ފުލުހުންގެ ފޮރެންސިކް ލެބޯޓްރީން 10،000 ޕީސީއާރު ޓެސްޓް ހަދައިފިއެވެ.
ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ބުރާސްފަތި ދުވަހު ކުރައްވާފައިވާ ޓްވީޓްގައި ވަނީ ފުލުހުންގެ ފޮރެންސިކް ލެބުން ހަފްތާއެއްގެ މައްޗަށް 1000 އެއްހާ ޕީސީއާރު ޓެސްޓް ހަދަމުންދާކަމަށެވެ.
މީގެ އިތުރުންވެސް ފުލުހުން ހިންގާ ތަހުޤީގުތަކާއި ގުޅިގެންވެސް ލެބޯޓްރީން ކޮންމެ މަހަކު 100 އެއްހާ ފޮރެންސިކް ހެކިތަކާއި ގުޅޭ ޓެސްޓްތައް ހަދަމުންދާ ކަމަށް ސީޕީ ވަނީ ވިދާޅުވެފައެވެ.
ކޮވިޑް-19ށް ޕީސީއާރް ޓެސްޓު ކުރުމުގެ މަސައްކަތުގައި ފުލުހުންގެ ފޮރެންސިކްސްގެ 12 އެނަލިސްޓަކު ޙަރަކާތްތެރިވަމުން އަންނަ ކަމަށް ސީޕީ މީގެ ކުރިން ވިދާޅުވެފައިވެއެވެ.
އެގޮތުން ޓެސްޓް ކުރުމަށް ބޭނުންކުރަމުންދަނީ ޕޮލިސް އިންޓެލިޖެންސްގައި ބޭނުންކުރާ ޕީސީއާރު މެޝިނެވެ.
ކޮވިޑް-19 އާއި ގުޅިގެން ކުރަމުންދާ މަސައްކަތުގައި ފުލުހުންގެ ދައުރު ވަރަށް ބޮޑުކަން ފާހަގަ ކުރެވެއެވެ.
ފުލުހުންގެ ފޮރެންސިކް ލެބޯޓްރީން 10،000 ޕީސީއާރު ޓެސްޓް ހަދާފައިވާއިރު ދިވެހިރާއްޖެއަކީ އާބާދީގެ ނިސްބަތުން މިހާރު ވެސް މި ސަރަހައްދުގައި އެންމެ ގިނައިން ކޮވިޑް-19ށް ޓެސްޓް ކުރެވޭ ޤައުމު ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.
މިހާތަނަށް ރާއްޖޭގައި 60،000ށްވުރެން ގިނަ ޕީސީއަރު ޓެސްޓް ހެދިފައިވާއިރު މާލޭގެ އިތުރުން ރާއްޖޭގެ ފަސް ސަރަހައްދެއްގައި ކޮވިޑް-19ގެ ބަލި މީހުންނަށް ފަރުވާ ދިނުމަށް 250 އައިސީޔޫ އެނދު އަދި 655 އައިސޮލޭޝަން އެނދު ޤާއިމް ކުރެވިފައިވެއެވެ.