އުތުރު ކޮރެއާއިން ވެސް ކޮވިޑް-19އަށް ޝައްކުވާ ކޭސްއެއް ފެނިއްޖެއެވެ.
އުތުރު ކޮރެއާގެ ސްޓޭޓް ނިއުސް އޭޖެންސީއާ ޙަވާލާދީ ބީބީސީގައި ރިޕޯޓް ކޮށްފައިވާ ގޮތުން އުތުރު ކޮރެއާއިން ކޮވިޑް-19އަށް ޝައްކުވާ ކޭސްއެއް ވަނީ ފެނިފައެވެ. އަދި އޭނާއަކީ މީގެ 3 އަހަރު ކުރިން ފިލައިގެން ދެކުނު ކޮރެއާއަށް ދިޔަ މީހެއް ކަމަށްވެސް ބީބީސީގައި ރިޕޯޓް ކޮށްފައިވެއެވެ. އަދި އޭނާގެ ފަރާތުން ކޮވިޑް-19އަށް ޝައްކުވާ އަލާމަތްތަކެއް ފެނުމާއެކު، ރައްކާތެރިވުމުގެ އިންޒާރު ވަނީ ދީފައެވެ.
ބީބީސީގައި ރިޕޯޓް ކޮށްފައިވާ ގޮތުން އެމީހާ ދެކުރު ކޮރެއާއަށް ދިއުމަށްފަހު، އަނބުރާ އައީ މި ހިނގާ ޖުލައި މަހުގެ 19 ވަނަ ދުވަހުއެވެ. އަދި އޭނާ އެނބުރި އައިސް، އުތުރު ކޮރެއާއަށް އެތެރެވާން މަސައްކަތްކުރީ ޤަވާއިދާ ޚިލާފަށް ބޯޑަރު ހުރަސްކޮށްގެން ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.
އޭގެ އިތުރުން، އޭނާ އުޅުނު ސަރަޙައްދު ލޮކްޑައުންކޮށް، ރައްކާތެރި ކަމުގެ ފިޔަވަޅުތައް ވަރުގަދަ ކުރުމަށް އެ ޤައުމުގެ ލީޑަރު ކިމް ޖޮންގ އުން ވަނީ ކުއްލި ބައްދަލުވުމެއް ބާއްވައި މަޝްވަރާ ކުރައްވާފައެވެ. މި ބައްދަލުކުރެއްވުމުގައި ކިމް ވަނީ ވައިރަސް ފެތުރުން ކޮންޓްރޯލް ކުރުމަށް "މެކްސިމަމް އިމަރޖެންސީ ސިސްޓަމެއް ޤާއިމު ކުރުމަށް އަމުރު ކުރައްވާފައެވެ.
އަދި އޭނާ ބޯޑަރު ހުރަސްކޮށް އުތުރު ކޮރެއާއަށް އެތެރެވި ގޮތުގެ ފުރިހަމަ ތަޙުޤީޤެއް ހިންގައި، އެކަމުގައި ހިމެނޭ މީހުންނަށް ހަރުކަށި އަދަބު ދޭންޖެހޭނެ ކަމަށް ކިމް ވަނީ ވިދާޅުވެފައެވެ.
އުތުރު ކޮރެއާއިން މީގެ ކުރިން ކޮވިޑް-19 ގެ އެއްވެސް ކޭސްއެއް ފެނިފައިނުވާކަމަށް އެ ޤައުމުގެ ކަމާބެހޭ ފަރާތްތަކުން ބުނަމުން ދިޔަ ނަމަވެސް، އެ ޤައުމުން ކޮވިޑް-19 ގެ ކޭސްތައް ފެނުނު ނަމަވެސް ސިއްރު ކުރަމުންދާކަމަށް ބައެއް ފަރާތްތަކުން ތުހުމަތު ކުރެއެވެ.
ކޮވިޑް-19އިން ރައްކާތެރިވުމަށް އުތުރު ކޮރެއާއިން މީގެ 6 މަސް ކުރިން ވަނީ ބޯޑަރު ބަންދުކޮށް، އެތައް ހާސް މީހުން އައިސޮލޭޝަންގައި ވެސް ބައިތިއްބާފައެވެ.