ހައްޖު މަހުގެ ހަނދު މި މަހުގެ 22 ގައި ފެންނާނެ ކަމަށް ބެލެވޭ އެ ގައުމުން ބުނެފިއެވެ.
ސައުދީ ސްޕްރިމް ކޯޓާ ހަވާލާދީ ސައުދީ ގެޒެޓްގައި ރިޕޯޓު ކޮށްފައިވާ ގޮތުގައި މި މަހުގެ 20 ވާ ހޯމަ ދުވަހު އަދި ޛުލްގައިދާ މަހުގެ 29 ވަނަ ދުވަހު ހަނދު ފެންނަ މީހަކު ނުވަތަ ބަޔަކު އެކަން ވީހާ ވެސް އަވަހަށް ކަމާބެހޭ އިދާރާތަކަށް ނުވަތަ ސުޕްރީމް ކޯޓަށް އެންގުމަށް ވަނީ އެދިފައެވެ.
ހައްޖު މޫސުން ފައްޓާނެ ސީދާ ދުވަހެއް ކަނޑައެޅިގެންދާނީ ހަނދު ފެންނަ ދުވަހުގެ ގޮތުން ކަމަށް ވެސް ރިޕޯޓު ކޮށްފައިވެއެވެ.
ސައުދީ ސަރުކާރުން ބުނީ ފަލަކީ ހިސާބުތަައް ބުނާ ގޮތުން ޛުލްގައިދާ މަސް ފެށޭނީ މި އަހަރުގެ ޖުލައި މަހުގެ 22 ވަނަ ދުވަހުއެވެ. އަދި ހައްޖުގެ އަޅުކަން ފެށޭނީ ޖުލައި މަހުގެ 30 ގައި ކަމަށެވެ.
ކޮވިޑް-19އާ ގުޅިގެން ސައުދީ އަރަބިއްޔާ ސަރުކާރުން ވަނީ ހައްޖަށް ދެވޭނެ މީހުންގެ އަދަދު ވަރަށް ބޮޑަށް މަދުކޮށްފައެވެ. ސައުދީން ބުނެފައިވަނީ މި އަހަރުގެ ހައްޖުގެ އަޅުކަމުގައި ބައިވެރިވާ މީހުންގެ ތެރެއިން 70 އިންސައްތަ މީހުންނަކީ އެ ގައުމުގައި ދިރިއުޅޭ އެހެން ގައުމުތަކުގެ މީހުން ކަމަށެވެ. އަދި 30 އިންސައްތަ އަކީ އެ ގައުމުގެ ރައްޔިތުން ކަމަށެވެ. ހައްޖުގެ އަޅުކަމުގައި ބައިވެރިވާ މީހުންގެ ރައްކާތެރިކަމަށްޓަކައި ހައްޖުގައި މިއަހަރު ބައިވެރިވެވެނީ 10،000 މީހުންނަށް ކަމަށެވެ.
ސައުދީގެ ހައްޖު އަދި އުމްރާ މިނިސްޓްރީން ބުނީ މި އަހަރު ހައްޖުގެ އަޅުކަމުގައި ބައިވެރިވުމުގެ ފުރުސަތު ލިބިގެންދާނީ ސިއްހީ ގޮތުން ރަނގަޅު މީހުންނަށް ކަމަށެވެ.
ކޮންމެ އަހަރަކު ދުނިޔޭގެ އެކި ކަންކޮޅުތަކުން ދެ މިލިއަނަށްވުރެ ގިނަ މީހުން ހައްޖުގެ އަޅުކަން އަދާކުރުމަށް ސައުދީ އަރަބިއްޔާއަށް ދެއެވެ.