ރާއްޖޭގައި ތިބި ބިދޭސީން ގައުމަށް ފޮނުވާލުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ބަންގްލަދޭޝްގެ އިތުރު 200 މީހަކު ފުރުވާލައިފިއެވެ.
މި މީހުން ފުރުވާލާފައިވަނީ ހޮނިހިރު ދުވަހުގެ ހެނދުނު ގައުމީ އެއާލައިން، މޯލްޑިވިއަންގެ ފްލައިޓެއްގައެވެ. ބިދޭސީން ފޮނުވާލުމުގެ މަސައްކަތް ފަށާފައިވަނީ ކޮވިޑް-19އާ ގުޅިގެން މާލެ ލޮކްޑައުންކުރި ހިސާބުންނެވެ. މި ލޮކްޑައުން ތެރޭގައި ގަވާއިދާ ހިލާފަށް އުޅެމުންދިޔަ 2500ށް ވުރެ ގިނަ ބިދޭސީން އަނބުރާ އެމީހުންގެ ގައުމަށް ވަނީ ފޮނުވާލާފައެވެ.
މީގެ އިތުރުން ބުރާސްފަތި ދުވަހުގެ ހެނދުނު ގައުމީ އެއާލައިން، މޯލްޑިވިއަންގެ ފްލައިޓެއްގައި 152 މީހަކު ވަނީ އަނބުރާ ގައުމަށް ފޮނުވާލާފައެވެ.
ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީންގެ ތެރެއިން ލައްކައަކާއި ގާތްކުރާ އަދަދަކަށް ގަވާއިދާ ހިލާފަށް ބިދޭސީން އުޅެމުން އަންނަ ކަމަށް ސަރުކާރުން ވަނީ ހާމަކޮށްފައެވެ. މުޅި މައްސަލައަށް ހައްލެއް ގެނައުމުގެ ގޮތުން އިކޮނޮމިކް މިނިސްޓްރީން ދަނީ މިހާރުވެސް މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން އިކޮނޮމިކް މިނިސްޓަރ ވަނީ އަމާޒަކީ މި އަހަރުގެ ތެރޭގައި 20،000 ބިދޭސީން އެ މީހުންގެ ރުހުމުގައި އަނބުރާ ގައުމަށް ފޮނުވާލުން ކަމަށް ވިދާޅުވެފައެވެ.
ބިދޭސީން ލައްވާ މަސައްކަތް ކުރުވައި އެ މީހުންނަށް މުސާރަ ނުދޭ މައްސަލަތައްވެސް އަންނަނީ މި ފަހަކަށް އައިސް އިތުރުވަމުންނެވެ. މުސާރަ ނުލިބޭ މައްސަލައިގައި ބިދޭސީން ބައެއް މުޒާހަރާތައް ކޮށްފައިވާއިރު، މިފަހުން ހިނގި މުޒާހަރާތަކުގައި ބައެއް ހަމަނުޖެހުން ހިނގާފައިވެއެވެ.
މި މުޒާހަރާތައް ކޮންޓްރޯލް ނުކުރެވިއްޖެނަމަ، ގައުމީ ސަލާމަތަށް ނުރައްކަލެއް ކުރިމަތި ވެދާނެ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އަދި މި މައްސަލައާ ގުޅިގެން މަޖިލިހަށް ހުށައަޅާފައިވާ ކުއްލި މައްސަލައިގައި މެމްބަރުން ވެސް ވަނީ މި މައްސަލައަށް އަވަސް ހައްލެއް ގެންނަން ޖެހޭ ކަމަށް ވިދާޅުވެފައެވެ.