އާސަންދައިގެ ދަށުން އިންޑިއާގެ އަމްރިތާ ހޮސްޕިޓަލުން ބޭސްފަރުވާ ހޯދަން ދިޔަ ތިން ދިވެއްސަކު ނިޔާވެއްޖެއެވެ.
އެކަމާއި ގުޅިގެން އާސަންދައިން ބުނީ ނިޔާވި މީހުންނަކީ ރާއްޖެއިން ފުރިއިރު ވެސް ޑޮކްޓަރުން އުންމީދު ކަނޑާލާފައިވާ ތިން މީހުން ކަމަށެވެ. އަދި އެމީހުންނަކީ ކޮވިޑަށް ފަރުވާ ކުރަމުންދިޔަ ބައެއް ނޫން ކަމަށް ވެސް އާސަންދައިން ބުނެއެވެ.
މީގެއިތުރުން އާސަންދައިން ބުނެފައިވަނީ މިހާރު ފަރުވާއަށް އަމްރިތާ ހޮސްޕިޓަލަށް ގޮސް ތިބި ބަލި މީހުންނާއި އެހީތެރިންގެ ތެރެއިން ތިން މީހަކު ކޮވިޑަށް ޕޮޒިޓިވްވުމާއެކު އެ ތިން މީހުން ވަނީ ވަކިން ކަރަންޓީން ކޮށްފައި ކަމަށެވެ. އަދި މިކަމާއި ގުޅިގެން ބައެއް މީހުން ވަކިން އައިސޮލޭޓް ވެސް ކުރަން ޖެހިފައިވާ ކަމަށާއި އެކަމާ ގުޅިގެން މިވަގުތު އަމްރިތާގައި އިތުރަށް ކަރަންޓީން ކޮށްގެން ފަރުވާ ދެވޭނެ ޖާގަ ނެތްކަމަށް އާސަންދައިން ބުނެއެވެ.
އެހެންކަމުން ބުދަ ދުވަހު ފަރުވާއަށް ފޮނުވާ ބެޗު ކިމްސް ހޮސްޕިޓަލަށް ފޮނުވަން ހަމަޖެހިފައިވާ ކަމަށް އާސަންދައިން ބުނެއެވެ.