ރާއްޖޭގެ އުތުރުގެ ބައެއް އަތޮޅުތަކަށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ޔެލޯ އެލަރޓް ނެރެފިއެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާއިން ހއ. އަތޮޅުން ބ. އަތޮޅަށް ޔެލޯ އެލަރޓް ނެރެފައިވަނީ ހުކުރު ދުވަހު ހަވީރު 4:30 އިން ރޭގަނޑު 8:30 އަށެވެ.
މޫސުމާއި ބެހޭ ގައުމީ އިދާރާއިން ބުނެފައިވަނީ އެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހި، ގަޑިއަކު 25 މޭލާއި 30 މޭލާއި ދެމެދުގެ ބާރު މިނުގައި ވައިޖެހޭނެ ކަމަށެވެ.
ވިލާގަނޑުގައި ގަޑިއަކު 55 މޭލަށް ވައި ގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ވެސް އެ އިދާރާއިން މައުލޫމާތު ދެއެވެ.
ހުކުރު ދުވަހުގެ ހެނދުނު 10:00 އިން ހޮނިހިރު ދުވަހުގެ ހެނދުނު 10:00 އަށް ރާއްޖޭގެ މޫސުން ކުރިއަށް ލަފާކުރާގޮތަށް ބަލާއިރު ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަ ކުރާނެ ކަމަށާއި ގުގުރުން އެކަށީގެންވާ ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން މައުލޫމާތު ދެއެވެ.
އަދި އުތުރާއި މެދުރާއްޖެތެރޭގެ ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކުރެވޭ ކަމަށާއި އެ ސަރަހައްދަށް ހުޅަނގާއި ހުޅަނގު އުތުރުން ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށެވެ.
ދެކުނުގެ އަތޮޅުތަކަށް ހުޅަނގު ދެކުނާއި ހުޅަނގުން ގަޑިއަކު 05 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖޭހެނެ ކަމަށާއި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 50 މޭލުގެ ބާރުމިނަށް ވައި ގަދަވުން އެކަށީގެންވާ ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން މައުލޫމާތު ދެއެވެ.
މީގެ އިތުރުން އުތުރާއި މެދުރާއްޖެ ތެރޭގެ ކަނޑުތައް ގަދަވާނެ ކަމަށާއި ދެކުނުގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވެފައި ވިލާގަނޑުގައި ގަދަ ވާނެ ކަމަށް އެ އިދާރާއިން މައުލޫމާތު ދެއެވެ.
ދިޔަވަރު ބޮޑުވާގަޑިތަކުގައި ބައެއް ރަށްތަކަށް އުދައެރުން އެކަށީގެންވާ ކަމަށާއި ހުރިހާ ފަރާތްތަކުން ވެސް މޫސުމަށް ސަމާލުވުމަށް މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ވަނީ އިލްތިމާސް ކޮށްފައެވެ.