އިންގްލެންޑްގެ ގައުމީ ފުޓްބޯޅަ ޓީމަށް ބޭނުން ވަނީ ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް، މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ނުވަތަ ޓޮޓެންހަމް ހޮޓްސްޕާގެ ކޯޗު ހޯސޭ މޮރީނިއޯ ކަހަލަ ކޯޗެއް ކަމަށް އިންގްލެންޑްގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކުރީގެ ކެޕްޓަން ސްޓީވެން ޖެރާޑް ބުނެފިއެވެ.
ޖެރާޑް ބުނީ އިންގްލެންޑްގެ ގޯލްޑަން ޖެނެރޭޝަނަށް ގިނަ ކާމިޔާބީތަކެއް ހޯދޭނެ ކަމަށާއި، އެކަން ކުރުމަށް ކްލޮޕް، ގާޑިއޯލާ ނުވަތަ މޮރީނިއޯ ކަހަލަ ކޯޗެއް އިންގްލެންޑް ޓީމަށް ބޭނުންވާ ކަމަށެވެ.
އަދި އިންގްލެންޑަކީ މަޝްހޫރު ގިނަ ކުޅުންތެރިންތަކެއް އުފެއްދި ޓީމެއް ކަމަށާއި، އޭގެ ތެރޭގައި ވޭން ރޫނީ އާއި، ފްރޭންކް ލަމްޕާޑް އަދި ޑޭވިޑް ބެކަމް ކަހަލަ ކިތަންމެ ކުޅުންތެރިންނެއް އިންގްލެންޑް ޓީމަށް ކުޅެދިން ކަމަށްވެސް ޖެރާޑް ފާހަގަކުރިއެވެ. އެކަމަކު އިންގްލެންޑަށް ބޮޑު މުބާރާތެއް ކާމިޔާބު ކުރެވިފައި ނުވަނީ ރަނގަޅު ކޯޗަކު ނެތުމުން ކަމަށާއި، އެކަމުގެ ޒިންމާ އިނގިރޭސި އެފްއޭއިން ނަގަން ޖެހޭނެ ކަމަށްވެސް ޖެރާޑް ބުންޏެވެ.
ޖެރާޑް ބުނީ އިންގްލެންޑް ޓީމަށް ބޭނުންވަނީ ރިސްކް ނަގަން ކެރޭނެ ވަރުގެ ވަރުގަދަ ކޯޗެއް ކަމަށާއި، އެގޮތުން ލިވަޕޫލްގެ މިހާރުގެ ކޯޗު ކްލޮޕާއި ސިޓީގެ ކޯޗު ގާޑިއޯލާ އަދި ޓޮޓެންހަމްގެ ކޯޗު މޮރީނިއޯ އަކީ ރިސްކް ނަގަން ކެރޭ، ނަތީޖާ ނެރެދޭނެ ތިން ކޯޗުން ކަމަށެވެ. އަދި މިތިން ކޯޗުންގެ ތެރެއިން ކޮންމެ ކޯޗަކަށްވެސް މިހާރު އިންގްލެންޑްގައި މިއޮތް ސްކޮޑާއެކު ބޮޑު މުބާރާތެއް ކާމިޔާބު ކުރެވޭނެ ކަމަށާއި، އެކަމުގެ ޔަގީންކަން އޭނާއަށް އެބައޮތް ކަމަށްވެސް ޖެރާޑް ބުންޏެވެ.
އިންގްލެންޑްގެ މިހާރުގެ ކޯޗަކީ ގެރެތު ސައުތުގޭޓެވެ. ބައިނަލްއަގުވާމީ މައިދާނުގައި އިންގްލެންޑަށް ބޮޑެތި ކާމިޔާބީތަކެއް ހޯދިފައިނުވާއިރު، އެ ގައުމުން ފީފާ ވޯލްޑް ކަޕް ކާމިޔާބުކޮށްފައިވަނީ މިހާތަނަށް އެންމެ ފަހަރަކުއެވެ. އެއީ 1966 ވަނަ އަހަރުގެ ވޯލްޑް ކަޕެވެ. އެންމެ ފަހުން 2018 ވަނަ އަހަރު ކުޅުނު ވޯލްޑް ކަޕްގެ ހަތަރުވަނަ އިންގްލެންޑު ހޯދިއިރު، ސެމީފައިނަލްގައި ވަނީ ކްރޮއޭޝިއާ އަތުން ބަލިވެފައެވެ.