ދައުލަތުގެ މީޑިޔާ ހިންގަމުން އަންނަ ޕަބްލިކް ސަރވިސް މީޑިޔާ (ޕީއެސްއެމް) އިން ދައުލަތުގެ މާލިއްޔަތު ގަވާއިދާއި ޚިލާފަށް ބިޑް ކުރުމުގެ އުސޫލެއް ނެތި ހަވާލުކޮށްފައިވާ 6 މަސައްކަތެއްގެ އަގު ހޯދުމަށް 20 މިލިއަން ރުފިޔާ ޕީއެސްއެމް އިން ނަގައިދިނުމަށް ކޯޓުގައި އެދިފައިވާ ކަމަށް ޕީއެސްއެމްގެ މެނޭޖިންގ ޑިރެކްޓަރ އަލީ ޚާލިދު ވިދާޅުވެއްޖެ އެވެ.
އެކަމާއި ގުޅިގެން އަލީ ޚާލިދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިމައްސަލަތައް އެންޓި ކޮރަޕްޝަން ކޮމިޝަނަށްވެސް ހުށަހަޅާފައިވާ ކަމަށެވެ. އަދި 2019 ގެ ކުރިން ގަވާއިދާ ޚިލާފަށް އެއްވެސް އެއްބަސްވުމެއްނެތި ހަވާލުކޮށްފައިވާ މަސައްކަތްތަކަށް މިއަދު ހައްލު ހޯދޭނީ ދައުލަތުގެ އެހެން މުއައްސަސާތަކުގެ އެހީތެރިކަމާއެކު ކަމަށް އަލީ ޚާލިދު ވިދާޅުވި އެވެ.
މިކަމާއި ގުޅޭގޮތުން އިތުރު ތަފްސީލު "ރާއްޖެ އެމްވީ" އަށް ދެއްވަމުން އަލީ ޚާލިދު ވިދާޅުވީ މާލިއްޔަތު ގަވާއިދާ ޚިލާފަށް ޕީއެސްއެމްގެ ކުރީގެ ބޯޑުން ކޮށްފައިވާ މިފަދަ މަސައްކަތްތަކާއި ގުޅޭ 15 މައްސަލަ އެއް ހުށަހަޅާފައިވާ ކަމަށެވެ.
ދައުލަތުގެ މީޑިޔާ ހިންގުމަށް ވަކި ޤާނޫނަކުން ޕީއެސްއެމްއާ ހަވާލުކޮށްފައިވަނީ 2015 ވަނަ އަހަރު އެވެ.
ޕީއެސްއެމް އާއި އިސްލާމިކް މިނިސްޓްރީ ގުޅިގެން ހިންގި "ދީނީ ޗެނަލް" އަށް އިކުއިޕްމެންޓް ގަތުމަށް ޕީއެސްއެމްއަށް ދޫކުރި 7.9 މިލިޔަން ރުފިޔާގެ ތެރެއިން 1.4 މިލިޔަން ރުފިޔާ އެހެން ކަންކަމަށް ބޭނުންކޮށްފައިވާކަން އޮޑިޓަރު ޖެނެރަލް ނެރުއްވާފައިވާ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ 2017ގެ އޮޑިޓު ރިޕޯޓުން ވަނީ ހާމަވެފަ އެވެ. ޕީއެސްއެމް އާއި އިސްލާމިކް މިނިސްޓްރީ ގުޅިގެން ދީނީ މައުލޫމާތު ފޯރުކޮށްދިނުމަށް "ދީނީ ޗެނަލް"ގެ ނަމުގައި ޗެނަލެއް އުފެއްދުމަށް 2016 ވަނަ އަހަރުގެ ނޮވެމްބަރުގައި ސޮއިކުރި ނަމަވެސް، އާ ޗެނަލްތަކެއް އުފައްދާފައިނުވެ އެވެ. އެހެން ނަމަވެސް ޕީއެސްއެމް އިން އޭރު ހިންގަމުން ދިޔަ ޗެނަލެއްގެ ނަން "މުންނާރު"ގެ ނަމަށް ބަދަލުކޮށް، ބްރޯޑްކާސްޓްކުރަން ފެށި ކަމަށް ރިޕޯޓުގައި ބުނެފައިވެ އެވެ.
މީގެއިތުރުން ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އެންޓަޕްރައިޒް ކޮމިޓީ (އެސްއޯއީ ކޮމެޓީ) ގައި ވާހަކަދައްކަވަމުން އޭސީސީގެ ކުރީގެ ނައިބު ރައީސް ވިދާޅުވެފައިވަނީ ބަަލަމުންދާ މައްސަލައަކާ ގުޅިގެން ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް)ގެ ލިޔެކިއުންތަކެއް ހޯދަން އެތަނަށް ދިއުމުން އެ ލިޔެކިއުންތައް ފެނިފައި ނުވާ ކަަމަށެވެ.