ކޮވިޑް-19 އާއި ގުޅިގެން ކުރިންވެސް ތަރުތީބު ކުރެވެފައި ހުރި ފިޔަވަޅުތައް އަޅަމުންދާނެ ކަމަށް ހެލްތު މިނިސްޓަރ އަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ.
ހޮނިހިރު ދުވަހުގެ ރޭ އައްޑޫ ސިޓީ، ފުވައްމުލަކު ސިޓީ އަދި ހއ. އިހަވަންދޫގެ ކޮވިޑް މެނޭޖްމަންޓް ފެސިލިޓީ ހުޅުވަން ބޭއްވި ރަސްމިއްޔާތުގައި ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވީ އެހެންނަމަވެސް ރައްޔިތުންނަށް އެއްތަނުން އަނެއްތަނަށް ދެވޭނެ ގޮތަށް މަގުފަހިވާ ގޮތަށް އަދި ވިޔަފާރިތަކާއި އާންމު ހަރަކާތްތަކަށް ބުރުނާރާނެ ގޮތަށް ކަންކަން ތަރުތީބުކު ކުރުމަށް އިސްކަންދެއްވާނެ ކަމަށެވެ. އެއާއެކު މިހާރު މިބަލި ފެތުރެމުންދާ ނިސްބަތާއި މިހާރުގެ ހާލަތަށް ބަލާ އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުން ދާނެކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ ބަލިން ރައްކާތެރިވުމަށް ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން ކުރަމުންދިޔަ މަސައްކަތާއި ކަމާބެހޭ ފަރާތްތަކުގެ އިރުޝާދުތަކަށް ރައްޔިތުން ބޯލެނބުމުގެ ސަބަބުން ބަލި ނުރައްކާތެރި ހާލަތަކަށް ނުގޮސް ކޮންޓްރޯލް ކުރެވިފައިވާ ކަމަށެވެ. ނަމަވެސް ބަލިން ރައްކާތެރިވުމަށް އަޅަންޖެހޭ ފިޔަވަޅުތައް ދޫކޮށްލާ ހިސާބަށް އަދި ނުދާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މިހެން މިދެންނެވީ ބައެއް ހުޅުވުންތަކާއި ބައެއް ފަސޭހަތައް އަޅުގަނޑުމެންނަށް ލިބިގެންދާއިރު މިފަސޭހަތަކާމެދު ސަމާލުކަން ނުދެވިއްޖެނަމަ އަޅުގަނޑުމެން ކުރިމަތީގައި އޮތް ދުވަސްތައް އުނދަގޫ ދުވަސްތަކަށް ވެގެންދާނެ. އަޅުގަނޑު ތިބޭފުޅުންނަށް އިލްތިމާސްކުރާ ހިތްވަނީ މާސްކު އެޅުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއްކަމުގައި ދެކެވަޑައިގަންނަވާށޭ. އަދި ބޭރުތެރޭގައި އުޅޭފައި ގެއަށް ވަޑައިގަންނަވާ ކަމަށްވާނަމަ އަތްދޮވުމަކީ މިއީ ހަމައެކަނި ދޫމަތިން ފަރިތަކޮށް ކިޔާލުމުގެ ބަދަލުގައި އަމަލީ ގޮތުން ކުރާ ކަމަކަށް ހައްދަވާށޭ. ފިހާރައަކަށްވެސް އަދި އެނޫން ކަމެއްގައިވެސް ބޭރަށްދާ ކަމަށްވާނަމަ އޮފީހުން ގެއަށް އެނބުރި ވަޑައިގެން ކަމުގައިވިޔަސް މިދެންނެވި ކަންކަމަށް ސަމާލުކަން ދިނުމަކީ އެއީ މުހިންމު ކަމެކޭ. މިހާރު ބައްޔަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވަމުން މިދަނީ.ހެލްތު މިނިސްޓަރ އަބްދުﷲ އަމީން
މިނިސްޓަރ ވިދާޅުވީ ކުރިޔަށް އޮތީ އީދު ޗުއްޓީއަށްވާއިރު އީދަކީ އަބަދު ވެސް ދިވެހިން އުފާ ފާޅުކޮށް އެއް ރަށުން އަނެއް ރަށަށް ގޮސް އުޅޭ ދުވަސްވަރެއް ކަމަށެވެ. ނަަމަވެސް މިފަހަރުގެ އީދަކީ އެފަދަ ގޮތަކަށް ކަންތައްތައް ކުރެވޭނެ އީދެއް ކަމަށް ނުދެކުމަށް އެދިވަޑައިގަންނަވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
އަދި މިފަހަރުގެ އީދު ޗުއްޓީއަކީ ޗުއްޓީއެއް ކަމަށް ނުނަންގަވާ މިފަހަރުގެ އީދު ޗުއްޓީއަކީ އެއްބަޔަކު އަނެއް ބަޔަކު ބަލިން ރައްކާތެރިވުމަށް އަޅުގަނޑުމެންނަށް ކުރެވެން އޮތް މަސައްކަތްތައް ކުރަން ލިބޭ ފުރުސަތެއް ކަމުގައި ބެލުމަކީ އެއީ މުހިންމުކަމެއް ކަމުގައި ދެކުން މުހިންމު. ޚާއްސަކޮށް މާލެއިން އަތޮޅުތަކަށް ދަތުރުނުކުރުމަކީ އެއީ އަޅުގަނޑުގެ ޚާއްސަ އިލްތިމާސެއް. ކޮންމެހެން އެމީހަކު ދާންޖެހިގެން ނޫނީ ނުދިޔުމަކީ އެއީ އިލްތިމާސެއް. އަދި އީދުގެ ކުޅިވަރުތައް އެހެންޏާ ގިނަބަޔަކު އެއްވެގެން ބާއްވާގޮތަށް ބޭއްވުމާއި ވީހާވެސް ބޮޑަށް ދުރުވުމަކީ މުހިންމުކަމެއް. އަދި އަތޮޅު ތެރޭގައިވެސް އެއް ރަށުން އަނެއް ރަށަށް ކޮންމެހެން ދަތުރުނުކުރުމަށް އިލްތިމާސްކުރަންހެލްތު މިނިސްޓަރ އަބްދުﷲ އަމީން
މިނިސްޓަރ ވިދާޅުވީ ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރު ވަމުންދާ ކަމަށެވެ. އަތޮޅު ތެރޭގައި ފަރުވާދޭ މަރުކަޒުތައް ގާއިމުކޮށް ފަރުވާދިނުމުގެ ތަމްރީންތައް އަދި ލިބެމުންދިޔަ ކަމުގައި ވީނަމަވެސް މިކަމުގައި އިތުރަށް ސަމާލުކަން ދޭންޖެހޭ ކަންތައްތައް އެބަހުރި ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
ފަރުވާ ދޭތަންތަނުގައި ޚާއްސަކޮށް ޑޮކްޓަރުންނާއި ނަރުހުންނާއި ސިއްހީ އެހީތެރިން ވެސް ބައްޔަށް ޕޮޒިޓިވް ވަމުންދާތަން ފެންނަކަމަށާއި އެހެންކަމުން ފަރުވާ ދިނުމުގެ ކަންކަމުގައި އިހުނަށްވުރެ ބޮޑަށް ސަމާލުކަން ދޭންޖެހޭނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.