ކޮވިޑް-19 އާއި ގުޅިގެން ބައިނަލްއަގްވާމީ ދަތުރުފަތުރުތަކަށް ވައިގެ ބަނދަރު ހުޅުވާލުމުން ގިނަ އަދަދެއްގެ ބިދޭސީން ރާއްޖެއިން ފުރައިގެން ދިއުމަށް ބޭނުންވާތީވެ، އެފަދަ ފަރާތްތަކަށް ފަސޭހަކަމާއި އެކުގައި ފުރައިގެން ދެވޭނެ އިންތިޒާމު މޯލްޑިވްސް އިމިގްރޭޝަނުން ހަމަޖައްސައިފިއެވެ.
އިމިގްރޭޝަނުން ބުނީ ކޮވިޑް-19 އާއި ގުޅިގެން ބައިނަލްއަގްވާމީ ދަތުރުފަތުރުތަކަށް ވައިގެ ބަނދަރު ހުޅުވާލުމުން ރާއްޖޭގައި ވަޒީފާ އަދާކުރާ ފަރާތްތަކާއި އަދި ވިޒާ އާއި އެމްޕްލޯއިމަންޓް އެޕްރޫވަލް ހަމަވެފައިވާ ގިނަ އަދަދެއްގެ ބިދޭސީން ރާއްޖެއިން ފުރައިގެން ދިއުމަށް ބޭނުންވާތީވެ، އެފަދަ ފަރާތްތަކަށް ފަސޭހަކަމާއި އެކުގައި ފުރައިގެން ދެވޭނެ އިންތިޒާމު ހަމަޖައްސާ ދިނުމަށް ވަނީ ނިންމާފައިއެވެ.
އިމިގްރޭޝަނުން ބުނީ މި ފަދަ ފަރާތްތަކުގެ އަތުގައި މުއްދަތު ހަމަނުވާ ޕާސްޕޯޓެއް އޮވެ، އެއްވެސް ސަބަބަކާއި ހުރެ ރާއްޖެއިން ފުރައިގެން ދިއުމުން މަނާކުރެވިފައި ނުވާނަމަ، 24 ޖުލައި 2020 އިން ފެށިގެން 31 ޑިސެމްބަރ 2020 ގެ ނިޔަލަށް ރާއްޖެއިން ފުރައިގެން ދިއުމުގެ އިންތިޒާމު ހަމަޖެހިފައިވާ ކަމަށެވެ.
އިމިގްރޭޝަނުން ބުނީ ރާއްޖެއިން ފުރައިގެން ދިއުމަށް ބޭނުންވާ ފަރާތްތަކަށް ރާއްޖެއިން ފުރައިގެން ދެވޭނީ،IM07 ފުރިހަމަކޮށް، މުއްދަތު ހަމަނުވާ ޕާސްޕޯޓާއި އެކުގައި އެއަރޕޯރޓް އިމިގްރޭޝަން ހުށަހެޅުމުން ކަމަށެވެ. އަދި މި ފޯމު މި އިދާރާގެ ވެބްސައިޓްwww.immigration.gov.mvން ޑައުންލޯޑު ކުރެވޭނެ ކަމަށް އިމިގްރޭޝަނުން ބުނެއެވެ.
ޕާސްޕޯޓުގެ މުއްދަތު ހަމަވެފަވާ ފަރާތްތަކާއި ޓްރެވަލް ޑޮކިއުމަންޓް ހައްދައިގެން ރާއްޖެއިން ފުރާ ފަރާތްތަކަށް ޚިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ، މޯލްޑިވްސް އިމިގްރޭޝަންގެ މޮނިޓަރިން ސެކްޝަނުން ކޮންމެ ރަސްމީ ދުވަހެއްގެ ހެނދުނު 08:30ން 11:30 އަށެވެ.