ރޭވިގެން ހިންގާ ކުށުގެ އަމަލުތަކަށް ހިތްވަރު ލިބޭ ގޮތަށް ވާހަކަ ނުދެއްކުމަށް މިނިސްޓްރީ އޮފް ޔޫތް ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓުން ޖަމިއްޔާތަކަށް އިލްތިމާސްކޮށްފިއެވެ.
ޔޫތް މިނިސްޓްރީން އަންގާރަ ދުވަހު ނެރެފައިވާ އިއުލާނެއްގައި ބުނީ ރާއްޖޭގެ ޤައުމީ ސަލާމަތާއި އާންމު މަސްލަހަތަށް އުނިކަމެއް އަންނާނެ ފަދަ ހަރަކާތްތަކާއި ރޭވިިގެން ހިންގާ ކުށުގެ އަމަލުތަކަށް ހިތްވަރު ލިބޭ ގޮތަށް ޖަމިއްޔާތަކުން ފަތުރާ ވާހަކަތަކާއި ހިންގާ ހަރަކާތްތަކަކީ ހިޔާލު ފާޅުކުރުމާއި އެއްވެ އުޅުމުގެ ޤާނޫނީ އިމުން ބޭރުން ހިންގާ ކަންތައްތަކެއް ކަމަށް އެ މިނިސްޓްރީން ދެކޭ ކަމަށެވެ.
އަދި، ރަޖިސްޓްރީ ކޮށްގެން ހިންގާ ޖަމިއްޔާ ޖަމާއަތްތަކުން ސޯޝަލް މީޑިއާ އާއި އެހެނިހެން ޕްލެޓްފޯމްތަކުގައި ދައްކާ ވާހަކަތަކާއި މެދު ކަންބޮޑުވާކަން ފާހަގަކޮށް ޔޫތް މިނިސްޓްރީން ބުނީ ޤާނޫނީ އިމުގެ ތެރެއިން ފާޅުކުރާ ހިޔާލުތަކަށް އެ މިނިސްޓްރީން އަބަދުވެސް މަރުހަބާ ކިޔާ ކަމަށެވެ.
ރާއްޖޭގެ ޤައުމީ ސަލާމަތާއި އާންމު މަސްލަހަތަށް އުނިކަމެއް އަންނަ ގޮތަށް ހިންގާ ހަރަކާތްތަކަށް ހިތްވަރު ލިބޭ ކަންކަން ނުކުރުމަށް ޔޫތް މިނިސްޓްރީން ވަނީ ޖަމިއްޔާ ޖަމާއަތްތަކަށް އިލްތިމާސްކޮށްފައެވެ.