މިނިސްޓަރ އޮފް ހޯމް އެފެއަރޒް އައްޝައިޚް އިމްރާން އަބްދުﷲގެ ހަށިކޮޅަށް އުނދަގޫތަކެއް ވުމާއި ގުޅިގެން ރުޤުޔާ ކުރައްވާ، ސިހުރު ނައްތާލުމަށް ސަހަރާކޮނެ މި ސިހުރާގުޅޭ އެއްޗެތި ތަކެއް ނެގިކަމުގެ އަޑުތަކެއް ފެތުރެން ފަށައިފިއެވެ.
ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯގައި ފެނިގެންދަނީ މިނިސްޓަރ އިމްރާން މައިކަކުން ޤުރުޢާންގެ އާޔަތްތަކެއް ކިޔަވާ ވިދާޅުވަމުން ގެންދަވަނިކޮށެވެ.
މި ވީޑިއޯގައި މިނިސްޓަރ ޤުރުއާންގެ އާޔަތްތައް ކިިޔަވާ ވިދާޅުވަމުން ގެންދަވާއިރު ނޭވާލުމަށް އުނދަގޫތަކެއް ވަމުންދާތީ ކިޔެވުން ކުރިއަށް ނުގެންދެވިގެން އުޅުއްވާ މަންޒަރު ފެނިގެންދެއެވެ.
އިތުބާރު ހުރި މަސްދަރަކުން ރާއްޖެ އެމްވީއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ފާއިތުވި ދުވަސްތަކުގައި މިނިސްޓަރ އިމްރާންއަށް އުނގަދޫތަކެއް ވަމުން ދިޔުމުގެ ސަބަބުން ވަނީ ރުޤުޔާ ކުރައްވަން ފައްޓަވާފައެވެ. އަދި ހުވަފެނުގައި ސިހުރު ހަދާފައިވާ ކަމަށް ފެނިވަޑައިގެން މާފަންނު ސަހަރާ ކޮނެ އެތަކެތި ނަގާފައިވާ ކަމުގެ މައުލޫމާތު ލިބިފައި ވެއެވެ.
މިހިނގާ ޖުލައި މަހުގެ ކުރީކޮޅު ދެ ނަމާދު ދޭތެރޭ ވަގުތުގައި ބަޔަކު ސަހަރާއަށް ވަދެ އެތަނުން ކޮނެގެން ނަގާފައިވާ ތަކެތީގެ ތެރޭގައި ލިޔެފައި ހުރި ފޮތިގަނޑަކާއި، އިންސާނާގެ ސޫރަ ކުރަހާ އޭގައި ލިޔެފައި ހުރި ލަކުޑިތަކަކާއި އަދި ލިޔެފައި ހުރި ފަތްތަކެއްވެސް ނަގާފައިވާ ކަމަށް ރާއްޖެ އެމްވީއަށް ވަނީ މައުލޫމާތު ލިބިފައެވެ.
މިކަމާއި ގުޅިގެން މިނިސްޓަރުގެ ބަހެއް ހޯދާލުމަށް ރާއްޖެ އެމްވީން ގުޅާލުމުން މިނިސްޓަރ ފޯނަށް ޖަވާބު ދެއްވާފައި ނުވާތީ މިނިސްޓަރުގެ ބަހެއް ވަނީ ލިބޭގޮތް ނުވެފައެވެ.