ދިވެހިރާއްޖެ މިނިވަންކަންމަތީގައި ދެމިއޮތުމަށްޓަކައި ގައުމު އެތެރޭގެ މަސްލަހަތާއި ސުލްހަވެރިކަން ހިމާޔަތްކުރުމަކީ އަބަދުވެސް ސަމާލުވެ ތިބެންޖެހޭ ކަމެއް ކަމަށް ހޯމް މިނިސްޓަރު ޝެއިހް އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.
ދިވެހިރާއްޖޭގެ މިނިވަންކަމަށް 55 އަހަރު ފުރޭ ދުވަހާއި ގުޅިގެން ރާއްޖެޓީވީގައި ކުރިއަށްދާ ޚާއްސަ ލައިވް ކަވަރޭޖްގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު އިމްރާން ވިދާޅުވީ 21 ވަނަ ގަރުނަށް އެޅިގެންދާއިރުގަ މުޅި ދުނިޔެ ކުޑަކުޑަ ވިލެޖެއް ގޮތަށް ބަދަލުވެފައިވާ ކަމަށާއި، އެގޮތަށް ސިފަ ކުރެވޭ ކަމަށެވެ.
އެގޮތުން، ދުނިޔޭގެ އެކިކަންކޮޅުތަކުގަ ހިނގާ ތަފާތު ހާދިސާތަކާއި، ކަންކަމުގެ އަސަރު ރާއްޖެއަށް ވެސް ކުރަމުންދާ ކަމަށެވެ. ބޭރު ދުނިޔޭގައި ބައެއް ޒުވާނުން ކުރާ ކަންކަމާއި، ފިލްމުތަކުން ފެންނަ ކަންކަމަށް ބައެއް ޒުވާނުން ދިރިއުޅުން ބައްޓަން ކުރަން ބޭނުންވާ ކަމަށެވެ. އަދި ބައެއް ޒުވާނުންގެ ބަހުރުވައަށް ބަދަލު އައިސް ބައެއް ޒުވާނުން ގޭންގް ސްޓައިލްއަށް ވެއްޓޭކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.
މިނިސްޓަރު އިމްރާން ވިދާޅުވީ މިއީ ކުށުގެ ވެއްޓަށް ހުށަހެޅުމުގެ ފުރަތަމަ މަރުހަލާ ކަމަށްވާއިރު، މިފަދަ ނޭދެވޭ ކަންކަމުން މުޖުތަމައު ސަލާމަތް ކުރުމަށް އެންމެން އެކުގައި މަސައްކަތް ކުރަންޖެހޭ ކަމަށެވެ. އަދި ވިދާޅުވީ މުޖުތަމައު ރަނގަޅު ގޮތުގައި ބަލަހައްޓާ ސުލްހަވެރިކަމާއެކު ކަންކަން ހައްލު ކުރުމަކީ ދާހިލީ މަސްލަހަތަށް އޮތް ވަރަށް މުހިންމު ކަމެއް ކަމަށެވެ.
ރާއްޖޭގެ މަސްތުވާތަކެތީގެ ހާލަތު އަދި މިފަހަކަށް އައިސް ވަރަށް ބޮޑުވެ ފުޅާވެގެން ދާން ފަށާފައިވާ ކުށްތަކުގެ ތެރޭގައި ކުޑަކުދިންނަށް ތަފާތު، ޚާއްސަކޮށް ޖިންސީ ގޯނާ ފުރައްސާރަތައް ކުރުމާއި، އަދި އަންހެން ކަނބަލުންނަށް ވެސް އެފަދަ ފުރައްސާރަތައް ކުރުމުގެ ނަތީޖާގެ ގޮތުން މުޖުތަމައުގެ ތެރޭގައި އެއޮތް އަމާން ކަމާއި، ރައްކާތެރިކަމުގެ އެ އިހުސާސް ކޮންމެވެސް ވަރަކަށް އެއަށް ލޮޅުން އަރާ އަސަރު ކުރާ ކުރުން އެއީ އަޅުގަނޑުގެ ހިތުން އަޅުގަނޑުމެން އެންމެންގެ މަސްލަހަތާއި، އެންމެންގެ މިނިވަންކަމަށްޓަކައި ވިސްނާ ފިކުރު ކުރަންޖެހޭ ކަމެއް. އެފަދަ ކަންކަމުން ސަލާމަތް ކުރުމަށް އެންމެން އެކުގައި މަސައްކަތް ކުރަންޖެހޭ. އެއީ މިނިވަންކަން ސަލާމަތްވެ، މިނިވަންކަން ދިފާއު ކުރެވޭނީ އެންމެން އެކުވެގެން. އެހެންވީމަ އެންމެންގެ މަސްލަހަތު ހިމާޔަތް ކުރެވޭ ކަންކަން އެންމެން އެކުގަ ގުޅިގެން މަސައްކަތް ކުރެވޭނީ. އޭގެ ނަތީޖާއެއްގޮތުން ބޭރުގެ ފަރާތްތަކުން އަންނަ އުދުވާން ތަކާއި ނުރައްކާތަކުން ސަލާމަތްވެ މިނިވަން ބައެއްގެ ގޮތުގައި ދެމިތިބެވޭނީ.ހޯމް މިނިސްޓަރު ޝެއިހް އިމްރާން އަބްދުﷲ
މިނިވަން ކަމަށް އަލިއަޅުއްވާލައްވާ މިނިސްޓަރު އިމްރާން ވިދާޅުވީ މިނިވަންކަންކަމުގައި ދެމިތިބުމަށް އެންމެ މުހިންމު އެއް އަސާސަކީ ދާހިލީ މަސްލަހަތާއި ހަމަޖެހުމާއި، ސުލްހަވެރިކަން ކަމަށެވެ.
އޭގެ މައްޗަށް ބިނާކޮށް އެބައެއްގެ ބޭރުން އަންނަ ނުފޫޒުތަކުން ސަލާމަތްވެ މިނިވަންކަންމަތީގައި ތިބެވޭ ކަމަށާއި، މިނިވަންކަން ދެމެހެއްޓުމަށްޓަކައި އެބައެއްގެ އެތެރޭގެ ސުލްހައާ މަސްލަހަތު އެކުވެރިކަން އިޖްތިމާއީ ރަހުމަތްތެރި ގުޅުން ދެމެހެއްޓުން ވަރަށް މުހިންމު ކަމަށް މިނިސްޓަރު އިމްރާން ވިދާޅުވިއެވެ. އަދި ޚާއްސަކޮށް އެތެރޭގެ މަސްލަހަތާއި ސުލްހަވެރިކަން ހިމާޔަތްކުރުމަކީ އަބަދުވެސް ސަމާލުވެ ތިބެންޖެހޭ ކަމެއްގެ ގޮތުގައި މިނިސްޓަރު ފާހަގަކުރެއްވިއެވެ.