ކ. މާލެ
|
15 ޖުލައި 2020 | ބުދަ 23:10
ފީފާ ވޯލްޑް ކަޕް ޓްރޮފީ: އެންމެ ފަހުން ބޭއްވުނު ފީފާ ވޯލްޑް ކަޕް ކާމިޔާބުކޮށްފައިވަނީ ފްރާންސުން
ފީފާ ވޯލްޑް ކަޕް ޓްރޮފީ: އެންމެ ފަހުން ބޭއްވުނު ފީފާ ވޯލްޑް ކަޕް ކާމިޔާބުކޮށްފައިވަނީ ފްރާންސުން
ގެޓީ އިމޭޖަސް
ވޯލްޑް ކަޕްގެ ޝެޑިއުލް އިއުލާން ކުރުން
2022 ވަނަ އަހަރުގެ ވޯލްޑް ކަޕް ނޮވެމްބަރު މަހު
ވޯލްޑް ކަޕް ކުރިއަށްދާނީ ނޮވެމްބަރު މަހުގެ 21ން ޑިސެމްބަރު މަހުގެ 18ގެ ނިޔަލަށް
މީގެ ކުރިން އާންމު ގޮތެއްގައި ވޯލްޑް ކަޕް ބާއްވަނީ ހޫނު މޫސުމުގައި
މުބާރާތް ހުޅުވާ މެޗުގައި އެއްކޮޅުން ވާދަކުރާނީ މުބާރާތް ބާއްވާ ގައުމު ކަމަށްވާ ގަތަރު

2022 ވަނަ އަހަރު ގަތަރުގައި ބާއްވާ ފީފާ ވޯލްޑް ކަޕް ނޮވެމްބަރު 21 ގައި ފަށާ ގޮތަށް ނިންމައިފިއެވެ.

އާންމު ގޮތެއްގައި ވޯލްޑް ކަޕް ބާއްވަނީ ހޫނު މޫސުމުގައެވެ. އެކަމަކު ގަތަރުގައި ބާއްވާ ވޯލްޑް ކަޕް ކުރިއަށްދާނީ ނޮވެމްބަރު މަހުގެ 21ން ޑިސެމްބަރު މަހުގެ 18ގެ ނިޔަލަށެވެ.

ގަތަރުގައި ބާއްވާ ވޯލްޑް ކަޕް ނޮވެމްބަރު މަހުގައި ބޭއްވުމަށް ފީފާއިން ނިންމީ ކުރިން ވޯލްޑް ކަޕް ބާއްވާ ދުވަސްވަރު ކަމަށްވާ ޖޫން އަދި ޖުލައި މަހަކީ ގަތަރުގެ ހޫނު މޫސުން ކަމަށްވުމުން، ކުޅުންތެރިންނާއި ޓީމުތަކަށް ދިމާވެދާނެ ދަތިތަކަށް ބެލުމަށްފަހުގައެވެ.

ގަތަރުގައި ބާއްވާ ވޯލްޑް ކަޕްގެ ޝެޑިއުލް ފީފާއިން ބުދަ ދުވަހު އާންމުކުރިއިރު، ގްރޫޕް ސްޓޭޖު މެޗުތަކުގައި ކޮންމެ ދުވަހަކު ހަތަރު މެޗު ކުޅޭ ގޮތަށް ވަނީ ހަމަޖައްސާފައެވެ. އެހެންކަމުން ސަޕޯޓަރުންނާއި މީޑިއާއަށް އެއްފަހަރާ ބެލޭނީ ކޮންމެ ދުވަހަކުވެސް ދެ މެޗެވެ.

ވޯލްޑް ކަޕް ފެށުމަށް ހަމަޖެހިފައިވާ މެޗު ކުޅޭނީ ގަތަރުގެ ދޯހާގެ އަލް ބައިތު ސްޓޭޑިއަމްގައެވެ. މި ދަނޑަކީ 60،000 މީހުންގެ ޖާގައިގެ ދަނޑެކެވެ. މުބާރާތް ހުޅުވާ މެޗުގައި އެއްކޮޅުން ވާދަކުރާނީ މުބާރާތް ބާއްވާ ގައުމު ކަމަށްވާ ގަތަރެވެ.

މުބާރާތުގެ ފައިނަލް މެޗު ޑިސެމްބަރު މަހުގެ 18 ވަނަ ދުވަހު ކުޅުމަށް ހަމަޖެހިފައިވާއިރު، މި މެޗު ކުޅޭނީ 80،000 މީހުންގެ ޖާގައިގެ ލުސައިލް ސްޓޭޑިއަމްގައެވެ.

ގަތަރުގައި ބާއްވާ ވޯލްޑް ކަޕަކީ ތާރީޚީ ވޯލްޑް ކަޕަކަށް ހެދުމަށް ގަތަރުން އަންނަނީ މަސައްކަތް ކުރަމުންނެވެ. ގަތަރު ވޯލްޑް ކަޕްގެ ސީއީއޯ ނަސީރު އަލް ޚަތެރު ދާދިފަހުން މީޑިއާއަށް ދިން އިންޓަވިއުއެއްގައި ވިދާޅުވީ ގަތަރު ވޯލްޑް ކަޕް ވެގެންދާނީ ސަޕޯޓަރުންނާއި ކުޅުންތެރިންނަށް ތަފާތު ތަޖުރިބާއަކަށް ކަމަށާއި، ސަޕޯޓަރުންނަށް ގަތަރު ވޯލްޑް ކަޕަކީ ތަފާތު ވޯލްޑް ކަޕަކަށް ހެދުމަށް ޕްލޭނެއް އެކުލަވާލަމުން އަންނަ ކަމަށެވެ.

މީގެ ކުރިން ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯވެސް ވަނީ ގަތަރު ވޯލްޑް ކަޕަކީ ހުރިހާ ގޮތަކުންވެސް ތާރީޙީ ވޯލްޑް ކަޕަކަށް ވެގެންދާނެ ކަމަށް ވިދާޅުވެފައެވެ.

ގަތަރުގައި 2022 ވަނަ އަހަރު ބާއްވާ ވޯލްޑް ކަޕް ކުޅޭނީ ފަސް ސިޓީއެއްގެ އަށް ދަނޑެއްގައެވެ. މުބާރާތުގައި ޖުމްލަ 32 ޓީމު ވާދަކުރާނެއެވެ. މުބާރާތް ހޯސްޓް ކުރުމުގެ ފުރުސަތު ގަތަރަށް ލިބުނީ އެމެރިކާ އާއި، ސައުތު ކޮރެއާ އާއި، ޖަޕާން އަދި އޮސްޓްރޭލިއާއާ ވާދަކޮށްގެންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އިސްމާޢީލް ޝާހް
- ކޮމެންޓް