މާލޭ ފަޅުތެރޭ އުޅަނދު ފަހަރުން މަސްކަޑައި މަސްވިއްކުން މާލެ ސިޓީ ކައުންސިލުން މަނާ ކޮށްފިއެވެ.
މާލެ ސިޓީ ކައުންސިލުން ބުނީ މިހާރަކަށް އައިސް މާލޭ އުތުރުފަރާތު މަސްމާރުކޭޓް ކުރިމަތިން މަސްވެރިކަން ކުރާ އުޅަނދުފަހަރު ލަފާ ފުރުމަށް ޚާއްސަ ކުރެވިފައިވާ ސަރަހައްދުގެ ފަޅަށް ވަންނަ ބައެއް އުޅަނދުފަހަރު ފަޅުތެރޭގައި އޮވެގެން އެއުޅަނދުފަހަރުގައި މަސްކަނޑާ އެސަރަހައްދުގެ މޫދުން ލޮނުނަގާ މަސް ދޮވުމަށްފަހު އުޅަނދުގައި ބަހައްޓައިގެން އާންމު ފަރާތްތަކަށް މަސް ވިއްކަމުންދާ ކަމަށެވެ.
އެ ސަރަހައްދުގެ ފަޅުތެރޭގައި އަޅާފައި ހުންނަ ބައެއް އުޅަނދުފަހަރުން ފަޅުތެރެއަށް ތެލާއި، ކުނިބުނީގެ ބާވަތްތައް އެޅުމުގެ ސަބަބުން ފަޅުތެރޭގެ ލޮނުގަނޑު ތަޣައްްޔަރުވުމުގެ އިތުރުން ވަރަށް ބޮޑަށް ނަޖިހުގެ އަސަރު ހުންނަކަން ފާހަގަކުރެވިފައިވާ ކަމަށް ކައުންސިލުން ބުނެއެވެ.
ކައުންސިލުން ބުނީ އެ ސަރަހައްދުގެ ފަޅުތެރެއިން ލޮނުނަގައިގެން މަސްކަނޑާ މަސްދޮވެ ނުހެދުމަށާއި އަދި އެހެން ބޭނުންތަކަށް ވެސް އެސަރަހައްދުގެ މޫދުލޮނު ބޭނުން ނުކުރުމަށް އެފަރާތްތަކަށް ތަކުރާރުކޮށް އަންގާފައިވާ ކަމަށެވެ.
ނަމަވެސް މި އެންގުންތަކާ ޚިލާފަށް ބައެއް އުޅަނދުފަހަރު ބަލަހައްޓާ ފަރާތްތަކުން އެފަދަ އުޅަނދުފަހަރުގައި ގަވާއިދާ ޚިލާފަށް ގެންގުޅޭ ބިދޭސީ މަސައްކަތު މީހުން ލައްވާ ދޯނީގައި ގިނަ އަދަދަކަށް މަސްކަނޑާ ފަޅުތެރެއިން ލޮނު ނަގައިގެން މަސްދޮވެ އާންމުންނަށް ވިއްކަމުން ގެންދާކަމުގެ ޝަކުވާ ކައުންސިލްއަށް ހުށަހަޅާފައިވާ ކަމަށެވެ.
މި މައްސަލަ ހުއްޓުވުމުގެ ގޮތުން ކައުންސިލްގެ ތިންވަނަ ދައުރުގެ 100 ވަނަ ރަސްމީ ޖަލްސާގައި އެފަދަ ފަރާތްތަކާ މެދު ގާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އަޅާ ތަންފީޒުކުރުމަށް ނިންމާފައިވާ ކަމަށް ކައުންސިލުން ބުނެއެވެ.
ކައުންސިލުން ބުނީ މީގެ ފަހުން އެއްވެސް ފަރާތަކުން އެފަދަ ކަންކަން ނުކުރުމަށާ އެކަންކަން ތަކުރާރުކުރާ ފަރާތްތަކާ މެދު ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ ދަށުން އަމަލުކުރަމުންގެންދާ މާލެއާއި ވިލިނގިލީގެ ފަޅުބެލެހެއްޓުމާ ބެހޭ ގަވާއިދާ އެއްގޮތަށް ޖޫރިމަނާކޮށް ފިޔަވަޅު އަޅަމުން ގެންދާނެ ކަމަށެވެ.