މޯލްޑިވްސް މާކެޓިންގް އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) މެދުވެރިކޮށް ހިންގި ޚިޔާނާތުގެ މައްސަލައިގައި ދައުވާ ކުރާނެ ފަރާތްތަކުގެ ނަންތައް ޝޯޓްލިސްޓުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެސެޓް ރިކަވަރީ ކޮމިޝަނުން ބުނެފިއެވެ.
ބުރާސްފަތި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ކޮމިޝަންގެ ރައީސް އަހުމަދު އަސްއަދު ވިދާޅުވީ ދައުލަަތަށް ލިބުނު 77.5 މިލިއަން ޑޮލަރު ލިބުނު މީހުންގެ އަދަދަށް ބަލާއިރު މިހާތަނަށް 300 އެއްހާ މީހުންނަށް ފައިސާ ލިބުނު ކަމަށް ބެލެވޭ ކަމަށެވެ. އެހެންނަމަވެސް ތަހުގީގު ފުޅާ ކުރަމުންދާ ވަރަކަށް މި އަދަދު އިތުރުވެގެންދާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ދެން މި އަންނަނީ ގެއްލިގެން އުޅޭ، ނުވަތަ އަޅުގަނޑުމެން އެކަމަކާއި އެންމެ ފޯރި ހުންނަ އެއް ކަންތައް، 77.5 މިލިއަން ޑޮލަރު ނުވަތަ މި ފައިސާ އަށް ވީ ކިހިނެއްތޯ. އެއީ ތެދެއް 155 ފަރާތެއް އޭސީސީގެ ރިޕޯޓުގައި ބަޔާންކޮށްފައި އެބަވޭ. 155 އެއީ އޭރު އޮތް އަދަދު. މީގައި ދެ ހަފްތާ ކުރިން 267 އެއްގެ ވާހަކަ ތިބޭފުޅުން އަޑު އައްސަވާނެ. އަޅުގަނޑުމެން މިއަދު ވާހަކަދައްކަންޏާ މިއުޅެނީ 300 އާއި ގާތުގައި. މާދަމާ ނުވަތަ މީގެ ދެ ހަފްތާ ފަހުން ދައްކާގޮތުގައި މިއަދަދު 300 ށް ވުރެ މައްޗަށް އަރާނެ.އެސެޓް ރިކަވަރީ ކޮމިޝަންގެ ރައީސް އަހުމަދު އަސްއަދު
މީގެކުރިން ހާމަކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ 44 މެމްބަރުންނާއި 19 ވަނަ މަޖިލީހުގައި ހިމެނިވަޑައިގަންނަވާ 16 މެމްބަރުންގެ އިތުރުން މިނިވަން މުއައްސަސާތަކުގައި ތިއްބެވި 5 މެމްބަރުނަށް ޚިޔާނާތުގެ ފައިސާ ލިބިފައިވާކަން ވަނީ ހާމަވެފައެވެ. އަދި މި ސަރުކާރުގައި ތިއްބެވި 7 ފަރާތަކާއި ކޯޓުތަކުގައި ފަނޑިޔާރުކަން ކުރައްވާ 6 ފަނޑިޔާރަކާއި ކުރީ ސަރުކާރުގެ އެކި މަޤާމުތަކުގައި ތިއްބެވި 23 ފަރާތެއްގެ އިތުރުން ސަލާމަތީ ޚިދުމަތްތަކުގެ ތެރެއިން 7 އޮފިސަރެއް ހިމެނޭ ކަން ހާމަވެފައިވެއެވެ.
އައްސަދު ވިދާޅުވީ މި 300 މީހުން ޝޯޓްލިސްޓު ކުރުމުގެ މަސައްކަތް ކުރަމުންދަކަމަށާއި އަދި ޝޯޓްލިސްޓު ކުރުމުގައި ބަލާ މިންގަނޑުތައް އެޓަރނީ ޖެނެރަލްއާއި ޕްރޮސެކިއުޓަރ ޖެނެރަލްއާއި ހިއްސާކޮށްފައިވާނެ ކަމަށެވެ. އަދި ކުރިއަށް އޮތް ހަފްތާތަކުގެ ތެރޭގައި ފަސް ކޭސްއެއް ކޯޓަށް ހުށައަޅުއްވާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.