ކޮވިޑް-19 އިން ރައްކާތެރިވުމަށް އިސްރާއީލް ސަރުކާރުން އަޅާފައިވާ ފިޔަވަޅުތަކާއި އެގައުމުގެ ބޮޑުވަޒީރު ބެންޔަމިން ނަތަންޔާހޫ އާ މެދު ކުރެވޭ ކޮރަޕްޝަންގެ ތުހުމަތުތަކާއި ގުޅިގެން ބޮޑުވަޒީރު އުޅުއްވާ ގެކޮޅު ކައިރީގައި މުޒާހަރާކޮށްފި އެވެ.
މުޒާހަރާ ކުރަމުންދިޔަ މީހުން އެސަރަހައްދުން ފޮނުވާލާ މުޒާހަރާ ރޫޅާލުމަށް އިސްރާއީލް ފުލުހުން ވަނީ މުޒާހަރާގެ ބައިވެރިންނާ ދިމާލަށް ޕްރެޝަރުގައި ފެން ޖަހާފަ އެވެ.
ކޮވިޑް-19 އިން ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން އެތައް ބަޔެއްގެ ވަޒީފާ ގެއްލިފައިވާއިރު ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކާމެދު ހިތްހަމަނުޖެހިގެން އެތައް ބަޔަކު ވަނީ މަގުތަކަށް ނިކުމެފަ އެވެ. އަދި ނަތަންޔާހޫއާ މެދު ކުރެވޭ ކޮރަޕްޝަނާއި، ރިޝްވަތާއި ހީލަތްތެރިވުމުގެ ދައުވާތަކާއި ގުޅިގެންވެސް އާންމުން ވަނީ ނަތަންޔާހޫ ދެކެރުޅި އައިސްފަ އެވެ.
ޖޭރުއްސަލަމް ގައި ހުންނަ ބޮޑުވަޒީރު އުޅުއްވާ ގެކޮޅު ކައިރިއަށް އެއްވި އެތައް ސަތޭކަ ބަޔަކު ވަނީ ނަތަންޔާހޫގެ އިސްތިއުފާ އަށް ގޮވާފަ އެވެ. މިމުޒާހަރާތަކުގައި ފުލުހުން ވަނީ ދެ މީހަކު ހައްޔަރުކޮށްފަ އެވެ.
އިސްރާއީލްގެ ވިޔަފާރީގެ މަރުކަޒީ ރަށް ތެލް އަވީވްގައި އޮތް މުޒާހަރާގައި ބައިވެރިވި އެތައް ހާސް ބަޔަކު ވަނީ ވައިރަސް އިން ރައްކާތެރިވުމަށް އެޅި ފިޔަވަޅުތަކުގެ ސަބަބުން އިނދަޖެހިފައިވާ ވިޔަފާރިތަކަށް ސަރުކާރުން ރަނގަޅު އެހީތެރިކަމެއް ފޯރުކޮށްދިނުމަށް ގޮވާލާފަ އެވެ. އަދި ވަޒީފާ ގެއްލިފައިވާ މީހުންނާއި މުސާރަނުދޭ ގޮތަށް ޗުއްޓީއަށް ފޮނުވާލާފައިވާ މީހުންނަށް ސަރުކާރުން އެހީތެރިކަން ފޯރުކޮށްދިނުމަށް ވަނީ ގޮވާލާފަ އެވެ. އެގައުމުގައި ވަޒީފާނެތް މީހުންގެ އިންސައްތަ އަކީ 21 އިންސައްތަ އެވެ.
އިސްރާއީލްގެ ސްކޫލްތަކާއި ގިނަ ވިޔަފާރިތަކެއް ހުޅުވާލަން ފަށާފައިވަނީ މެއި މަހުގެ ތެރޭގަ އެވެ. ވައިރަސް ފެތުރުން ކޮންޓްރޯލްކުރުމަށް އެގައުމުގެ އެއް ބައި ލޮކްޑައުން ކޮށްފައިވަނީ މަރޗް މަހުގެ ތެރޭގަ އެވެ. އިސްރާއީލްގައި ވައިރަސް ފެތުރޭ މިންވަރު ފާއިތުވި ހަފްތާތަކުގައި ވަނީ މައްޗަށްދާން ފަށާފަ އެވެ.
އިސްރާއީލްގެ ޑިމޮކްރަސީ އިންސްޓިޓިއުޓުން އަންގާރަ ދުވަހު ނެގި ޚިޔާލު ހޯދުމުގެ ޕޯލަކުން ދައްކާގޮތުގައި ވައިރަސް އިން ރައްކާތެރިވުމަށް ނަތަންޔާހޫ ގެންގުޅުއްވާ ސިޔާސަތުތަކަށް އިތުބާރު ކުރަނީ 29.5 އިންސައްތަ މީހުންނެވެ.