ކ. މާލެ
|
25 ޖުލައި 2020 | ހޮނިހިރު 12:21
ފްރެންޗް ކަޕްގެ ތަށި ޕީއެސްޖީން އުފުލާލަނީ: މިއީ ޕީއެސްޖީން މި މުބާރާތް ކާމިޔާބުކުރި 13 ވަނަ ފަހަރު
ފްރެންޗް ކަޕްގެ ތަށި ޕީއެސްޖީން އުފުލާލަނީ: މިއީ ޕީއެސްޖީން މި މުބާރާތް ކާމިޔާބުކުރި 13 ވަނަ ފަހަރު
ގެޓީ އިމޭޖަސް
ފްރެންޗް ކަޕް
ފްރެންޗް ކަޕުގެ ޗެމްޕިއަންކަން ޕީއެސްޖީއަށް
ފައިނަލްގައި ސެއިންޓް އެޓިއެން އަތުން ޕީއެސްޖީ މޮޅުވީ 1-0 ން
މިއީ ޕީއެސްޖީން ފްރެންޗް ކަޕް ކާމިޔާބުކުރި 13 ވަނަ ފަހަރު

ސެއިންޓް އެޓިއެން ބަލިކޮށް ޕީއެސްޖީން ފްރެންޗް ކަޕްގެ ޗެމްޕިއަންކަން ހޯދައިފިއެވެ.

ފްރެންޗް ކަޕްގެ ޗެމްޕިއަންކަން ޕީއެސްޖީ ހޯދީ ހުކުރު ދުވަހުގެރޭ ކުޅުނު ފައިނަލް މެޗުގައި ސެއިންޓް އެޓިއެން އަތުން 1-0 ން މޮޅުވެގެންނެވެ. މިއީ ޕީއެސްޖީން މި މުބާރާތުގެ ޗެމްޕިއަންކަން ހޯދި 13 ވަނަ ފަހަރެވެ.

ހުކުރު ދުވަހުގެރޭ ކުޅުނު މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު މެޗުގެ 14 ވަނަ މިނެޓުގައި ޕީއެސްޖީއަށް ކާމިޔާބުކޮށްދިނީ ބްރެޒިލްގެ ތަރި ނޭމާއެވެ.

މި މެޗުގައި ޕީއެސްޖީގެ ފޯވާޑް ކީލިއަން އެމްބާޕޭއަށް ވަނީ އަނިޔާވުމުގެ ސަބަބުން ބަދަލުކޮށްފައެވެ. އެމްބާޕޭއަށް އަނިޔާވެގެން ބަދަލުކުރަން ޖެހުނީ މެޗުގެ 30 ވަނަ މިނެޓުގައި ސެއިންޓް އެޓިއެންގެ ލޮއިކް ޕެރީން ކުރި ނުރައްކާތެރި ފައުލަކާ ގުޅިގެންނެވެ. އެ ފައުލާ ގުޅިގެން ޕެރީންއަށް ވަނީ ސީދާ ރަތް ކާޑެއް ދައްކާފައެވެ.

މި މެޗުގައި ޕީއެސްޖީގެ ތަރި އެމްބާޕޭއަށް އަނިޔާވުމާއެކު، އަންނަ އޮގަސްޓް މަހު ފެށުމަށް ހަމަޖެހިފައިވާ ޔުއެފާ ޗެމްޕިއަންސް ލީގަށް އެމްބޭޕޭ ފިޓްނުވުމުގެ ބިރު އެބައޮތެވެ. ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގައި ޕީއެސްޖީ ނުކުންނާނީ އެޓަލާންޓާއާ ދެކޮޅަށެވެ.

މި ސީޒަނުގެ ފްރެންޗް ކަޕްގެ ޗެމްޕިއަންކަން ޕީއެސްޖީން ހޯދިއިރު، މި ސީޒަނުގެ ފްރެންޗް ލީގުގެ ޗެމްޕިއަންކަންވެސް ޕީއެސްޖީން ވަނީ ހޯދާފައެވެ. އެޓީމަށް ޗެމްޕިއަންކަން ލިބުނީ ކޮވިޑް-19 އާ ގުޅިގެން ލީގު ކެންސަލް ކުރަން ފްރެންޗް ފުޓްބޯލް ފެޑެރޭޝަނުން ނިންމުމާ ގުޅިގެންނެވެ.

ޗެމްޕިއަންސް ލީގުގެ ކުރިން މި މަހުގެ 31 ވަނަ ދުވަހު ފްރެންޗް ލީގު ކަޕްގެ ފައިނަލްގައި ޕީއެސްޖީ ވާދަކުރާނެއެެވެ. ލީގު ކަޕްގެ ފައިނަލްގައި ޕީއެސްޖީ ނުކުންނާނީ ލިޔޯނާ ދެކޮޅަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
- ކޮމެންޓް