ބައެއް ރަށްތަކަށް އުދަ އަރާނެ ކަަމަށް ލަފާކޮށް، ކ އަތޮޅުން އައްޑޫ ސިޓީއަށް ވައިޓް އެލަރޓް ނެރެފިއެވެ.
މޫސުމާބެހޭ ޤައުމީ އިދާރާއިން ހޮނިހިރު ދުވަހު ކުރި ޓްވީޓެއްގައި ބުނީ، ބައެއް ރަށްތަކަށް އުދަ އަރާނެ ކަމަށް ލަފާ ކުރެވޭތީ ކ އަތޮޅުން ފެށިގެން އައްޑޫ ސިޓީއަށް ވައިޓް އެލަރޓް ނެރިފައިވާ ކަމަށެވެ. އެގޮތުން އެލަރޓް ނެރިފައިވަނީ ހޮނިހިރު ދުވަހުގެ ހަވީރު 15:00ން ފެށިގެން ރޭގަނޑު 19:00 އަށެވެ.
އޭގެ އިތުރުން، ކުރިޔަށް އޮތް 24 ގަޑިއިރަށް މޫސުން ލަފާކުރާގޮތް އާންމުކޮށް، މެޓް އޮފީހުން ބުނީ ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަކޮށް ގުގުރުން އެކަށީގެންވާކަމަށާއި ދެކުނުގެ ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކުރެވޭކަމަށެވެ. އުތުރާއި މެދުރާއްޖެތެރެއަށް ހުޅަނގާއި ހުޅަނގުއުތުރުން ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖޭހެނެކަމަށް ލަފާކޮށްފައިވާއިރު ދެކުނުގެ އަތޮޅުތަކަށް ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 03 މޭލާއި 13 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖޭހެނެއެވެ.
ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލުގެ ބާރުމިނަށް ވައި ގަދަވުން އެކަށީގެން ވާކަމަށް މެޓް އޮފީހުން ބުނެއެވެ.
އޭގެ އިތުރުންވެސް އުތުރާއި މެދުރާއްޖެތެރޭގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެކަމަށާއި ދެކުނުގެ ކަނޑުތައް އާދައިގެވަރަކަށް މަޑުވެފައި ވިލާގަނޑުގައި ގަދަ ވާނެކަމަށްވެސް ވަނީ ބުނެފައެވެ. އެގޮތުން، ދިޔަވަރު ބޮޑުވާގަޑިތަކުގައި ބައެއް ރަށްތަކަށް އުދައެރުން އެކަށީގެންވާއިރު ހުރިހައި ފަރާތްތަކުންވެސް މޫސުމަށް ސަމާލުވުމަށް މެޓް އޮފީހުން ވަނީ އިލްތިމާސް ކޮށްފައެވެ.