ކ. މާލެ
|
16 ޖުލައި 2020 | ބުރާސްފަތި 09:09
އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ކާނިވާ ސަރަހައްދުގައި ބޭއްވި ޖަލްސާ އެއްގެ ތެރެއިން
އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ކާނިވާ ސަރަހައްދުގައި ބޭއްވި ޖަލްސާ އެއްގެ ތެރެއިން
ޕީޕީއެމް
އިދިކޮޅުގެ ''ފެއިލްވެއްޖެ'' ޖަލްސާ
ހުއްދަ ނުލިބުމުން ''ފެއިލްވެއްޖެ'' ޖަލްސާ ފަސްކޮށްފި
ރެލީގެ ޕްރޮމޯޝަން ކުރިޔަށްދާނެ
އިދިކޮޅުން ވަނީ ސަރުކާރުން ހުއްދަ ނުދިން ކަމަށް ތުހުމަތުކޮށްފައި

އިދިކޮޅު ޕީޕިއެމް/ޕީއެންސީގެ ''ފެއިލްވެއްޖެ'' ޖަލްސާ ބާއްވަން ސަރުކާރުން ހުއްދަ ނުދިނުމުން ޖަލްސާ ފަސްކޮށްފިއެވެ.

ސަރުކާރު ޒިންމާދާރު ކުރުމުގެ ނަމުގައި އިދިކޮޅު ޕީޕީއެމް/ޕީއެންސީ ގުޅިގެން ''ފެއިލްވެއްޖެ'' ނަމުގައި ޖަލްސާ ބާއްވަން އޮތީ ހުކުރު ދުވަހުއެވެ.

ބުދަ ދުވަހު ޕީޕީއެމް އޮފީހުގައި ބޭއްވި ޕްރެސް ކޮންފަރެންސްގައި ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ ކުރީގެ މެމްބަރު އިބްރާހިމް ޝުޖާއު ވިދާޅުވީ، ކާނިވާ ސަރަހައްދުގައި ޖަލްސާ ބާއްވަން އެދި ސަރުކާރުގެ އެކި އިދާރާތަކަށް ފޮނުވި ސިޓީގެ ޖަވާބު ލިބިފައި ނުވާތީވެ ޖަލްސާ ފަސްކޮށްފައިވާ ކަމަށެވެ.

ޝުޖާއު ވިދާޅުވި ގޮތުގައި، ޖަލްސާ ބާއްވަން އިދިކޮޅަށް ހުއްދަ ނުދިނުމުގެ ދޭހަވަނީ މި ސަރުކާރުން ހިޔާލު ފާޅުކުރުމާއި އެއްވެ އުޅުމުގެ މިނިވަން ކަމަށް ހުރަސް އަޅާ މިންވަރެވެ. ރެލީ ފަސްކުރި ތާރިހެއް ޝުޖާއު ހާމަނުކުރެއްވި ނަމަވެސް، އޭނާ ވިދާޅުވީ ރެލީގެ ޕްރޮމޯޝަން ކަންތައްތައް ފަސްޖެހުމެއްނެތި ކުރިޔަށް ގެންދާނެ ކަމަށެވެ.

އިދިކޮޅުގެ ޖަލްސާ ބާއްވަން ސަރުކާރުން ހުއްދަ ދީފައިނުވާއިރު، މާލޭގައި އެއްވެސް ބާވަތެއްގެ އެއްވުމެއް ނުވަތަ ހިނގާލުމެއް ނުވަތަ ފުޅަނދުބުރެއް ބޭއްވޭނީ ކުރިން ހުއްދަ ނަގައިގެން ކަމަށް އަންގާރަ ދުވަހު ހޯމް މިނިސްޓްރީން ވަނީ ސާކިއުލާއެއް ނެރެފައެވެ. އަދި ހުއްދަ ދެވޭނީ ހަމައެކަނި ކާނިވާ ސަރަހައްދުގައި ކަމަށް ވެސް ހޯމް މިނިސްޓްރީން ވަނީ ބުނެފައެވެ.

- ކޮމެންޓް