މިމަހުގެ 18 ވަނަ ދުވަހު ބެލަރޫސް އިން ރާއްޖެއަށް އައުމަށް މިންސްކް އެއަރޕޯޓަށް ދިޔުމުން ނުފުރުނު 26 ކުދިންނަށް ފުރޭ ގަތް ހަމަޖެހިއްޖެ ކަމަށް ފޮރިން މިނިސްޓްރީން ބުނެފިއެވެ.
ފޮރިން މިނިސްޓްރީން ބުނީ ދަރިވަރުންނަށް ދިމާވި މައްސަލަ ބެލަރޫސް ސަރުކާރާއި، ބެލާވިއާ އެއަރލައިން އަދި ގަތަރު އެއަރވޭސް އާއިއެކު ޖަރުމަންވިލާތުގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީއާއި ފޮރން މިނިސްޓްރީއިން ވާހަކަ ދައްކައި، މަޝްވަރާކޮށްގެން ހައްލުކޮށްފައިވާ ކަމަށެވެ.
ފޮރިން މިނިސްޓްރީން ބުނީ ބެލަރޫސްގައި ތިބޭ ދިވެހި ދަރިވަރުންނަށް ކޮންސިއުލަރ އެހީތެރިކަން ފޯރުކޮށްދެނީ އެގައުމާ އެންމެ ކައީރީގައި ހުންނަ ރާއްޖޭގެ ޑިޕްލޮމެޓިކް މިޝަންކަމަށްވާ ޖަރުމަންވިލާތުގައި ހުންނަ އެމްބަސީ އިން ކަމަށެވެ.
ރާއްޖެ އައުމަށް ހަމަޖެހިފައިވާ 26 ކުދިންގެ ތެރެއިން 3 ކުއްޖަކު ވަނީ ރާއްޖެ އައުމަށް ފުރާފައެވެ. އެ ދަރިވަރުން އަންނާނީ މިންސްކުން އިސްތަންބޫލަށް އަދި ދޯހާއިން މާލެއަށެވެ. މީގެ އިތުރުން އިތުރު 11 ކުއްޖަކު މާލެ އައުމަށް ހޯމަ ދުވަހު ވަނީ ފުރާފައެވެ. މީގެ ތެރެއިން 6 ކުއްޖަކު ފުރާފައިވަނީ މިންސްކުން މިލާނަށް އަދި ދޯހާއިން ރާއްޖެ އައުމަށެވެ. އަނެއް 5 ދަރިވަރުން ފުރާފައިވަނީ މިންސްކުން އެންސްޓަޑަމްއަށް އަދި ދޯހާއިން ރާއްޖެ އަންނަ ގޮތަށެވެ.
ފޮރިން މިނިސްޓްރީން ބުނީ އަންގާރަ ދުވަހު ވެސް 6 ކުއްޖަ މިންސްކުން އިސްތަންބޫލަށް އަދި ދޯހާއިން ރާއްޖެ އަންނާނެ ކަމަށެވެ. އަދި ފްރެކްފަރޓް އިން ވެސް 6 ދަރިވަރަކު އަންނާނެ ކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ.
ފޮރިން މިނިސްޓްރީން ބުނީ ބައިނަލްއަޤްވާމީ ވައިގެ ދަތުރުފަތުރު އަދިވެސް އެއްކޮށް ހަމަޔަކަށް ނޭޅޭތީއާއި، ގިނަ ޤައުމުތަކެއްގެ ބޯޑަރު އަދިވެސް އެއްކޮށް ހުޅުވާލާފައި ނުވާތީ، އަދި ވިސާގެ ބައެއް ކަންތައްތަކަށް ބަދަލުތައް އައިސްފައިވާތީ، އަނބުރާ ރާއްޖެއަށް ދަތުރުކުރާ ދިވެހިންނާއި، ފުރައިގެން ރާއްޖެއިން ބޭރަށް ދަތުރުކުރާ ދިވެހިން އެއަރލައިންތަކާ ގުޅައިގެން ފްލައިޓް ރޫޓްތަކުން ދަތުރުކުރެވޭނެތޯ ކަށަވަރުކުރެއްވުން މުހިއްމު ކަމަށެވެ. އަދި ދަތުރުގައި ޓްރާންސިޓްކުރާ ގައުމުތަކުގެ ވިސާ ރިކުއަޔަރމަންޓް ޓިކެޓް ނެގުމުގެ ކުރިން ބެލުމަށާއި، ދަތުރުކުރުމުގެ ކުރިން ޓްރެވަލް އިންޝުއަރެންސް ނެގުމާއި، ރާއްޖެ އައުމުގެ ކުރިން އެޗްޕީއޭގެ "ހާލުބެލުން ޕޯޓަލް" ގައި ރަޖިސްޓްރީކުރުމަށް ފޮރިން މިނިސްޓްރީން ވަނީ އެދިފައެވެ. އަދި ދަތުރުކުރާ އިރު ކޮވިޑް-19 އިން ރައްކާތެރިވުމަށް ފިޔަވަޅުތައް އަޅާ ގައިދުރުކަން ކަށަވަރު ކުރުމަށް ވެސް ވަނީ އެދިފައެވެ.