ކޮވިޑް-19 އެންމެ ހަލުވިމިނުގައި ފެތުރެމުންދާ އެމެރިކާގައި، އެގައުމުގެ ރައީސް ފުރަތަމަ ފަހަރަށް މާސްކު އަޅުއްވައިގެން އާންމު ތަނަކަށް ނިކުންނަވައިފި އެވެ.
ވައިރަސް އިން ރައްކާތެރިވުމަށް މާސްކު އެޅުމާއި ލޮކްޑައުން ކުރުން ފަދަ ކަންކަމަށް ފާޑުވިދާޅުވަމުން ގެންދެވި ޓްރަމްޕް ހަފްލާއެއްގައި ފުރަތަމަ ފަހަރަށް މާސްކު އަޅުއްވައިގެން ބައިވެރިވެ ވަޑައިގެންނެވުމުގެ ކުރިން ވިދާޅުވީ އެއްވެސް އިރެއްގައި މާސްކު އެޅުމާއި ދެކޮޅު ނޫންކަމަށެވެ. އަދި އެކަން ކުރަން ވަކި ވަގުތުތަކަކާއި ހާލަތްތަކެއް ހުންނާނެކަމަށް ޓްރަމްޕް ވިދާޅުވި އެވެ.
ވޮޝިންގްޓަންގައި ހުންނަ ވޯލްޓާ ރީޑް އަސްކަރީ ހޮސްޕިޓަލަށް ޒިޔާރަތް ކުރެއްވުމުގެ ކުރިން ޓްރަމްޕް މިމޭރުމުން ވާހަކަ ދައްކަވާފައި ވާއިރު ޓްރަމްޕް ހޮސްޕިޓަލްގައި ވަޑައިގަންނަވަމުން ހަމައެކަނި ވިދާޅުވީ "ޝުކުރިއްޔާ" އެވެ.
ވައިރަސް ފެތުރުން ކޮންޓްރޯލްކުރުމަށް މާސްކު އެޅުމަށާއި ސޯޝަލް ޑިސްޓެންސް ގެންގުޅުމަށް ސިއްހީ މާހިރުން އެމެރިކާގައި އަންނަނީ ތަކުރާރުކޮށް ގޮވާލައްވަމުންނެވެ. ނަމަވެސް އެކަންކަމަށް މިހާތަނަށް އައިއިރު ޓްރަމްޕް މާބޮޑު ސަމާލުކަމެއް ދެއްވާފައެއްނުވެ އެވެ. އަނެއްކޮޅުން ބަލާއިރު އެމެރިކާގެ ގިނަ ސްޓޭޓްތަކެއް ހުޅުވާލުމަށް ތައްޔާރުވަމުންދަނިކޮށް އެސްޓޭޓްތަކަށް ވަނީ ވައިރަސްގެ ދެ ވަނަ ވޭވެއް އައިސްފަ އެވެ. އެއާއެކު ސްޓޭޓްތައް އަލުން ހުޅުވާލުމަށް ވަނީ ދަތިތަކާއި ކުރިމަތިވެފަ އެވެ.
އެމެރިކާގެ 2.4 މިލިއަން މީހުންނަށް ވައިރަސް ޖެހިފައިވެ އެވެ. އަދި ލައްކައަކަށް ވުރެ ގިނަ މީހުން ވަނީ ވައިރަސް ޖެހިގެން މިހާތަނަށް އައިއިރު މަރުވެފަ އެވެ.