Advertisement
ކ. މާލެ
|
10 އޭޕްރިލް 2017 | ހޯމަ 23:45
ބްރޯޑްކޮމް ސިޔާސީ ވެފައިވާކަން ހާމަވާ ޕޯސްޓެއް
ބްރޯޑްކޮމް ސިޔާސީ ވެފައިވާކަން ހާމަވާ ޕޯސްޓެއް
ޓްވިޓަރ
ޓްރާންސްޕޭރެންސީ މޯލްޑިވްސް
ބްރޯޑްކާސްޓިންގ ކޮމިޝަނުގެ ސަބަބުން މިނިވަން މީޑިއާތަކަށް ދަނީ ހުރަސްއެޅެމުން: ޓްރާންސްޕޭރެންސީ
ސިޔާސީ ނުފޫޒުން އެއްކިބާވެފައިވާ ގޮތެއްގައި ބްރޯޑްކޮމްއިން މަސައްކަތް ނުކުރާކަމުގެ ފާޅުކަންބޮޑު ހެކިތައް ދަނީ ފެންނަމުން
ބައެއް މީޑިއާތައް ބޮޑެތި އަދަދުތަކުން ޖުރިމަނާކުރަމުން ދާއިރު މިފަދަ އަމަލުތައް ރައްދުވަނީ ވަކި މީޑިއާތަކަކަށް
ކޮމިޝަނުގެ މަސައްކަތްތައް ބޮޑަށް ބައްޓަންކުރެވިފައިވަނީ މީޑިއާތަކުގެ މަސައްކަތްތަކަށް ނަހަމަގޮތުގައި ނުފޫޒުފޯރާގޮތަށް

މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަން (ބްރޯޑްކޮމް) ސިޔާސީ ނުފޫޒު ތަކުން ފިތިގެން ތިބެ ކުރާ ކަންކަމުގެ ސަބަބުން ރާއްޖޭގައި މިނިވަން މީޑިއާއެއް ޤާއިމް ކުރުމަށް ހުރަސްތަކެއް ކުރިމަތިވެފައިވާކަމަށް ޓްރާންސޕޭރެންސީ މޯލްޑިވސްއިން ބުނެފިއެވެ.

 

އެޖަމްއިއްޔާއިން ހޯމަ ދުވަހު ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ދިވެހި ޖުމްހޫރިއްޔާގެ ގާނޫނުއަސާސީއާއި ދިވެހިރާއްޖެ ބައިވެރިވެފައިވާ ބައިނަލްއަގުވާމީ މުއާހަދާތަކުން ސަރީހަގޮތެއްގައި ކަށަވަރުކޮށްދީފައިވާ ހިޔާލުފާޅުކުރުމުގެ މިނިވަކަމުގެ ހައްގާއި މީޑިއާގެ މިނިވަންކަމުގެ ހައްގަށް ބުރޫއަރާ، މީޑިއާގެ މަސައްކަތަށް ހީނަރުކަން އަންނަ ގޮތެއްގައި ދިވެހިރާއްޖޭގެ ބްރޯޑްކާސްޓް މީޑިއާތަކުގެ ބެލެނިވެރި ފަރާތުގެ ގޮތުގައި ހަރަކާތްތެރިވުމުގެ ގާނޫނީ ޒިންމާ މަތިކޮށްފައިވާ މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން އަމަލުކުރަމުން ދާތީ އެކަން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ.  

 

އެޖަމްއިއްޔާއިން ބުނީ ބްރޯޑްކާސްޓިންގ ކޮމިޝަނުގެ ގާނޫނުގައި ވާގޮތަށް މިނިވަންކަމާ މުސްތަގިއްލުކަންމަތީ، ވަކި ފަރާތަކަށް ބުރަނުވެ، ސިޔާސީ ނުފޫޒުން އެއްކިބާވެފައިވާ ގޮތެއްގައި ބްރޯޑްކޮމްއިން މަސައްކަތް ނުކުރާކަމުގެ ފާޅުކަންބޮޑު ހެކިތައް ދަނީ ފެންނަމުން ކަމަށެވެ. އެގޮތުން މީޑިއާތަކުގެ އަމަލުތައް ހުންނަގޮތުންކަމުގައި ބުނެ ބައެއް މީޑިއާތައް ބޮޑެތި އަދަދުތަކުން ޖުރިމަނާކުރަމުންދާއިރު މިފަދަ އަމަލުތައް ރައްދުވަނީ ވަކި މީޑިއާތަކަކަށްކަން ވަރަށް ބޮޑަށް ފާހަގަކުރެވޭ ކަމަށާއި އެގޮތުން މި ވޭތުވެދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި ވަކިން ހާއްސަކޮށް ރާއްޖެޓީވީއަށް އަމާޒުކުރެވިގެން ވަރަށް ގިނަ ނިންމުތަކެއްވަނީ އެ ކޮމިޝަނުން ނިންމާފައިކަމަށް ޓްރާންސްޕޭރެންސީން ވަނީ ބުނެފައެވެ.

 

"އެގޮތުން ސިޔާސީ ޕޯޑިއަމްތަކުގައި ދައްކާ ވާހަކަތަކުންނާއި، އެ ސްޓޭޝަންއިން ގެންނަ ޕްރޮގްރާމުތަކުގައި ގެނެސްދޭ މަންޒަރާއި އަޑުގެ ސަބަބުން ތަފާތު އަދަދުތަކުން ޖުރިމަނާކޮށް ބައެއް ހާލަތްތަކުގައި މައާފަށް އެދުމަށްވެސް ވަނީ ރާއްޖެޓީވީއަށް މަޖުބޫރުކުރުވާފައެވެ. އެގޮތުން، ރާއްޖެ ޓީވީގެ މައްޗަށް 250،000 ރުފިޔާއިން ކޮށްފައިވާ ޖުރިމަނާ އެސްޓޭޝަންއިން 6 އޭޕްރީލްގައި ދައްކާނިންމުމާއިއެކު، ހަމައެދުވަހު އެސްޓޭޝަން ވަނީ އެއް މިލިއަން ރުފިޔާއިން ޖޫރިމަނާކޮށްފައެވެ" އެޖަމްއިއްޔާއިން ވަނީ ބުނެފައެވެ.

 

ޓްރާންސޕޭރެންސީން ބުނީ ސިޔާސީ ޖަލްސާއެއްގައި ދެއްކި ވާހަކަތަކަކުން ރައީސުލްޖުމްހޫރިއްޔާގެ ކަރާމާތް ގެއްލިދާނެކަމުގެ ފުރުސަތު އޮތްކަމަށްބުނެ ރާއްޖެޓީވީ ކުރި ޖުރިމަނާއަކީ، 2016 ވަނަ އަހަރު އަބުރު ރައްކާތެރިކުރުމާއި ހިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ގާނޫނުގެ ދަށުން މިހާ ބޮޑު އަދަދަކުން ޖުރިމަނާ ކުރެވުނު ފުރަތަމަ ފަހަރު ކަމަށެވެ. އަދި  ބްރޯޑްކާސްޓިންގ ކޮމިޝަނުގެ މިފަދަ އަމަލުތަކުން ދިވެހިރާއްޖޭގައި ގާއިމުކޮށްފައިވާ ދިމިގުރާތީ ނިޒާމުގެ ބާރުކެނޑި، މިނިވަން މީޑިއާއެއް ގާއިމުކުރުމަށް ބޮޑެތި ހުރަސްތަކެއް އެޅެމުން ދާކަމަށް ޖަމިއްޔާއިން ދެކޭކަމަށްވެސް ވަނީ ބުނެފައެވެ.

 

މީގެ އިތުރުން ދިވެހި ޖުމްހޫރިއްޔާގެ ގާނޫނުއަސާސީއިން ކަށަވަރުކޮށްދޭ އަސާސީ ހައްގުތައް ފޯރުކޮށްދިނުމުގައި، އިންސާނީ ހައްގުތަކުގެ އެންމެ މުހިއްމު އަސާސްތައްކަމުގައިވާ ހަމަހަމަކަމާއި ތަފާތުނުކުރުމުގެ މަފްހޫމާ މުޅިން ހިލާފަށް ބްރޯޑްކޮމްއިން އަމަލުކުރުން ހުއްޓާލުމަށްވެސް މި ޖަމްއިއްޔާއިން ވަނީ ގޮވާލާފައެވެ.

 

ބްރޯޑްކާސްޓިންގ ކޮމިޝަނަކީ ގާނޫނީގޮތުން ބްރޯޑްކާސްޓް މީޑިއާތަކުގެ މަސައްކަތްތަކަށް އުސޫލީގޮތުން ބާރުވެރިކަންދިނުމުގެ މަގުސަދުގައި އުފައްދާފައިވާ މުއައްސަސާއެއްކަމުގައި ވީނަމަވެސް، އެ ކޮމިޝަނުގެ މަސައްކަތްތައް ބޮޑަށް ބައްޓަންކުރެވިފައިވަނީ މިޑިއާތައް ބާރުވެރިކުރުވުމުގެ ބަދަލުގައި މީޑިއާތަކުގެ މަސައްކަތްތަކަށް ނަހަމަގޮތުގައި ނުފޫޒުފޯރާގޮތަށް ކަމަށް އެޖަމްއިއްޔާއިން ވަނީ ފާހަގަ ކޮށްފައެވެ.  އަދި ސަރުކާރަށް ފާޑުކިޔާ މީޑިއާތަކަށް ތަފާތުކުރުވަނިވި ގޮތެއްގައި އަދަބުތައް ކަނޑައެޅުމާއި، އެފަދަ މީޑިއާތަކުގެ މަސައްކަތަކަށް ހުރަސް އަޅަމުން ދިޔުމުގެ ނަތީޖާއަކީ، ރައްޔިތުންގެ ކުރިމަތީގައި ކޮމިޝަނުގެ މުސްތަގިއްލުކަމާމެދު ބޮޑެތި ޝައްކުތައް އުފެދި، ކޮމިޝަނުގެ ނިންމުންތަކަކީ ސިޔާސީ ނުފޫޒުން ކުލަޖެހިފައިވާ ނިންމުންތަކެއްކަމުގައި ބަލައިގަތުމުގެ ފުރުސަތު އެބައޮތްކަމަށެވެ. އެހެންކަމުން މީޑިއާގެ މިނިވަންކަމަށް ހުރަސް އެޅޭ ފަދަ އަމަލުތައް މިހާރުން މިހާރަށް ހުއްޓާލާ، މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންއަކީ މިނިވަންކަމާއި ސިޔާސީ ނުފޫޒުން އެއްކިބާވެ މަސައްކަތްކުރާ މުއައްސަސާއަކަށް ވުމަށް ޓްރާންސްޕޭރެންސީން ވަނީ ގޮވާލާފައެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް