ބުރާސްފަތި ދުވަހު ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް ހައްޔަރުކުރުމާއި ގުޅިގެން، އިދިކޮޅު ގުޅިފައިވާ ސިޔާސީ ޕާޓީތަކުން އިއުލާނުކޮށްފައިވާ ސީދާ ހަރަކާތާއި، އެއްގޮތަށް ހައްޔަރުކޮށްފައިވާ ސިޔާސީ ލީޑަރުން ދޫކޮށްލުމަށް ގޮވާލާ އަތޮޅުތެރޭގައި މުޒާހަރާކޮށްފިއެވެ.
އެމްޑީޕީގެ މެޖޯރިޓީ އޮންނަ ބ. ތުޅާދޫގައި ހޯމަދުވަހު ހަވީރު ބޮޑު މުޒާހަރާއެއް ބާއްވާފައިވާއިރު، އދ. ފެންފުށީގެ އިތުރުން، ޅ. ނައިފަރުގައިވެސް ގިނަ އަދަދެއްގެ ރައްޔިތުން މަގުތަކަށް ނުކުމެ ވަނީ މުޒާހަރާކޮށްފައެވެ.
ގާސިމާއި އިދިކޮޅު ސިޔާސީ ލީޑަރު މިނިވަން ކުރުމަށް ގޮވާލާފައިވާ ޝިއާރުތައް ލިޔެފައިވާ ބެނާތަކާއި ޕޯސްޓަރުތައް ހިފައިގެން، މި މުޒާހަރާތަކުގައި އެރައްރަށުގެ ދެ ޖިންސްގެ މީހުން ބައިވެރިވި އެވެ. އަދި ކޮންމެ ރަށަކުންވެސް ގިނަ އަދަދެއްގެ ބަޔަކު ވަނީ ސަރުކާރާއި، ދެކޮޅަށް އަޑުއުފުލައި، ރައީސް އަބްދުﷲ ޔާީން އިސްތިއުފާއަށް ގޮވާލައިފަ އެވެ.
އޭގެއިތުރުން މުޒާހަރާތަކުގައި، ބައިވެރިން ގޮވާލަމުން ދިޔައީ، ގާސިމާއި އެހެން ސިޔާސީ ހައްޔަރީން މިނިވަން ނުކުރަނީސް މުޒާހަރާކުރުން ހުއްޓާ ނުލާނެ ކަމަށެވެ. އަދި ސަރުކާރުން ރައްޔިތުންނާމެދު ބޭއިންސާފުން އަމަލުކުރުން ހުއްޓާލުމަށާއި ފުލުހުންވެސް ރައްޔިތުންނާމެދު އިންސާފުން އަދި ގާނޫނީ ހަމަތަކުގެ މަތީން އަމަލުކުރުމަށް ގޮވަލައިފައިވެއެވެ. ސުލްހަވެރި ސިޔާސީ ހަރަކާތް ހިންގުމަށް ޖާގަދިނުމަށް ވެސް ވަނީ ގޮވާލާފައެވެ.
ސިޔާސީ ލީޑަރުން ހައްޔަރުކުރަމުންދާ މި ދަނޑިވަޅުގައި، އިދިކޮޅު އެންމެ ބޮޑު ޕާޓީ އެމްޑީޕީން ސިދާ ހަރަކާތަށް ނުކުތުމަށް ފާސްކޮށްފައިވާއިރު، އަތޮޅު ތެރެއާއި މާލޭގައިވެސް އަންނަނީ ސަރުކާރާއި ދެކޮޅަށް އަޑު އުފުލާ މުޒާހަރާ ކުރަމުންނެވެ. އެމްޑީޕީގެ އިތުރުން، ޖޭޕީންނާއި، އަދާލަތު ޕާޓީންވެސް ވަނީ ސީދާ ހަރަކާތަށް ނިކުތުމަށް ރައްޔިތުންނަށް ގޮވާލާފަ އެވެ.
ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބުރާހިމް ހައްޔަރުކުރުމާއި، ގުޅިގެން އެމަނިކުފާނުގެ އުފަން ރަށުގައިވެސް މިދިޔަ ބުރާސްފަތި ދުވަހުވެސް ވަނީ، ގާސިމާއި އިދިކޮޅު ސިޔާސީ ހައްޔަރީން ދޫކޮށްލުމަށް ގޮވާލާ ބޮޑު މުޒާހަރާއެއް ކުރިއަށް ގެންގޮސްފައެވެ. މާމިގިލީގެ އިތުރުން ޅ. ނައިފަރާއި، ބ. ތުޅާދޫ އާއި އައްޑު އާއި ފުވައްމުލަކުގައި ވެސް ބުރާސްފަތި ދުވަހު ވަނީ، އިހްތިޖާޖުކޮށްފައެވެ.