ރާއްޖޭގެ ހުރިހާ ރައްޔިތުން ވެސް މާސްކު އަޅައިގެން އުޅުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އާދޭހާއެކު އެދިވަޑައިގެންފިއެވެ.
ކޮވިޑް-19 ފެތުރުން ކޮންޓްރޯލްކުރުމަށް މާލެ ސިޓީ އޭޕްރީލް މަހުގެ 15 ވަނަ ދުވަހު ލޮކްޑައުން ކުރުމަށްފަހު ޖޫން މަހުގެ ކުރީކޮޅުން ފެށިގެން ވަނީ ލޮކްޑައުންއަށް ލުއިތަކެއް ދޭން ފަށާފައެވެ. އަދި ޖުލައި މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ބޮޑެތި ލުއިތަކެއް ވަނީ ދީފައެވެ. އެއާއެކު މިހާރު ވައިރަސް އަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ވަނީ މައްޗަށްދާން ފަށާފައެވެ. އެގޮތުން މިހާރު ވައިރަސް އަށް ޕޮޒިޓިވްވެފައިވާ ދިވެހިންގެ އަދަދު ހާހަކަށްވުރެ ވަނީ މަތިވެފައެވެ.
ހޯމަ ދުވަހުގެ ޖަލްސާގައި މެމްބަރުން ކައިރިކައިރީގައި ތިއްބަވާއިރު މާސްކު އަޅުއްވައިގެން ތިއްބެވުމަށް ބާރުއަޅުއްވަމުން ވާހަކަދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ މަޖިލީހުގެ އިދާރާގެ ތެރޭގައި މެމްބަރުން މާސްކު ނާޅާ ތިބުމުން އާންމުންގެ ތެރޭގައި މާސްކު އަޅަންޖެހޭ ކަމަށް ދެކޭ މީހުން މަދުވާ ކަމަށެވެ.
އަޅުގަނޑު ރިޔާސަތުގައި އިންނައިރުގައި މާސްކު ނާޅަނީ އަޅުގަނޑަށް ފާހަގަވާ ގޮތުގައި ތިން ފޫޓް ދުރުމިނިގައި ތިބީމާ މިކަމުން ސަލާމަތްވާކަން ވަރަށް ސާފުކޮށް މައުލޫމާތު ލިބިފައިވަނީ. އަޅުގަނޑަށް އެކަން ކުރީގައިވެސް އެނގޭ. އެހެންނަމަވެސް މިކަމުގައި ދިމާވާ މައްސަލައަކީ އަޅުގަނޑުމެން މާސްކު ނޭޅީމާ ދެން އާންމުންގެ ތެރެއިން މާސްކު އަޅަންޖެހޭ ކަމަށް ދެކެވަޑައިގަންނަވާ މީހުން މަދުވަނީ. އަޅުގަނޑު ވަރަށް އާދޭހާއަކު ދަންނަވަން ރާއްޖޭގެ ހުރިހާ ބޭފުޅުންނަށްވެސް މިމާސްކު އަޅާލައިގެން އަދި ސުވަސްކޮޅަކު އުޅުއްވާށޭ.ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު
މާލެ ލޮކްޑައުންގައި އޮތްއިރުވެސް މަޖިލީހުގެ ޖަލްސާތައް އިދާރާގައި ވަނީ ކުރިޔަށް ގެންދަވާފައެވެ. އެއީ މާސްކު އަޅުއްވައިގެން ވަކި ދުރުމިނެއްގައި މެމްބަރުން ތިއްބަވައިގެންނެވެ. މިހާރު ވެސް ޖަލްސާތައް ކުރިޔަށް ގެންދަނީ އެމޭރެމުންނެވެ. ނަމަވެސް ދުރުދުރުގައި ތިއްބަވާ މެމްބަރުންނަށް މާސްކު ނާޅުއްވާ ވާހަކަދެއްކެވުމުގެ ފުރުސަތު މިފަހުން އަންނަނީ ދެއްވަމުންނެވެ.
ލޮކްޑައުން އަށް ލުއިތަކެއްދީ ނިއުނޯމަލްގައި އުޅެމުންދާއިރު ކޭސްތައް ފެންނަ މިންވަރު މަތިވަމުންދާތީ ކަމާބެހޭ ފަރާތްތަކުން ވެސް ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އަދި އަލުން ލޮކްޑައުންއަކަށް ދާންޖެހިދާނެ ކަމަށް އަންނަނީ ވިދާޅުވަމުންނެވެ.