ށ އަތޮޅުން ފެށިގެން އައްޑޫ ސިޓީއަށް ވައިޓް އެލަރޓް ނެރެފިއެވެ.
މޫސުމާއި ބެހޭ ގައުމީ އިދާރާއިން ބުނީ ހޯމަ ދުވަހުގެ ހެނދުނު 06:00ން ފެށިގެން 10:00އާ ހަމައަށް އެ ސަރަހައްދުގައި ހިމެނޭ ރަށްތަކަށް ރާޅު އެރުމުގެ ފުރުސަތު އޮތްކަމަށެވެ.
މީގެއިތުރުން މޫސުމާއި ބެހޭ ގައުމީ އިދާރާއިން ބުނީ ހޯމަ ދުވަހުގެ ރޭ 8 ޖެހުމާ ހަމައަށް ރާއްޖޭގެ އެކިހިސާބަށް ވިއްސާރަކޮށް ގުގުރުން އެކަށީގެންވާ ކަަމަށެވެ. އަދި އުތުރުުގެ ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.
ދެކުނުގެ އަތޮޅުތަކަށް އިރު ދެކުނާއި ދެކުނުން އަދި އެހެން ހިސާބުތަކަށް ހުޅަނގާއި ހުޅަނގު އުތުރުން ގަޑިއަކު 5 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށާއި ވިލާ ގަނޑުގައި ގަޑިއަކު ގާތްގަޑަކަށް 35 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށް ވެސް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ބުނެއެވެ.
ރާއްޖޭގެ ކަނޑުތައް އާދައިގެެ ވަރަކަށް މަޑުވެފައި ވިލާގަނޑުގައި އާދައިގެވަރަކަށް ގަދަވާނެ ކަމަށްވެސް މެޓް އޮފީހުން ބުނެއެވެ. ރާޅުގެ އުސްމިނުގައި 3 ފޫޓާ 6 ފޫޓު ހުންނާނެ ކަމަށާއި ކުރިއަށް އޮތް 24 ގަޑިއިރުތެރޭގައި ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ބައެއް ރަށްތަކަށް ރާޅު އެރުމުގެ ފުރުސަތު ބޮޑު ކަމަށް ވެސް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ބުނެއެވެ. އެހެން ކަމުން ހުރިހައި ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް ވަނީ އިލްތިމާސްކޮށްފައެވެ.