ކ. މާލެ
|
18 ޖުލައި 2020 | ހޮނިހިރު 08:58
އޭޝިއާގެ ގައުމުތަކުގެ ތެރެއިން އެންމެ ހަލުވިކަމާއެކު ކޮވިޑް-19 ފެތުރެމުން އަންނަ އިންޑިއާގައި ރޭންޑަމް ސާމްޕަލިން ނެގުމުގެ މަސައްކަތުގެ ތެރެއިން ކުޑަކުއްޖެއްގެ ސާމްޕަލް ނަގަނީ
އޭޝިއާގެ ގައުމުތަކުގެ ތެރެއިން އެންމެ ހަލުވިކަމާއެކު ކޮވިޑް-19 ފެތުރެމުން އަންނަ އިންޑިއާގައި ރޭންޑަމް ސާމްޕަލިން ނެގުމުގެ މަސައްކަތުގެ ތެރެއިން ކުޑަކުއްޖެއްގެ ސާމްޕަލް ނަގަނީ
ރޮއިޓަރސް
ރެކޯޑް އަދަދަކަށް ކޭސްތައް ރިޕޯޓް ކުރުން
އެއްދުވަހާ 237،743 މީހުންނަށް ކޮވިޑް-19 ޖެހި އަނެއްކާވެސް ރިކޯޑެއް
އެންމެ ފަހުން ރިކޯޑް އަދަދަކަށް މީހުންނަށް ވައިރަސް ޖެހުނީ ޖުލައި 12 ވަނަ ދުވަހު
އެންމެ ގިނަ އަދަދެއްގެ ބަޔަކަށް ދުވާލެއްގެ ތެރޭގައި ވައިރަސް ޖެހިގެން ރިޕޯޓްކުރަނީ އެމެރިކާ، ބްރެޒިލް، އިންޑިޔާ އަދި ސައުތު އެފްރިކާ
މުޅި ދުނިޔޭގެ 14 މިލިއަން މީހުންނަށް ވަނީ ވައިރަސް ޖެހިފައި އަދި 6 ލައްކަ މީހުން ވަނީ މަރުވެފައި

ހުކުރު ދުވަހު 237،743 މީހުންނަށް ކޮވިޑް-19 ޖެހި އަނެއްކާވެސް އެއްދުވަހާ އެންމެ ގިނައިން ރެކޯޑް އަދަދަކަށް މީހުން ޕޮޒިޓިވްވީ އިއްޔެ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިއުއެޗްއޯއިން ހާމަކޮށްފިއެވެ.

ޑަބްލިއުއެޗްއޯއިން ބުނީ ފާއިތުވި 24 ގަޑި އިރު ތެރޭގައި ރެކޯޑް އަދަދަކަށް ޕޮޒިޓިވް ކޭސްތައް ރިޕޯޓްކޮށްފައިވާ އިރު މިއީ މި ހަފްތާ ތެރޭގައި ރެކޯޑް އަދަދަކަށް ކޭސްތައް ރިޕޯޓްކުރި ދެވަނަ ފަހަރު ކަމަށެވެ. މީގެ ކުރިން 230،370 ކޭސްއާއެކު އާދީއްތަ ދުވަހު ވަނީ ރެކޯޑް އަދަދަކަށް ޕޮޒިޓިވް ކޭސްތައް ރިޕޯޓްކޮށްފައެވެ.

އެންމެ ގިނަ އަދަދެއްގެ ބަޔަކަށް ދުވާލެއްގެ ތެރޭގައި ވައިރަސް ޖެހިގެން މިހާރު ރިޕޯޓްކުރަމުން އަންނަނީ އެމެރިކާ، ބްރެޒިލް، އިންޑިޔާ އަދި ސައުތު އެފްރިކާ އެވެ. މި ހަފްތާގެ އާދީއްތަ ދުވަހުގެ ކުރިން ޑަބްލިޔުއެޗްއޯއިން އެންމެ ފަހުން ރިކޯޑް އަދަދަކަށް މީހުންނަށް އެއްދުވަހާ ވައިރަސް ޖެހިގެން ރިޕޯޓްކުރީ ޖުލައި މަހުގެ 10 ވަނަ ދުވަހު އެވެ. އެއީ 228،102 (ދެ ލައްކަ އަށާވީސް ހާސް ސަތޭކަ ދެ) މީހުންނެވެ. އޭގެ ކުރިން ރިކޯޑް އަދަދަކަށް މީހުންނަށް ވައިރަސް ޖެހިގެން ރިޕޯޓް ކުރީ ޖުލައި މަހުގެ 5 ވަނަ ދުވަހު އެވެ. އެއީ 212,326 (ދެ ލައްކަ ބާރަހާސް ތިން ސަތޭކަ ސައްބީސް) މީހުންނެވެ.

އަދި އޭގެކުރިން ޖޫން މަހުގެ 28 ވަނަ ދުވަހުއެވެ 189،077 (އެއްލައްކަ އައްޑިހަ ނުވަހާސް ހަތްދިހަ ހަތެއް) މީހުންނަށް ވައިރަސް ޖެހިގެން ރިކޯޑެއް ހެދިއެވެ. އަދި ޖޫން މަހުގެ 22 ވަނަ ދުވަހު 183,000 (އެއްލައްކަ އަށްޑިހަ ތިން ހާސް) މީހުންނަށް ވައިރަސް ޖެހިގެން އޭރުގެ ރިކޯޑު އަދަދެއްކަމަށް ޑަބްލިޔުއެޗްއޯއިން ވަނީ ރިޕޯޓްކޮށްފަ އެވެ.

މުޅި ދުނިޔޭގައި ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު 14 މިލިއަނަށް އަރާފައިވާ އިރު، މިހާތަނަށް 6 ލައްކައަށްވުރެ ގިނަ މީހުން ވަނީ ބަލީގައި މަރުވެފައެވެ. މިހާތަނަށް 7.8 މިލިއަން މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ.

ދުނިޔޭގެ އެންމެ ހަލުވި ކަމާއެކު ކޮވިޑް-19 ފެތުރެމުން އަންނަ އެމެރިކާގައި މިހާތަނަށް 3.6 މިލިއަން މީހުންނަށް ކޮވިޑް-19 ޖެހިގެން ވަނީ ރިޕޯޓްކޮށްފައެވެ. އަދި ދެވަނައަށް އެންމެ ގިނައިން ރިޕޯޓް ކުރަމުން އަންނަ ބްރަޒިލްއިން ވަނީ މިހާތަނަށް 2 މިލިއަން މީހުން ކޮވިޑް-19ށް ޕޮޒިޓިވްވެގެން ރިޕޯޓްކޮށްފައެވެ. 3 ވަނައަށް އެންމެ ގިނަ ކޭސްތައް ރިޕޯޓްކޮށްފައިވަނީ އިންޑިއާއިންނެވެ. އިންޑިއާއިން މިހާތަނަށް 1 މިލިއަނަށްވުރެ ގިނަ މީހުން ޕޮޒިޓިވްވެގެން ވަނީ ރިޕޯޓްކޮށްފައެވެ.

މިވަގުތު މުޅި ދުނިޔޭގައި 22 ގައުމެއްގައި މިވައިރަސް ލައްކައަކަށް ވުރެ ގިނަ މީހުންނަށް ޖެހިގެން އަންނަނީ ރިޕޯޓްކުރަމުންނެވެ. ވައިރަސް އަދިވެސް ހަލުވިކަމާއެކު ފެތުރެމުންދާތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށާއި އެކަމަށް ފަރުވާކުޑަ ނުކުރުމަށް ޑަބްލިޔުއެޗްއޯއިން ތަކުރާރުކޮށް އަންނަނީ އިރުޝާދު ދެމުންނެވެ.

- ކޮމެންޓް