ކ. މާލެ
|
25 ޖުލައި 2020 | ހޮނިހިރު 18:31
ހުކުރު ދުވަހު ބޭއްވި ސްވިމިންގ އެސޯސިއޭޝަނުގެ އިންތިޚާބުގެ ތެރެއިން
ހުކުރު ދުވަހު ބޭއްވި ސްވިމިންގ އެސޯސިއޭޝަނުގެ އިންތިޚާބުގެ ތެރެއިން
އަތޫފް އާތިފް
ސްވިމިންގ އެސޯސިއޭޝަންގެ އިންތިޚާބު
ސްވިމިންގެ މިހާރުގެ ހިންގާ ކޮމިޓީއަށް އިންތިޚާބުގައި ބޮޑު ކާމިޔާބެއް
ހަތަރުވަނަ އިންތިޚާބުގައި ޖުމްލަ 63 ފަރާތަކުން ވަނީ ވޯޓުލާފައި
މިހާރުގެ ރައީސް މުޙައްމަދު އަބްދުލް ސައްތާރު ތިންވަނަ ދައުރަކަށް ހޮވިވަޑައިގަތީ 48 ވޯޓާއެކު
"މި ދައުރުގެ އެންމެ ބޮޑު މަސައްކަތަކީ އިތުރު ވަސީލާތްތައް ގާއިމުކުރުން"

ސްވިމިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ހަތަރުވަނަ އިންތިޚާބު ބޮޑު ތަފާތަކުން މިހާރުގެ ހިންގާ ކޮމިޓީން ކާމިޔާބުކޮށްފިއެވެ.

ހުޅުމާލޭ ސްޕޯޓްސް ކޮމްޕްލެކްސްގައި ބޭއްވުނު ސްވިމިންގ އެސޯސިއޭޝަންގެ ހަތަރުވަނަ އިންތިޚާބުގައި ޖުމްލަ 63 ފަރާތަކުން ވަނީ ވޯޓުލާފައެވެ. އިންތިޚާބުގައި އެ އެސޯސިއޭޝަންގެ މިހާރުގެ ރައީސް މުޙައްމަދު އަބްދުލް ސައްތާރު ތިންވަނަ ދައުރަކަށް ހޮވިވަޑައިގަތީ 48 ވޯޓާއެކުގައެވެ. ރައީސްގެ މަގާމަށް އޭނާ އެކަނި ކުރިމަތިލެއްވުމުން، ނަގާފައިވަނީ ފެންނަ ނުފެންނަ ވޯޓެކެވެ.

ނައިބު ރައީސްގެ މަގާމަށް ދެ ބޭފުޅަކު ކުރިމަތިލެއްވިއިރު، އައު ހިންގާ ކޮމިޓީއަށް އިންތިޚާބުވެވަޑައިގަތީ މިހާރުވެސް އެ މަގާމު ފުރުއްވަމުން އަންނަ އިސްމާއިލް އަލީއެވެ. އޭނާ އިންތިޚާބު ކާމިޔާބުކުރެއްވީ 44 ވޯޓާއެކުގައެވެ. ނައިބު ރައީސްގެ މަގާމަށް ދެން ކުރިމަތިލެއްވި އަޙްމަދު ނިޔާޒަށް ލިބިވަޑައިގަތީ އެންމެ 18 ވޯޓެވެ.

ހަޒާންދާރުގެ މަގާމަށް އަލީ ޝަމީމް އެކަނި ކުރިމަތިލެއްވިއިރު، ފެންނަ ނުފެންނަ ވޯޓުގައި އޭނާއަށް ވަނީ 49 ވޯޓު ލިބިފައެވެ.

މީގެ އިތުރުން އިންތިޚާބުގައި ކްލަބު ރެޕްރެޒެންޓޭޓިވްގެ މަގާމަށް ފިރާޝް އަފީފް ހޮވިވަޑައިގެންނެވިއިރު، ޓެކްނިކަލް މެންބާސް ރެޕްރެޒެންޓޭޓިވްގެ މަގާމަށް ހޮވިވަޑައިގަތީ އަޙްމަދު ރާއިދު އަލީއެވެ. އިންޑިވިޖުއަލް ޕްލެޔާސް ރެޕްރެޒެންޓޭޓިވް ވުމަންސްގެ މަގާމަށް ހޮވިވަޑައިގަތީ ރަހީމާ އާދަމެވެ. އަދި އިންޑިވިޑުއަލް ޕްލެޔާސް ރެޕްރެޒެންޓޭޓިވް މެންސްގެ މަގާމަށް ހޮވިފައިވަނީ ހަސަން ސިރާރެވެ. ކޯޗު ރެޕްރެޒެންޓޭޓިވްގެ މަގާމަށް ކުރިމަތިލެއްވި ތިން ބޭފުޅުންގެ ވޯޓުގެ ނަތީޖާ އެއްވަރުވުމާ ގުޅިގެން ސްވިމިންގ އެސޯސިއޭޝަނުން ބުނީ އެ މަގާމަށް އަލުން ފުރުސަތު ހުޅުވާލާނެ ކަމަށެވެ.

ސްވިމިންގ އެސޯސިއޭޝަންގެ ރައީސް މުޙައްމަދު އަބްދުލް ސައްތާރު

ތިންވަނަ ދައުރަކަށް އިންތިޚާބުވުމަށްފަހު ރައީސް މުޙައްމަދު އަބްދުލް ސައްތާރު ވިދާޅުވީ މި ދައުރުގެ އެންމެ ބޮޑު މަސައްކަތަކީ އިތުރު ވަސީލާތްތައް ގާއިމުކުރުން ކަމަށާއި، އެގޮތުން މާލޭގައި އަޅާ ސްވިމިންގ ޕޫލްގެ މަސައްކަތް ނިންމުން އެއީ މި ދައުރުން އެންމެ ފުރަތަމަ ކުރާނެ ކަންތައް ކަމަށެވެ. އަދި މި ދައުރުގެ އެންމެ ބޮޑު އަމާޒަކީ ސްވިމިންއިން ރަން މެޑެއްޔެއް ހޯދުން ކަމަށާއި، އެކަން ނުކުރެވެންވީ ސަބަބެއް ނެތް ކަމަށެވެ.

ސްވިމިންގ އެސޯސިއޭޝަންގެ އިންތިޚާބު ހޮނިހިރު ދުވަހު ބޭއްވިއިރު، މީގެ ކުރިން އިންތިޚާބު ވަނީ ހަތަރު ފަހަރަށް ފަސްކޮށްފައެވެ. ސްވިމިންގ އެސޯސިއޭޝަންގެ އައު ހިންގާ ކޮމިޓީ އިންތިޚާބުކުރިއިރު، ހިންގާ ކޮމިޓީއަށް މާ ބޮޑެތި ބަދަލުތަކެއް ނެތި ތިން ދައުރު ވަނީ ހަމަކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އިސްމާޢީލް ޝާހް
- ކޮމެންޓް