ކ. މާލެ
|
26 ޖުލައި 2020 | އާދީއްތަ 07:33
އިރާނުގެ ރައީސް ހަސަން ރޫހާނީ
އިރާނުގެ ރައީސް ހަސަން ރޫހާނީ
ރޮއިޓަރސް
ކޮވިޑް-19 އިރާނުގެ ހާލަތު
ދީނީ ހަފްލާތަކުގައި ކޮވިޑުން ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުތަކަށް ސަމާލުވުމަށް އިރާނުގެ ރައީސް އިލްތިމާސް ކުރައްވައިފި
އިޖުތިމާޢީ ގައިދުރުކަން ގެންގުޅުމާއި މާސްކު އެޅުމަށް ސަމާލުކަން ދިނުމަށް ރޫހާނީ ވަނީ އެދިވަޑައިގަންފައި

ކުރިޔަށް އޮތް ދީނީ ބޮޑެތި ހަފްލާތަކުގައި ބައިވެރިވާއިރު ކޮވިޑް-19 އިން ރައްކާތެރިވުމަށް ސަމާލުކަމަށް ދިނުމަށް އަންގާފައިވާ ކަންކަމަށް ސަމާލުކަން ދިނުމަށް އިރާނުގެ ރައީސް ހަސަން ރޫހާނީ އެ ގައުމުގެ ރައްޔިތުންނަށް ގޮވާލައްވައިފިއެވެ.

އެގޮތުން އިޖުތިމާޢީ ގައިދުރުކަން ގެންގުޅުމާއި މާސްކު އެޅުމަށް ސަމާލުކަން ދިނުމަށް ރޫހާނީ ވަނީ އެދިވަޑައިގަންފައެވެ. ޖުލައި މަހު ފަހުކޮޅު މުސްލިމުންނަށް އަލްހާއީދު ބައްދަލުކުރާނެއެވެ.

ޓީވީ މެދުވެރިކޮށް ރައްޔިތުންނާ މުޚާތަބު ކުރައްވާ ރޫހާނީ ވިދާޅުވީ މިސްކިތްތަކުގައި ދީނީ އިހުތިފާލްތައް ބާއްވާއިރު ސިއްހީ ގޮތުން ސަމާލުކަން ދޭންޖެހޭ ކަންކަމަށް ސަމާލުކަން ދިނުމަށެވެ. އަދި ޝީޢީންގެ އިމާމު ހުސައިންގެފާނު ޝަހީދުކޮށްލި ދުވަސްވެސް އެގޮތުގައި ފާހަގަކުރާ އާޝޫރާ ދުވަސް ވެސް އެގޮތަށް ފާހަގަކުރުމަށް ރޫހާނީ އެދިވަޑައިގެންނެވިއެވެ.

ޓީވީ މެދުވެރިކޮށް ވާހަކަ ދައްކަވަމުން އިރާނުގެ ޑެޕިއުޓީ ހެލްތު މިނިސްޓަރ އިރާޖް ހައިރިރްޗި ވަނީ އިރާނުގެ އުތުރުއިރުމަތި ސިޓީ ކަމަށްވާ މަޝާދް އަށް ނުދިޔުމަށް އިލްތިމާސްކޮށްފައެވެ. އެ ސިޓީގައި ވައިރަސް ފެތުރޭ މިންވަރު މަސް ދުވަސް ތެރޭގައި %300 ވަނީ އިތުރުވެފައެވެ. މަޝާދް އަކީ އިރާނުގެ ޝީޢީންގެ މުގައްދަސް ސިޓީއެކެވެ.

އިރާނުގައި މިހާތަނަށް 288،839 މީހުންނަށް ވަނީ ކޮވިޑް-19 ޖެހިފަ އެވެ. އަދި 15،485 މީހުން ވަނީ ވައިރަސް ޖެހިގެން މަރުވެފައެވެ.

- ކޮމެންޓް