މިދިޔަ އަހަރު އޭލެވެލް ނިންމި ދަރިވަރުންގެ ތެރެއިން 7 ދަރިވަރަކަށް ރައީސުލް ޖުމްހޫރިއްޔާގެ ޚާއްސަ ސްކޮލަރޝިޕް ދެއްވައިފިއެވެ.
އެކަމަށްޓަކައި ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި ސްކޮލަރޝިޕް ލިބުނު ދަރިވަރުންނަށް އެކަމުގެ ލިޔުން ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު އެވެ.
ސްކޮލަރޝިޕް ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ޑރ.އިބްރާހީމް ޙަސަން ވިދާޅުވީ ކޮވިޑްގެ ސަބަބުން ސަރުކާރުގެ ގިނަ ޚަރަދުތަކެއް އިންތިހާއަށް ކުޑަކުރަން ޖެހިފައިވާއިރު އުންމީދުކުރި ވަރަށް ގިނަ ޕްރޮޖެކްޓްތަކެއްގެ ދުވެލި މަޑުޖައްސާލަން ޖެހިފައިވާ ކަމަށެވެ. އެހެންނަމަވެސް މިދަތި އުނދަގޫ ވަގުތުގައިވެސް މީހުން ބިނާކުރުމުގެ މަޝްރޫއުތައް އެއްވެސް ހުއްޓުމެއްނެތި، އެއްވެސް ބަދަލެއް ނުގެނެސް އެމަޝްރޫޢުތައް ކުރިޔަށް ގެންދަވާނެ ކަމުގެ އުފާވެރި ޚަބަރު ރައީސުލްޖުމްހޫރިއްޔާ ދެއްވާފައިވާކަމަށް މިނިސްޓަރ ވިދާޅުވި އެވެ.
އެގޮތުން މިއަހަރު ކުރީކޮޅު އިއުލާންކުރި އަދި ދާދިފަހުން ނަތީޖާ އިއުލާންކުރި ތައުލީމާއި ތަމްރީނުގެ ލޯން ސްކީމާއި ހައި އެޗީވަރސް ސްކޯލަރ ސްކީމް އަދި ރައީސުލްޖުމްހޫރިއްޔާގެ ޚާއްސަ ސްކޮލަރޝިޕް ސްކީމް ކުރިޔަށްގެންދަން ހަމަޖެހިފައިވާކަން މިނިސްޓަރ ފާހަގަކުރެއްވި އެވެ.
މިކަން ތިކުދިން ޝުކުރުވެރިކަމާއެކު ފާހަގަކުރާނެކަމަށް އުންމީދުކުރަން. އެކަން ކުރެވޭނެ އެންމެ ރަނގަޅުގޮތަކީ ލިބުނު ފުރުސަތުގެ ބޭނުން އެންމެ ރަނގަޅު ގޮތުގައި ހިފުން. ތިކުދިން ބޭނުންވާ ކޮންމެ ޔުނިވަރސިޓީއަކުން ޚިޔާރުކުރާ ކޮންމެ ދާއިރާއަކުން މަތީ ތައުލީމު ހޯދުމުގެ ފުރުސަތު ރައީސްގެ ރިޔާސީ ވައުދާއި ގުޅިގެން މިވަނީ މިހާރު ފަހިވެގެން ގޮސްފައި. އެހެންވީމާ ލިބުނު ފުރުސަތުގެ ބޭނުން ރަނގަޅު ގޮތުގައި ހިފައިގެން ތައުލީމު ހާސިލްކޮށް އެނބުރި ގައުމަށް އައިސް ގައުމު ބިނާކުރުމުގެ މަސައްކަތުގައި އަމަލީ ގޮތުން ތިކުދިން މަސައްކަތްކުރުމަކީ މިކަމަށް ޝުކުރުވެރިވެވޭނެ އެންމެ ރަނގަޅު ގޮތް. މިގައުމު އާރާސްތުކުރުމަކީ ތިކުދިންނާއި އަޅުގަނޑުމެންގެ ޒިންމާއެއް.ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ޑރ.އިބްރާހީމް ޙަސަން
ސްކޮލަރޝިޕް ލިބުނު 7 ދަރިވަރުންގެ ތެރެއިން 5 ދަރިވަރުންނަކީ ސެންޓަރ ފޮރ އެޑިއުކެޝަން ސެންޓަރ (ސީއެޗްއެސްސީ)އިން މަތީ ޘާނަވީ ހާސިލް ކުރި ދަރިވަރުންނެވެ. އަދި 2 ދަރިވަރުންނަކީ އަލްމަދަރުޞަތުލް ޢަރަބިއްޔަތުލް އިސްލާމިއްޔާއިން ޝަހާދާ ސާނަވިއްޔާ ނިންމި ދަރިވަރުންނެވެ.
ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ ސްކޮލަރޝިޕް ލިބޭ ދަރިވަރުން ކިޔަވަން ބޭނުން ދާއިރާއަކުން ބޭނުން ޤައުމެއްގައި ފުރަތަމަ ޑިގްރީ ފުރިހަމަކުރުމުގެ ޚަރަދު ސަރުކާރުން ހަމަޖައްސާދޭނެ އެވެ.