮސްޕިޓަލަށް ދިޔަ ސީރަތު ޕަރްވީންގެ މައްޗަށް ދައުވާކޮށްދިނުމަށް ރައުދާގެ އާއިލާ އިން ވަނީ ރާޖްޝާހީ މެޖިސްޓްރޭޓް ކޯޓަށް ހުށަހަޅާފައެވެ. އަދި އެ ޕެޓިޝަނާ ގުޅިގެން ކޯޓުން ވަނީ އެ މައްސަލަ ރަނގަޅަށް ތަހްގީގުކުރުމަށް ފުލުހުންގެ މައްޗަށް އަމުރުކޮށްފައެވެ.