ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ) ބޯޑުގެ ހުރިހާ ބާރެއް ރައީސުލްޖުމްހޫރިއްޔާއަށް ލިބިލައްވާ ގޮތަށް ދިވެހިރާއްޖެ ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް ސަރުކާރުގެ ފަރާތުން އިސްލާހު ބައިގަންނަން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ.
އަންގާރަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އެބިލް މަޖިލީހަށް ބަލައިގަތުމަށް ފާސްކޮށްފައިވަނީ 44 މެމްބަރުންގެ އަޣްލަބިއްޔަތުންނެވެ. އިދިކޮޅަށް 17 މެންބަރަކު ވޯޓް ދެއްވި އިރު ޖުމްލަ ވޯޓުގައި ބައިވެރިވީ 61 މެންބަރުންނެވެ. އެބިލް މަޖިލީހަށް ބަލައިގަންނަން ފާސްވުމާއެކު އެބިލް ދިރާސާ ކުރުމަށް ވަނީ މަޖިލީހުގެ ގައުމީ ސަލާމަތުގެ ކޮމެޓީއަށް ފޮނުވާފަ އެވެ.
އަންގާރަ ދުވަހުގެ ޖަލްސާއަށް އެބިލް އެޖެންޑާ ކޮށްފައި ވަނީ ވެސް އެބިލްގެ ފުރަތަމަ ކިޔުން އިއްވުމަށް ފަހު، ބިލަށް ބަހުސް ކުރުމަށް ވޯޓަށް އަހައި، ބަހުސްކުރުމަށް ފެންނަ ކަމަށް ފާސްވެއްޖެ ނަމަ އެ ބިލަށް ބަހުސްކުރާ ގޮތަށެވެ. އެގޮތުން އެބިލަށް މަޖިލީހުގެ ބައެއް މެމްބަރުން ވަނީ ބަހުސް ކުރައްވާފަ އެވެ. ސަރުކާރަށް ނިސްބަތްވާ މެމްބަރުން އެބިލަށް ތާއީދު ކުރައްވާ ވާހަކަ ދެއްކެވި ނަމަވެސް ގުޅިފައިވާ އިދިކޮޅު ސިޔާސީ ޕާޓީތަކުގެ މެމްބަރުން ވަނީ އެ ބިލާ ދެކޮޅަށް ވާހަކަ ދައްކަވާފަ އެވެ.
އިދިކޮޚު މެމްބަރުން ވިދާޅުވީ މިއީ ލާމަރުކަޒީ ގާނޫނުން އިންތިޚާބުކުރާ ކައުންސިލްތަކުގެ ބާރު ސަރުކާރުގެ މުށުތެރެއަށް ގެނައުމަށް ކުރާ ކަމެއް ކަމަށެވެ.
ސަރުކާރުގެ ފަރާތުން އެ އިސްލާހު ގެނައުމުގެ ބިލް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާފައި ވަނީ އުނގޫފާރު ދާއިރާގެ މެމްބަރު ޖައުފަރު ދާއޫދު އެވެ.
ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ އިސްލާހު ހުށަހަޅާފައި ވަނީ އެލްޖީއޭގެ ބޯޑާ ގުޅޭ މާއްދާތައް ކަމަށްވާ ލާމަރުކަޒީ ގާނޫނުގެ 62، 63 އަދި 64 ވަނަ މާއްދާ އަށެވެ. ސަރުކާރުން މިހާރު ހުށަހަޅާފައިވާ އިސްލާހުގައި، އެލްޖީއޭ ބޯޑު އެކުލެވިގެންވަނީ ފަސް މެމްބަރުންގެ މައްޗަށެވެ.
ސަރުކާރުން ހުށަހަޅާފައިވާ އިސްލާހުގައި އެލްޖީއޭ ބޯޑުގައި ހިމެނޭ ފަސް މެމްބަރުންނަކީ ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ މިނިސްޓަރަކާއި ޖެންޑަރ އިކުއަލިޓީގެ ދާއިރާއިން ތަޖުރިބާ ލިބިފައިވާ އަންހެން މެމްބަރަކާއި މަދަނީ ޖަމްއިއްޔާއެއްގެ މެމްބަރަކާއި ގަވަރނަންސް ނުވަތަ ޕަބްލިކް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން ތަޖުރިބާ ލިބިފައިވާ މެމްބަރެއްގެ އިތުރުން ޗީފް އެގްޒެކެޓިވް އޮފިސަރ (ސީއީއޯ) އެވެ.
އެ އިސްލާހުގައިވާ ގޮތުން ރައީސް ކަނޑައަޅުއްވާ މިނިސްޓަރާއި ސީއީއޯ އައްޔަންކުރުމާއި ވަކިކުރުމުގެ ފުރިހަމަ ބާރު ދީފައި ވަނީ ސީދާ ރައީސުލްޖުމްހޫރިއްޔާ އަށެވެ. އަދި އެ ބޯޑުގައި ދެން ތިއްބަވާ ތިން މެމްބަރުން އައްޔަން ކުރުމަށްޓަކައި ރައްޔިތުންގެ މަޖިލީހަށް ނަން ފޮނުވާނީ ވެސް ރައީސުލްޖުމްހޫރިއްޔާ އެވެ. އެތިން މެމްބަރުން ވަކިކުރެވެނީ ރައްޔިތުންގެ މަޖިލީހުން އިތުބާރު ނެތްކަމުގެ ވޯޓެއް ނަގާ ފާސްވެއްޖެ ނަމަ އެވެ.
މީގެ އިތުރުން ވެސް އެލްޖީއޭ ބޯޑުގެ މެމްބަރުންނަށް ދެވޭ އިނާޔަތްތައް ކަނޑައަޅާނީ ރައީސުލްޖުމްހޫރިއްޔާ ކަމަށް ބުނެފައިވާ އިރު، އެ ބޯޑުގެ މުއްދަތަކީ ފަސް އަހަރު ދުވަހެވެ.
މިހާރު އެލްޖީއޭގައި ތިއްބަވަނީ ނުވަ މެމްބަރުންނެވެ. އެއީ ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރާ ވަޒީރާއި، ރާއްޖޭގެ ވެރިކަންކުރާ ރަށް ކަމަށްވާ، މާލެ ސިޓީ ކައުންސިލުން މެމްބަރަކާއި އަތޮޅު ކައުންސިލްތަކުން އިންތިހާބުކުރާ ހަތަރު މެމްބަރުންނާއި ރައްޔިތުންގެ މަޖިލީހުން އައްޔަންކުރާ މަދަނީ ޖަމްއިއްޔާއެއްގެ މެމްބަރަކާއި އާއްމުންގެ ތެރެއިން ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ މެމްބަރެއްގެ އިތުރުން ސިޓީ ކައުންސިލްތަކުގެ މެމްބަރުންގެ ތެރެއިން މެމްބަރެކެވެ.