ކ. މާލެ
|
24 ޖުލައި 2020 | ހުކުރު 17:18
އަޔާ ސޮފިޔާގައި ނަމާދުކުރަނީ
އަޔާ ސޮފިޔާގައި ނަމާދުކުރަނީ
ރޮއިޓަރސް
އަޔާ ސޮފިޔާ
86 އަހަރަށްފަހު އަޔާ ސޮފިޔާގައި ނަމާދުކޮށްފި
ގިނަ ޢަދަދެއްގެ މީހުން އެއް ދުވަސް ކުރިން މިސްކިތަށް ވަނުމަށް ސަފު ހެދި
ސަލާމަތީ ކަންކަން ބެލެހެއްޓުމަށް 21،000ށްވުރެ ގިނަ ފުލުހުން ހަރަކާތްތެރިވި
އެއްފަހަރާ 1،000 މީހުންނަށް އަޔާ ސޮފިޔާގައި ނަމާދު ކުރެވޭނެ

މަޝްހޫރު ބިނާއެއް ކަމަށްވާ އަޔާ ސޮފިޔާ 86 އަހަރަށްފަހު ނަމާދު ކޮށްފިއެވެ.

ތުރުކީގެ އިސްތަންބޫލްގެ ތާރީޚީ ސައިޓް މިއުޒިޔަމެއްގެ ގޮތުގައި ބޭނުން ކުރުމަށް ފަހު މިސްކިތަކަށް ބަދަލުކުރުމަށް އެ ޤައުމުގެ ސަރުކާރުން ނިންމީ މި މަހުގެ ތެރޭގައެވެ.

އަޔާ ސޮފިޔާގައި 1934 ވަނަ އަހަރުގެ ފަހުން ފުރަތަމަ ފަހަރަށް ހުކުރު ކޮށްފައިވާއިރު ހުކުރު ނަމާދުގައި ބައިވެރިވުމަށް އެތައް ހާސް ބަޔަކު ވަނީ މިސްކިތަށް ގޮސްފައެވެ. ގިނަ އަދަދެއްގެ މީހުން ވަނީ އެއް ދުވަސް ކުރިން މިސްކިތަށް ވަނުމަށް އާއިލާއާއެކު މިސްކިތުގެ ބޭރުގައި ސަފު ހަދައިފައެވެ. އެ ސަރަޙައްދުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް 21،000ށްވުރެ ގިނަ ފުލުހުން ވެސް ވަނީ ހަރަކާތްތެރިވެފައެވެ.

އެޤައުމުގެ ރައީސް ރަޖަބް ތައްޔިތު އުރުދުޣާން ހުކުރު ނަމާދުގައި ބައިވެރިވެވަޑައިގެންނެވިއެވެ.

ރައީސް ރަޖަބް ތައްޔިތު އުރުދުޣާން ހުކުރު ނަމާދުގައި ބައިވެރިވެވަޑައިގަންނަވަނީ

ތުރުކީވިލާތުގެ ސަރުކާރުން ބުނީ އެއްފަހަރާ 1،000 މީހުންނަށް އަޔާ ސޮފިޔާގައި ނަމާދު ކުރެވޭނެ ކަމަށެވެ.

ޖަމާޢަތުގައި އަޔާ ސޮފިޔާގައި ނަމާދުކުރާ ވަގުތު ކޯވިޑް-19ން ރައްކާތެރިވުމަށް ގިނަ ފިޔަވަޅުތަކެއްވަނީ އަޅައިފައެވެ. މިސްކިތުގެ އިތުރުން ވަށައިގެން ހިމެނޭ ސަރަޙައްދުގައި މާސްކު ބޭނުންކޮށް އިޖުތިމާޢީ ގައިދުރުކަން ބެހެއްޓުމަށް ކަމާބެހޭ ފަރާތްތަކުންވަނީ ބާރު އަޅައިފައެވެ.

އިސްތަންބުލްގައި ހުންނަ ޔުނެސްކޯގެ ވޯރލްޑް ސައިޓެއް ކަމަށްވާ 'އަޔާ ސޮފިޔާ' އަކީ ފަތުރުވެރިންގެ މެދުގައި މަގުބޫލު ތަނެކެވެ. އެންމެ ފުރަތަމަ މިތަން މިސްކިތެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ 1453 ވަނަ އަހަރެވެ. ނަމަވެސް 1935 ވަނަ އަހަރު ތުރުކީގެ ކުރީގެ ރައީސްގެ ވެރިކަމުގައި އެތަން ދާރުލްއާސާރެއްގެ ގޮތުގައި ކަނޑައެޅުނެވެ.

ފަހުން އެނގުނު ގޮތުގައި އަޔާ ސޮފިޔާ އަކީ ދާރުލްއާސާރެއްގެ ގޮތުގައި ކަނޑައެޅިކަމުގެ ލިޔެކިއުންތައް ފޯޖުކޮށްފައިވާކަން ހާމަވިއެވެ. އަދި ތުރުކީގެ މަތީ ކޯޓަކުން ވަނީ އަޔާ ސޮފީޔާ އަލުން މިސްކިތެއްގެ ގޮތުގައި ހުޅުވުމަށް ނިންމާފައެވެ.

- ކޮމެންޓް