ކ. މާލެ
|
27 ޖުލައި 2020 | ހޯމަ 13:16
މާލޭ އެކުވެނި ދުވާ ޓްރެކް: މިހާރު ކުރިއަށްދަނީ އެ ތަނުގެ ބިން އެއްވަރުކުރުމުގެ މަސައްކަތް
މާލޭ އެކުވެނި ދުވާ ޓްރެކް: މިހާރު ކުރިއަށްދަނީ އެ ތަނުގެ ބިން އެއްވަރުކުރުމުގެ މަސައްކަތް
އިސްމާޢީލް ޝާހް
އެކުވެނި ދުވާ ޓްރެކް މަރާމާތުކުރުން
އެކުވެނި ދުވާ ޓްރެކް ސިންތެޓިކް ޓްރެކަކަށް ބަދަލުކުރަނީ
24 އަހަރަށްފަހު ކުޅިވަރު އެކުވެނި ދުވާ ޓްރެކް އަލުން މަރާމާތު ކުރުމުގެ މަސައްކަތް ފެށީ ޖޫން މަހުގެ 22 ވަނަ ދުވަހު
ސަރުކާރު ބަންދަށް ފަހު އެތަނުގައި ސިންތެޓިކް ޓްރެކެއް އެޅުމަށް ރަސްމީކޮށް ކުރަން ޖެހޭ ކަންކަން ކުރިއަށްދާނެ

މާލޭ ހުޅަނގު ފަރާތު އެކުވެނި ދުވާ ޓްރެކް ސިންތެޓިކް ޓްރެކަކަށް ބަދަލުކުރާނެ ކަމަށް ކުޅިވަރާ ބެހޭ ވަޒީރު އަޙްމަދު މަޙްލޫފް ވިދާޅުވެއްޖެއެވެ.

މާލޭގައި ގިނަބަޔަކު ކަސްރަތު ކުރުމަށް ބޭނުންކުރާ ކުޅިވަރު އެކުވެނީގެ ދުވާ ޓްރެކް، 24 އަހަރަށްފަހު އަލުން މަރާމާތު ކުރުމުގެ މަސައްކަތް ފަށާފައިވަނީ ޖޫން މަހުގެ 22 ވަނަ ދުވަހެވެ. މިހާރު އެ ތަނުގެ ބިން އެއްވަރު ކުރުމުގެ މަސައްކަތް ކުރިއަށްދާއިރު، ޒަމާނީ ފެންވަރަށް ޓްރެކް ސަރަހައްދު ތަރައްގީ ކުރަނީ ސީއެސްއާރު މަޝްރޫއުގެ ދަށުން އާރުކޭއެލް ކުންފުނިންނެވެ.

އާދީއްތަ ދުވަހު ކުޅިވަރާ ބެހޭ ވަޒީރު އަޙްމަދު މަޙްލޫފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މިހާރު އެ ޓްރެކުގެ ބިން އެއްވަރު ކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށާއި، ސަރުކާރު ބަންދަށް ފަހު އެތަނުގައި ސިންތެޓިކް ޓްރެކެއް އެޅުމަށް ރަސްމީކޮށް ކުރަން ޖެހޭ ކަންކަން ކުރިއަށްދާނެ ކަމަށެވެ.

މާލޭ އެކުވެނި ދުވާ ޓްރެކް ގާއިމުކުރީ 1996 ވަނަ އަހަރެވެ. މީގެ ކުރިން ރާއްޖޭގެ އެތުލީޓުންވެސް ތަމްރީނު ހެދުމަށް ބޭނުންކުރި އެކުވެނި ދުވާ ޓްރެކް އާންމު ގޮތެއްގައި ބޭނުން ކުރަމުން އަންނަނީ އާންމު ރައްޔިތުން ކަސްރަތު ކުރުމަށެވެ. ޓްރެކްގެ ފަސްގަނޑުގައި ވަޅުގަނޑު ހެދުމުގެ އިތުރަށް ވާރޭ ވެހުމުގެ ސަބަބުން ފެން ބޮޑުވުމާއި ގުޅިގެން ދުވާ މީހުންނަށް ބޮޑެތި ގޮންޖެހުންތަކަކާ މީގެ ކުރިން ވަނީ ކުރިމަތިލާން ޖެހިފައެވެ.

އަދި އެތަނުގައި ރަސްމީކޮށް ކްރިކެޓް ކުޅޭ ދަނޑުވެސް އޮތުމާއެކު، ޓްރެކުގެ ބޭނުން ދުވުމުގެ އިތުރަށް ކްރިކެޓް ކުޅުމަށާއި ކަސްރަތު ކްލާސްތައް ބާއްވަންވެސް ބޭނުންކުރެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
- ކޮމެންޓް