އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ރާއްޖޭގެ 61 ރަށެއްގައި އައުޓްޑޯ ޖިމް ގާއިމުކުރުމަށް ބޭނުންވާ ސާމާނު ހޯމަ ދުވަހު ހަވާލުކޮށްފިއެވެ.
މިކަމަށްޓަކައި ހޯމަ ދުވަހު ގައުމީ ފުޓްބޯޅަ ދަނޑުގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދާއި، ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދާއި، ކުޅިވަރާ ބެހޭ ވަޒީރު އަޙްމަދު މަޙްލޫފުގެ އިތުރުން ދިވެހިރާއްޖެއިން އިންޑިއާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ސަންޖޭ ސުދީރު ބައިވެރިވެވަޑައިގެންނެވިއެވެ. މީގެ އިތުރުން އައުޓްޑޯ ޖިމްތައް ގާއިމުކުރާ ރަށްރަށް ނިސްބަތްވާ ދާއިރާތަކުގެ ރައްޔިތުންގެ މަޖިލިސް މެމްބަރުންނާއި، ސަރުކާރުގެ ބައެއް އިސް އޮފިޝަލުންގެ އިތުރުން އިންޑިއާ ހައިކޮމިޝަނުގެ އިސް ބޭފުޅުން މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތެވެ.
މި މަޝްރޫއަށް ބޭނުންވާ ފައިސާ ހަމަޖައްސަވައިދެއްވީ އިންޑިއާ ސަރުކާރުން، މިދިޔަ އަހަރުގެ މާޗު މަހުގެ ތެރޭގައެވެ. ދިވެހިންގެ މެދުގައި ދުޅަހެޔޮ ސިއްހަތެއްގައި ތިބުމުގެ ރޫހު އިތުރުކޮށް، ހަށިހެޔޮ ދުޅަހެޔޮ ދިރިއުޅުމަކަށް މަގު ފަހިކުރުމުގެ ގޮތުން 61 ރަށެއްގައި އައުޓްޑޯ ޖިމް ގާއިމުކުރުމަށް ކުޅިވަރާ ބެހޭ ވުޒާރާއަށް އަށް މިލިޔަން ރުފިޔާގެ އެހީ އިންޑިއާއިން ވަނީ ހަމަޖައްސަވައިދެއްވާފައެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ކުޅިވަރާ ބެހޭ ވަޒީރު އަޙްމަދު މަޙްލޫފް ވިދާޅުވީ އިންޑިއާ އަކީ އަބަދުވެސް ރާއްޖެއަށް އެހީވަމުން އަންނަ ގައުމެއް ކަމަށާއި، އެގޮތުން މީގެ ކުރިންވެސް އިންޑިއާއިން ވަނީ ރާއްޖެއަށް އެކި ރޮނގު ރޮނގުން އެހީވެދީފައި ކަމަށެވެ. ހާއްސަކޮށް އިންޑިއާއިން އަބަދުވެސް އަންނަނީ ރައްޖޭގެ ކުޅިވަރު ތަރައްގީކޮށް ދިވެހިން ދުޅަހެޔޮ ހަށިހެޔޮ ބަޔަކަށް ހެދުމަށް މަސައްކަތް ކުރަމުން ކަމަށްވެސް ވިދާޅުވިއެެވެ.
އިންޑިއާއިން މި ވެދިން އެހީގެ ސަބަބުން ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ދުޅަހެޔޮ ހަށިހެޔޮ ޕްރޮގްރާމަށް ވަރަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމަށާއި، އިންޑިއާގެ އެހީގައި މި އެޅޭ އައުޓްޑޯ ޖިމްތަކުގެ ބޭނުން ހުރިހާ އުމުރެއްގެ ބަޔަކަށް ހިފޭނެ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދު ވިދާޅުވީ މިއީ ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް ދުޅަހެޔޮ ސިއްހަތެއްގައި ތިބުމަށް މަގިފަހިކުރުމަށް ސަރުކާރުން ވީ ވައުދުގެ ތެރެއިން ހިންގޭ މަޝްރޫއެއް ކަމަށެވެ. އަދި މިއީ ރަށްރަށުގައި އިޖުތިމާޢީ ގުޅުން ވަރުގަދަކޮށް ދޭދޭ ގުޅުންތައް ހަރުދަނާކުރުމަށް މަގުފަހިވެގެންދާނެ ކަމެއް ކަމަށްވެސް ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ "ދުޅަހެޔޮ ހަށިހެޔޮ ޕްރޮގްރާމް" ގެ ދަށުން ދުޅަހެޔޮ ހަށިހެޔޮ މުޖުތަމައެއް ބިނާ ކުރުމުގެ ގޮތުން ކުޅިވަރާ ބެހޭ ވުޒާރާއިން އަންނަނީ ރަށްތަކުގައި ކުޅިވަރު ކުޅޭނެ ވަސީލަތްތަކާއި ޖިމްތައް ގާއިމުކުރަމުންނެވެ.