ރައްޔިތުންގެ މަޖިލީހުގެ މާމިގިލި ދާއިރާގެ މެމްބަރު އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ފުލުހުން ހައްޔަރުކުރި ފަހުން މަޖިލީހުން ބޭއްވި އެއްވެސް ޖަލްސާއަކަށް ހާޒިރެއް ނުކުރި އެވެ.
މަޖިލީހުގެ ރައީސާއި ނާއިބު ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލާގައި ގާސިމް ބޭނުންވާ ވަކިގޮތަކަށް އެ ވޯޓް އަނބުރާލުމަށްޓަކައި މަޖިލީހުގެ މެމްބަރުންނަށް ނުފޫޒު ފޯރުވުމާއި ރިޝްވަތު ދިންކަމުގެ ތުހުމަތުގެ އިތުރުން ދައުލަތުގެ ސަލާމަތީ ބާރުތަކަށް ނުފޫޒު ފޯރުވުމަށް މަސައްކަތްކުރާ ކަމަށް ތުހުމަތު ކުރެވޭތީ އާއި ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރު ގާނޫނާ ހިލާފަށް ބަދަލުކުރުމަށް ހިތްވަރުލިބޭ ފަދަ އަމަލުތައް ކުރާކަމަށް ކުރެވޭ ތުހުމަތުގައި ފުލުހުން ގާސިމް ހައްޔަރު ކޮށްފައިވަނީ އޭޕްރީލް 6 ވަނަ ދުވަހުގެ ހަވީރު އެވެ.
އޭގެ ފަހުން ރައްޔިތުންގެ މަޖިލީހުން ބޭއްވި ހޯމަ ދުވަހުގެ ޖަލްސާ އާއި އަންގާރަ ދުވަހުގެ ޖަލްސާއަށް ގާސިމް ހާޒިރު ކޮށްފައެއް ނުވެއެވެ.
ގުޅިފައިވާ އިދިކޮޅު ސިޔާސީ ޕާޓީތަކުން އުފައްދާފައިވާ ޖޮއިންޓް ޕާލަމެންޓްރީ ގްރޫޕްގެ މެމްބަރުން ވަނީ އެ ދެ ޖަލްސާގައި ވެސް މަޖިލީހުގެ ޖަލްސާއަށް ގާސިމް ހާޒިރުކޮށްދިނުމަށް ތަކުރާރުކޮށް ގޮވާލާފަ އެވެ. އަދި ގާސިމް ހާޒިރުނުކޮށް ޖަލްސާ ކުރިއަށް ގެންދިއުމަކީ މަޖިލީހުގެ ގަވާއިދާ ހިލާފު ކަމެއް ކަމަށާއި އަދި ފުލުހުން ގާސިމް ހައްޔަރުކޮށްފައި ވަނީ ވެސް މަޖިޖިލީހުގެ މެމްބަރުންގެ އިމްތިޔާޒުގެ ގާނޫނާ ހިލާފަށް ކަމަށެވެ.
މީގެ އިތުރުން ބައެއް މެމްބަރުން ވިދާޅުވީ މަޖިލީހުގެ ރިޔާސަތުންނާއި މަޖިލީހުގެ އިދާރާއިން މަޖިލީހުގެ ގަވާއިދާ ހިލާފަށް ކަންކަން ކުރައްވަމުން ގެންދަވާ ކަމަށާއި ހާއްސަކޮށް ގާސިމް ހައްޔަރުކުރި މައްސަލާގައި މަޖިލީހުން އަމަލު ކުރަމުންދަނީ މަޖިލީހުގެ ގަވާއިދާއި އިމްތިޔާޒުގެ ގާނޫނާ ހިލާފަށް ކަމަށެވެ. އެގޮތުން މީގެ ކުރިން ފުލުހުން ހައްޔަރުކުރި ބައެއް މެމްބަރުން މަޖިލީހަށް ހާޒިރުކޮށްފައިވާ ކަމަށާއި ވަކި މެމްބަރަކަށް ވަކިގޮތެއް ހެދުމަކީ އެއްގޮތަކަށް ވެސް ގަބޫލު ކުރެވޭނެ ކަމެއް ނޫން ކަމަށް ވެސް އިދިކޮޅު މެމްބަރުން ވިދާޅުވިއެވެ.
އިދިކޮޅު މެމްބަރުންގެ އެ ވާހަކަތަކަށް ރައްދު ދެއްވަމުން މަޖިލީހުގެ ރިޔާސަތުން ވަނީ ގާސިމް މައްސަލަގައި މަޖިލީހުން އަމަލު ކޮށްފައިވަނީ ގާނޫނާއި މަޖިލީހުގެ ގަވާއިދާ އެއްގޮތަށް ކަމަށް ވިދާޅުވެ ނިޒާމު މައްސަލަ ބަލައިގަތުމަށް ދެކޮޅު ހަދައްދަވާފައެވެ.
ގާސިމް ހައްޔަރުކޮށްފައި ވަނީ އިމްތިޔާޒުގެ ގާނޫނާއި މަޖިލީހުގެ ގަވާއިދާ ހިލާފަށް ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ވަކިވަކި މާއްދާތައް ބަޔާންކޮށް މަޖިލީހުގެ ރައީސާއި މަޖިލީހުގެ އިދާރާގެ ސަމާލުކަމަށް ގެނައި ނަމަވެސް އެއްވެސް ގާނޫނެއް އަދި ގަވާއިދަކާ ހަވާލާ ނުދެއްވައި މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދު ހަމަ އެކަނި ވިދާޅުވެފައި ވަނީ ގާސިމް ހައްޔަރުކޮށްފައިވަނީ ގާނޫނާއި ގަވާއިދާ އެއްގޮތަށް ކަމަށާއި އަދި މަޖިލީހުގެ ޖަލްސާތައް ވެސް ކުރިއަށް ގެންދަވަނީ މަޖިލީހުގެ ގަވާއިދާ އެއްގޮތަށް ކަމަށެވެ.