މިދިޔަ އަހަރުގެ ޖޫން މަހާ އަޅާބަލާއިރު މި އަހަރުގެ ޖޫން މަހު ރާއްޖޭގެ އިމްޕޯޓު %36 ދަށަށް ގޮސްފައިވާ ކަމަށް ކަސްޓަމްސްގެ ތަފާސްހިސާބުތަކުން ދައްކައިިފިއެވެ.
ޖޫން މަހުގެ ތަފާސްހިސާބުތަކަށް ބަލާލާއިރު، ޖޫން މަހު ރާއްޖޭގެ އިމްޕޯޓު %36 ދަށަށް ގޮސްފައިވާއިރު އެކްސްޕޯޓު ވަނީ %33 ދަށަށް ގޮސްފައެވެ. މި އަހަރުގެ ޖޫން މަހު ރާއްޖެއަށް 2.1 ބިލިއަން ރުފިޔާގެ މުދާ އިމްޕޯޓު ކޮށްފައި ވާއިރު 217 މިލިއަން ރުފިޔާގެ މުދާ ވަނީ އެކްސްޕޯޓު ކޮށްފައެވެ.
ޖޫން މަހު ރާއްޖެއަށް އެންމެ ގިނައިން އެތެރެ ކޮށްފައިވަނީ، މެޝިނަރީޒްއާއި އިލެކްޓްރިކް ސާމާނެވެ. އެގޮތުން 408 މިލިއަން ރުފިޔާގެ އަގުހުރި މުދާ އެތެރެ ކޮށްފައިވާ ކަމަށް ކަސްޓަމްސްއިން ވަނީ މައުލޫމާތު ދީފައެވެ.
އޭގެ އިތުރުން 293 މިލިއަން ރުފިޔާގެ ކާބޯތަކެތި ވަނީ އިމްޕޯޓްކޮށްފައެވެ. މިދިޔަ މަހު ރާއްޖެއަށް އެންމެ މަދުން އިމްޕޯޓްކޮށްފައިވަނީ ސިނގިރޭޓާއި ރަލުގެ ބާވަތްތައް ކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ. އެގޮތުން މިދިޔަ މަހު ރާއްޖެއަށް އިމްޕޯޓުކޮށްފައިވަނީ 2 މިލިއަން ރުފިޔާގެ ސިނގިރޭޓާއި ރަލުގެ ބާވަތްތަކެވެ.
ރާއްޖެއިން ޖޫން މަހު އިމްޕޯޓް އަދި އެކްސްޕޯޓްކުރި ޤައުމުތަކަށް ބަލާއިރު، ތައިލެންޑަށް %28 މުދާ އެކްސްޕޯޓު ކޮށްފައިވެއެވެ. %12 މުދާ އިޓަލީއަށް އެކްސްޕޯޓުކޮށްފައިވާއިރު %10 މުދާ ޖަރުމަނަށާއި އިނިގިރޭސިވިލާތަށް ވަނީ ކޮށްފައެވެ. އަދި %7 މުދާ ޔުނައިޓެޑް ސްޓޭޓްސްއަށް އެކްސްޕޯޓު ކޮށްފައިވެއެވެ.
ރާއްޖެއަށް މުދާ އިމްޕޯޓް ކުރި ގައުމުތަކަށް ބަލާއިރު %18 މުދާ އިމްޕޯޓްކޮށްފައި ވަނީ ޗައިނާއިންނެވެ. %15 މުދާ އިންޑިއާއިން އިމްޕޯޓްކޮށްފައިވާއިރު ސިންގަޕޫރުން %11 މުދާ އިމްޕޯޓުކޮށްފައިވެއެވެ. ދެން ރާއްޖެއަށް އެންމެ ގިނައިން މުދާ އެތެރެކޮށްފައި ވަނީ އޮމާން އަދި އެކުވެރި އަރަބި އިމާރާތް (ޔޫއޭއީ) އިންނެވެ.