ކޮވިޑް-19 ޖެހިގެން ރިކޯޑް އަދަދަކަށް މީހުން އެއް ދުވަހާ ރަނގަޅުވެފައި ވީނަމަވެސް ވައިރަހުގެ ނުރައްކާތެރިކަން އަދިވެސް ކުޑަނުވާ ކަމަށާއި ވައިރަހަށް ދޭންޖެހޭ ސަމާލުކަމަށް ކުޑަނުވާކަމަށް އިންޑިޔާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވިދާޅުވެއްޖެއެވެ.
ކޮންމެ އާދިއްތަ ދުވަހަކު ރޭޑިއޯ މެދުވެރިކޮށް ގައުމާ މުޚާތަބުކުރައްވާ ދެއްވާ ޚިތާބުގައި މޯދީ ވިދާޅުވީ އިޖުތިމާޢީ ގައިދުރުކަން ގެންގުޅުމާއި މާސްކު އެޅުމަކީ މުހިންމު ކަމެއްކަމަށެވެ.
ފާއިތުވި 24 ގަޑިއިރު 48،000ށް ވުރެ ގިނަ މީހުންނަށް ވަނީ ކޮވިޑް-19 ޖެހިފައެވެ. 1.4 މިލިއަން މީހުންނަށް މިހާތަނަށް އައިއިރު ކޮވިޑް-19 ޖެހިފައިވާއިރު 30،000ށް ވުރެ ގިނަ މީހުން ވަނީ މިހާތަނަށް އައިއިރު މިވައިރަސް ޖެހިގެން މަރުވެފައެވެ.
އާދިއްތަ ދުވަހު އިންޑިޔާ ސަރުކާރުން ބުނެފައިވަނީ ވައިރަސް ޖެހިފައިވާ މީހުންގެ ތެރެއިން 36،145 މީހުން ރަނގަޅުވެގެން ހޮސްޕިޓަލްތަކުން ދޫކޮށްލާފައިވާ ކަމަށެވެ. މިއީ މިހާތަނަށް 24 ގަޑިއިރުތެރޭގައި އެންމެ ގިނަ އަދަދެއްގެ މީހުންގެ ރަނގަޅުވެގެން ދޫކޮށްލިކަމުގެ ރިކޯޑެކެވެ. ހަމައެއާއެކު 24 ގަޑިއިރުތެރޭގައި 440،000 ޓެސްޓް ވެސް އިންޑިޔާއިން ވަނީ ހަދާފައެވެ.
މޯދީގެ ޚިތާބުގައި އިތުރަށް ވިދާޅުވީ ވައިރަހުގެ ނުރައްކާތެރިކަން އަދި ކުޑަވާން ކައިރިނުވާކަމަށާއި ގިނަ ހިސާބުތަކެއްގައި އަދިވެސް ހަލުވިކަމާއެކު ވައިރަސް ފެތުރެމުންދާ ކަމަށެވެ. އެހެންކަމުން އަދިވެސް ވަރަށް ބޮޑަށް ވައިރަސްއަށް ސަމާލުވާންޖެހޭ ކަމަށް މޯދީ ވިދާޅުވިއެވެ.
ފާއިތުވި ހަފްތާތަކުގައި އިންޑިޔާގެ ކުދިކުދި ސަރަހައްދުތަކުގައި ވައިރަސް ފެތުރޭ މިންވަރު ވަނީ އިތުރުވާން ފަށާފަ އެވެ. ކަމާބެހޭ މާހިރުން ބުނާގޮތުގައި ވައިރަސް ފެތުރޭ މިންވަރު އިތުރުވާކަމަށް ފެންނަނީ ޓެސްޓް ކުރެވޭ މިންވަރު އިތުރުވީމަ ކަމަށެވެ.
ހުޅަނގު މަހަރަޝްތްރ އަކީ އެންމެ ހަލުވިމިނުގައި ވައިރަސް ފެތުރެމުންދާ ހިސާބެވެ. އެހިސާބުގައި އެކަނިވެސް 360،000 މީހުންނަށް ވައިރަސް ވަނީ ޖެހިފައެވެ.
ކޮވިޑް-19 ފެތުރުން ކޮންޓްރޯލްކުރުމަށް މުޅި އިންޑިޔާ ލޮކްޑައުންކޮށްފައިވަނީ މަރޗް މަހުގެ 25 ވަނަ ދުވަހުއެވެ. އެހެންނަމަވެސް ފާއިތުވި ހަފްތާތަކުގައި އިންޑިޔާއިން ވަނީ ލޮކްޑައުންގައި އަޅާފައިވާ ފިޔަވަޅުތަކަށް ލުއިތައްދޭން ފަށާފައެވެ.