ރާއްޖޭގެ ބޯޑަރު ހުޅުވިފަހުން މިހާތަނަށް 433 ފަތުރުވެރިން ރާއްޖެ އައިސްފައިވާ ކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ބުނެފިއެވެ.
ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން އިމިގްރޭޝަން އޮފިސަރ މިފްތާހް މުހައްމަދު ވިދާޅުވީ މި މަހުގެ 15 އިން 18 ވަނަ ދުވަހުގެ މެންދުރު 12:00 ޖެހުމާއި ހަމަޔަށް 433 ފަތުރުވެރިން ރާއްޖެ އައިސްފައިވާ ކަމަށާއި އެންމެ ގިނައިން ފަތުރުވެރިން ރާއްޖެ އައިސްފައިވަނީ އެމެރިކާ އަދި އިނގިރޭސިވިލާތުން ކަމަށެވެ.
ރާއްޖޭގެ ބޯޑަރުތައް މި މަހުގެ 15 ވަނަ ދުވަހު ހުޅުވާފައިވާއިރު އެންމެ ފުރަތަމަ ޖައްސާފައިވަނީ ގަތަރުގެ ފްލައިޓެކެވެ. މި ފްލައިޓުން 100 ފަތުރުވެރިން ވަނީ ރާއްޖެ އައިސްފައެވެ. ބޯޑަރު ހުޅުވިފަހުން މިހާތަނަށް ރާއްޖެއަށް އިއްތިހާދު އެއަރވޭސް އާއި އެމިރޭޓްސްގެ ފްލައިޓްތައް ވަނީ ޖައްސާފައެވެ.
މީގެ އިތުރުން ސްރީލަންކަން އެއަރލައިންސް، ސިންގަޕޯރ އެއަރލައިންސް، ސިލްކްއެއަރ، ހޮންގް ކޮންގް އެއަރލައިންސް، ގަލްފް އެއަރ، އިންޑިގޯ އެއަރލަންސް އަދި ބުރިޓިޝް އެއަރވޭސް އިން ވެސް ރާއްޖެއަށް ދަތުރުތައް ފެށުމަށް ވަނީ ހަމަޖެހިފައެވެ.
ސެޕްޓެމްބަރު މަހު ސްވިޓްޒަލެންޑުގެ އެޑެލްވައިސްގެ ދަތުރުތައް ރާއްޖެއަށް ފެށުމަށް ހަމަޖެހިފައިވާއިރު އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހުން ފެށިގެން ޓަރކިޝް އެއަރލައިންސްގެ ދަތުރުތައް ވެސް ރާއްޖެއަށް ފަށާނެއެވެ.
ރާއްޖެއަށް ދަތުރުތައް ފެށުމަށް 12 އެއަރލައިނަކުން ޝެޑިއުލްކޮށްފައިވާއިރު ރާއްޖެއަށް ދަތުރުކުރާ އެއަރލައިންތަކަށް ހާއްސަ ޑިސްކައުންޓުތަކެއް ދޭން އެމްއޭސީއެލުން ވަނީ ނިންމާފައެވެ.
އެމްއޭސީއެލުން ބުނީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް ދަތުރު ކުރާ ޝެޑިއުލްޑް ފްލައިޓުތަކުން ނަގާ ގްރައުންޑް ހޭންޑްލިން، ލޭންޑިން، ނެވިގޭޝަން އަދި ޕާކިން ޗާޖުން ޑިސްކައުންޓުތަކެއް ދޭނެ ނިންމާފައިވާ ކަމަށެވެ. މި މަހުގެ 15ން ފެށިގެން އަންނަ މާރޗު މަހުގެ 26ގެ ނިޔަލަށް ތިން ބަޔަކަށް ބަހާލައިގެން ޑިސްކައުންޓު ދޭނެ ކަމަށެވެ.
ޖުލައި 15 އިން އޮގަސްޓު މަހުގެ ނިޔަލަށް އޮޕަރޭޓު ކުރަން ފަށާ އެއަރލައިންތަކަށް، އޮކްޓޯބަރު މަހުގެ 27 ގެ ނިޔަލަށް 100 އިންސައްތަ ޑިސްކައުންޓު ދޭން ނިންމާފައިވާ ކަމަށާއި ސެޕްޓެމްބަރު މަހުން ފެށިގެން އޮކްޓޯބަރު 27ގެ ނިޔަލަށް ދަތުުރު ފަށާ އެއަރލައިންތަކަށް އެ މުއްދަތުގެ ތެރޭގައި 75 އިންސައްތަ ޑިސްކައުންޓް ދޭނެ ކަމަށް އެމްއޭސީއެލުން ބުންޏެވެ. އަދި އޮކްޓޯބަރު 28 އިން ފެށިގެން މާރޗު 26 ގެ ނިޔަލަށް 50 އިންސައްތަ ޑިސްކައުންޓް ދިނުމަށް ނިންމާފައިވާ ކަމަށް ވެސް އެމްއޭސީއެލުން ހާމަކުރެއެވެ.
ރާއްޖޭގެ ބޯޑަރު އަލުން ހުޅުވާލުމާއެކު އޮން އެރައިވަލް ވިސާ ހަމަޖައްސާ އިރު ވަކި ގައުމެއް އިސްތިސްނާ ނުވާ ގޮތަށް ހުރިހާ ގައުމަކަށް ވެސް އޮން އެރައިވަލް ވިސާ ދޫކުރުމަށް ވަނީ ނިންމާފައެވެ.