ރާއްޖެ އެތެރެކުރާ ދުންފަތާއި ރަލުގެ ބާވަތްތަކުން ޑިއުޓީ ކުޑަނުކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.
އެކްސްޕޯޓު އިމްޕޯޓުގެ ޤާނޫނަށް އިސްލާހު ގެނައުމަށް ހުށަހެޅުއްވީ ގަމު ދާއިރާގެ މެމްބަރ މުހައްމަދު ވިސާމްއެވެ. މި އިސްލާހުތައް ދިރާސާކުރުމަށް ފަހު މުޅި މަޖިލީހުގެ ކޮމިޓީން އެކުލަވާލި ރިޕޯޓުގައި ވަނީ އައްޑޫ ސިޓީ އަދި ކުޅުދުއްފުށީގައި ގާއިމު ކޮށްފައިވާ ޕޯޓުތަކަށް އެތެރެކުރާ ގިނަ ބާވަތުގެ މުދަލުގެ ޑިއުޓީ އިން 50 އިންސައްތަ ކުޑަކުރުމަށް ނިންމާފައެވެ. އެގޮތުން، ދެ ބަނދަރަށް ގެނެވޭ ދުންފަތާއި ރަލުގެ ބާވަތްތަކުން 50 އިންސައްތަ ޑިއުޓީ އުނިކުރަން ނިންމުނެވެ.
ނަމަވެސް, މި ނިންމުން ބަދަލުކޮށް އާ އިސްލާހެއް ހުށަހަޅާފައިވާއިރު މި އިސްލާހުގައި ބުނަނީ މާލެ ސަރަހައްދު ފިޔަވާ އިންޑިއާ ކަނޑުގެ ރަސްމީ ބަނދަރުތަކާއި ވައިގެ ރަސްމީ ބަނދަރުތަކަށް އެތެރެ ކުރާ ތަކެތީގެ ތެރެއިން ދުންފަތާއި ދުންފަތުން ތައްޔާރުކޮށްފައި ހުންނަ ބާވަތްތަކާއި ދުންފަތުގެ ބަދަލުގައި ބޭނުންކުރާ ބާވަތްތަކާއި އިލެކްޓްރޯނިކް ސިގިރެޓު އަދި މިފަދަ ވޭޕް ކުރުމަށް ބޭނުންކުރާ އާލާތްތަކާއި އޭގެ ބައިތަކުގެ އިތުރުން ބަނގުރަލާއި ބަނގުރާ އެކުލެބޭ ބާވަތްތަކާއި އޫރުމަހާއި އޫރުމަސް އެކުލެވޭ ބާވަތްތަކުން %50 ޑިއުޓީ އުނިނުކުރުމަށެވެ. މަނަދޫ ދާއިރާގެ މެމްބަރު އަޙްމަދު ހާރޫން ހުށަހެޅުއްވި މި އިސްލާހު ފާސްވެގެންދިޔައީ 57 މެމްބަރުންގެ ވޯޓާއި އެކުއެވެ.
މީގެ އިތުރުން ކުޅުދުއްފުށި އުތުރު ދާއިރާގެ މެމްބަރު ޔާސިރު އަބްދުއްލަތީފު ވަނީ އެނަރޖީ ޑްރިންކުން ނަގާ ޑިއުޓީ 60 ރުފިޔާ 55 ލާރިއަށް ބޮޑު ކުރުމަށް ހުށަހަޅާފައެވެ. މި އިސްލާހު ފާސްވެގެންދިޔައީ 58 މެމްބަރުން ވަނީ ވޯޓުންނެވެ. އެހެންނަމަވެސް އަތޮޅުތަކުގެ ޕޯޓުތަކަށް އެތެރެކުރެވޭ އެނަރޖީ ޑްރިންކުން ނަގާނީ ކުރިންވެސް ނަގަމުން އައި ލިޓަރަކަށް 33 ރުފިޔާ 64 ލާރިއެވެ.
މި ރިޕޯޓަށް މުޅި ޖުމްލަ 13 އިސްލާހެއް ހުށައަޅާފައިވެއެވެ. އަދި މި 13 އިސްލާހާއި އެކު ބިލު ފާސްވެގެންދިޔައީ މަޖިލީހުގެ 58 މެމްބަރުންގެ ވޯޓާއި އެކުއެވެ.