އޮޕްޝަނަލް ޕްރޮޓޮކޯލް ޓު ދަ އިންޓަރނޭޝަނަލް ކޮވަނަންޓް އޮން އިކޮނޮމިކް، ސޯޝަލް އެންޑް ކަލްޗަރަލް ރައިޓްސް (އޯ.ޕީ.އައި.ސީ.އީ.އެސް.ސީ.އާރު) އާއި ފްރޭމްވަރކް އެގްރިމަންޓް ފޮރ އެސްޓަބްލިޝިންގ އިންޓަނޭޝަނަލް ސޯލަރ އެލައިންސް ތަޞްދީޤުކުރުމާ ގުޅޭގޮތުން ފޮނުއްވާފައިވާ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތާއި ޚާރިޖީ ގުޅުންތަކުގެ ކޮމިޓީއަށް ފޮނުވައިފިއެވެ.
އޯޕީއައިސީއީއެސްސީއާރު ތަސްދީގުކުރެއްވުމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ ސިޓީގައި ވަނީ އިންސާނީ ހައްޤުތައް ރައްކާތެރިކުރުމަށް ޤާއިމުކުރެވިފައިވާ ބައިނަލްއަޤްވާމީ މުޢާހަދާއެއް ކަމަށްވާ އޯޕީއައިސީއީއެސްސީއާރު އާއި ފްރޭމްވަރކް އެގްރިމަންޓް ފޮރ އެސްޓަބްލިޝިންގ އިންޓަނޭޝަނަލް ސޯލަރ އެލައިންސް ތަޞްދީޤުކުރުމާ ގުޅޭގޮތުން ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި މަޝްވަރާކުރެއްވުމަށްފަހު، ދިވެހިރާއްޖެއިން ތަޞްދީޤުކުރުމަށް ފެނިވަޑައިގަންނަވާކަމަށް ނިންމާފައިވާކަމަށެވެ.
އ.ދ. އިން 1966 ވަނަ އަހަރު އައިސީއީއެސްސީއާރު އެކުލަވާލާފައިވަނީ، 1948 ވަނަ އަހަރު އ.ދ އިން އިޢުލާންކުރި އިންސާނީ ޙައްޤުތަކާބެހޭ ޢާންމު ޤަރާރު ނުވަތަ ޔުނިވަރސަލް ޑެކްލެރޭޝަން އޮންހިއުމަން ރައިޓްސް (ޔޫ.ޑީ.އެޗް.އާރ.) ގައިވާ އިޤްތިޞާދީ، އިޖްތިމާޢީ އަދި ޘަޤާފީ ޙައްޤުތައް ތަންފީޒުކުރެވޭނެ މުޢާހަދާއެއް އެކުލަވާލުމުގެ މަޤްޞަދުގައެވެ.
ދިވެހިރާއްޖެއިން މި މުޢާހަދާގައި ސޮއިކޮށް، ތަޞްދީޤުކޮށްފައިވަނީ 19 ސެޕްޓެމްބަރ 2006 ގައެވެ. އެގޮތުން އައިސީއީއެސްސީއާރު ދަށުން ކަށަވަރުކޮށްދޭ އިޤްތިޞާދީ، އިޖްތިމާޢީ އަދި ޘަޤާފީ ޙައްޤުތަކާ ގުޅޭގޮތުން ކޮމިޓީއަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ވަކި ވަކި ފަރުދުންނަށާއި ޖަމާޢަތްތަކަށް ލިއްބައިދެއެވެ.
ފްރޭމްވަރކް އެގްރިމަންޓް ފޮރ އެސްޓަބްލިޝިންގ އިންޓަނޭޝަނަލް ސޯލަރ އެލައިންސްގެ ފައުންޑިންގ މެންބަރެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާގެ ހުއްދައާއި އެކު ރާއްޖެއިން ބައިވެރިވިއެވެ.
މި އެލަޔަންސްގެ ފުރިހަމަ މެންބަރަކަށް ރާއްޖެ ވުމަށްޓަކައި ރާއްޖޭގެ ފަރާތުން 10 އޭޕްރީލް 2015 ގައި ރާއްޖެ ވަނީ ސޮއިކޮށްފައެވެ. އަދި އެ ފްރޭމްވޯކް އެއްބަސްވުން ތަޞްދީޤު ކުރުމާމެދު ރައްޔިތުންގެ މަޖިލީހުން ވަނީ 27 ފެބުރުވަރީ 2019 ގައި ރުހުން ދެއްވައި، 30 އޭޕްރީލް 2009 ގައި ރައީސުލްސުލްޖުމްހޫރިއްޔާ ތަސްދީޤުކުރައްވާފައެވެ.
އަދި މި ފްރޭމްވާރކް އެގްރިމަންޓަށް ބައެއް އިޞްލާޙުތައް ގެނެސް، އެ އެގްރިމަންޓުގައި އ.ދ ގެ އެންމެހައި މެންބަރު ޤައުމުތަކަކަށް ބައިވެރިވެވޭގޮތަށް މިހާރު އިޞްލާޙުކޮށްފައިވާތީ، މި ފްރޭމްވަރކް އެގްރިމަންޓު އަލުން ތަޞްދީޤުކުރުމަށްޓަކައި ރައްޔިތުންގެ މަޖިލީހަށް އަލުން ހުށަހަޅައި މި އެގްރިމަންޓަށް ގެނެވިފައިވާ އިޞްލާޙުތައް ހިމެނޭގޮތަށް ރުހުން ހޯދުމަށް އެޓަރނީ ޖެނެރަލްގެ އޮފީހުން ވަނީ 1 ޑިސެންބަރު 2019 ގައި ލަފާދީފައިވާ ކަމަށް ރައީސް ފޮނުއްވި ސިޓީގައިވެއެވެ.