ރައީސް ނަޝީދާއި ރައީސް ސޯލިހުގެ ސިއްރު އޯޑިއޯ އެއް ޓޫރިޒަމް މިނިސްޓަރގެ މަގާމުން ވަކި ކުރެއްވި އަލީ ވަހީދުގެ އަތްޕުޅުގައި ނެތް ކަމަށާއި، ކުރީގެ ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު މަޤާމުން ވަކިކުރައްވާފައިވަނީ ބަޔަކު ރާވައިގެން ކަމަށް، ފެންމަތިވެފައިވާ މި މައްސަލަ ވަރަށް ގާތުން ފެނިފައިވާ މަސްދަރަކުން ރާއްޖެއެމްވީ އަށް މައުލޫމާތު ދީފިއެވެ.
އަލީ ވަހީދާ އެކުގައި މަސައްކަތް ކުރެއްވި މި މަސްދަރުން ރާއްޖެ އެމްވީއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ މިނިސްޓަރ ކަމުން އަލީ ވަހީދު ވަކިކޮށްފައިވަނީ މިނިސްޓްރީ ތެރޭގައި ހިނގަމުންދިޔަ ބަދު އަޚްލާޤީ މައްސަލަތަކާއި ގުޅިގެން މިނިސްޓްރީގެ އޮނިގަނޑަށް ބަދަލު ގެނެސް ބައެއް މުވައްޒަފުންނަށް ފިޔަވަޅު އެޅުމުން އެކަމާއި ހިތްހަމަ ނުޖެހިގެން މިނިސްޓްރީ ތެރެއިން ބަޔަކު ރާވައިގެން ކަމަށް އޭނާ އަށް ގަބޫލު ކުރެވޭ ކަމުގައެވެ.
އޭނާ ހާމަކުރި ގޮތުގައި މިފަދަ މައްސަލަ ތަކާއި ގުޅިގެން މުވައްޒަފުންނަށް އެކިފަހަރުމަތިން ނަސޭހަތްދީ އަދި ގޭގައި މަޑުކުރަން ވެސް އަންގާފައިވާކަން އޭނާ އަށް އެނގިފައިވާ ކަމުގައެވެ.
އޭނާ ދެކޭ ގޮތުގައި ގޮތުގައި، މިއީ ބައެއް ފަރާތްތަކުން ސިޔާސީ ގޮތުން ބާރުވެރިކަން ހޯދުމުގެ ބޭނުމުގައި މިނިސްޓަރ ފްރޭމް ކުރުމުގެ ގޮތުން ހިންގާފައިވާ ކަމެކެވެ.
މި މައްސަލަ ފުލުހުން ތަހުޤީގު ކުރަން ފަށާފައިވާއިރު މި މައްސަލައިގައި ފުލުހުން ވަނީ ކޯޓް އަމުރެއްގެ ދަށުން ހޮނިހިރު ދުވަހުގެ ރޭ އަލީ ވަހީދު ދިރިއުޅުއްވާ ގެ ބަލައި ފާސްކޮށްފައެވެ.
އެގެއިން ފުލުހުންގެ ބެލުމުގެ ދަށަށް އަލީ ވަހީދުގެ ލެޕްޓޮޕާއި ފޯން ގެންގޮސްފައިވާ ކަމަށް މަސްދަރުން މައުލޫމާތު ދެއެވެ.
މަސްދަރުން ބުނީ ފުލުހުން އަލީ ވަހީދު ދިރިއުޅުއްވާ ގެ ބަލައި ފާސްކުރުމަށް ފަސް ފުލުހަކު އެގެއަށް ވަދެފައި ވަނީ ހޮނިހިރު ދުވަހުގެ ރޭ 6:30 ހާއިރު ކަމަށާއި އެ ވަގުތު ގޭގައި އަލީ ވަހީދުގެ ތުއްތު ކުދިން ވެސް ތިބި ކަމަށެވެ. އަދި އެ ކުދިންގެ ކުރިމަތީގައި އެ ކުދިންގެ ކުޅޭއެއްޗެހިތައް ވެސް ފުލުހުން ހާވާ ހަދާފައިވާ ކަމަށެވެ. މީގެ އިތުރުން ބަދިގޭގައި ހުރި ޓޯސްޓަރަށް ދަންދެން މަތި ނަގާ ބަލާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
އެ ވަގުތު އަލީ ވަހީދު ވެސް ހުންނެވީ ގޭގައި ކަމަށާއި ފުލުހުންނަށް އޭނާ އެއްބާރުލެއްވުން ދެއްވި ކަމަށް ވަނީ ފާހަގަ ކުރައްވާފައެވެ.
މިނިސްޓަރ ކުރިންވެސް ގެންގުޅުއްވާ ފޯން، ފޯނުގެ ލޮކް ކޯޑާއެކު ފުލުހުންނަށް ދީފައިވާ ކަމަށް ދީފައިވާ ކަމަށާއި، ފޯނުން އެއްވެސް އެއްޗެއް ޑިލީޓް ކޮށްފައި ނުވާނެ ކަމަށް ވެސް މަސްދަރުން މައުލޫމާތު ދެއެވެ.
މީގެ ކުރިން މައްސަލައެއްގައި އަލީ ވަހީދު ފުލުސް އޮފީހަށް ހާޒިރު ކުރުމުން ހަނު ހުންނެވި ނަމަވެސް މިމައްސަލައިގައި އޭނާގެ އިސްތަށިފުޅުގައި އެޅިފައިވާ ތުހުމަތު ތަކައި ގުޅިގެން ފުލުހުންނަށް ޖަވާބުދާރީވާނެ ކަން ފާހަގަކުރައްވާ ރާއްޖެއެމްވީ އާ ވާހަކަ ދެއްކި ފަރާތުން ބުނެފައިވަނީ ފިއްލަވައިގެން ޤައުމު ދޫކޮށް އަލީ ވަހީދު ވަޑައިނުގަންނަވާނެ ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި، ރައްޔިތުންގެ މަޖިލިހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ ސިއްރު އޯޑިއޯތަކެއް އަލީ ވަހީދުގެ އަތްޕުޅުގައިވާ ކަމަށް އަޑުފެތުރިފައިވާ ކަމަށާއި ނަމަވެސް އެފަދަ ސިއްރު އެއްވެސް އެއްޗެއް އަލީ ވަހީދުގެ އަތްޕުޅުގައި ނެތްކަމަށް އޭނާ ބުންޏެވެ. އަދި ފަތުރަމުން ދަނީ ދޮގުވާހަކަތަކެއް ކަން އޭނާ ފާހަގަ ކުރިއެވެ.
ޓޫރިޒަމް މިނިސްޓަރ ކަމުގައި ހުންނަވަނިކޮށް އަލީ ވަހީދު، އެ މިނިސްޓްރީގެ ގިނަ މުވައްޒަފުންތަކަކަށް ޖިންސީ ގޯނާ ކުރި ކަމުގެ އަޑުތައް ކުއްލި އަކަށް ފެންމަތިވި މިދަނޑިވަޅަކީ ޖިންސީ ގޯނާގެ މައްސަލަތާއި ދެކޮޅަށް ގިނަބަޔަކު އެންމެ ގަދައަށް ވަކާލާތު ކުރަމުންގެންދާ ދަނޑިވަޅަށް ވުމާއި އެކު މިފަދަ ވާހަކަތަކެއް ފެންމަތި ކުރުމުން އެފަރާތްތަކުގެ އެދުން ހާސިލް ކުރުމަށް އެންމެ ރަނގަޅު ވަގުތު ކަމަށް އެފަރާތްތަކުން މަޝްވަރާކޮށް ނިންމާފައިވާކަން އެނގިފައިވާ ކަމަށް ރާއްޖެއެމްވީ އާ ވާހަކަ ދެއްކި ފަރާތުން ފާހަގަ ކުރިއެވެ.
މިނިސްޓްރީގެ މުވައްޒަފުން ތަކަކަށް އެފަދަ ޖިންސީ ގޯނާތަކެއް މިނިސްޓަރުގެ ފަރާތުން ލިބެމުންދާނަމަ ކޮންމެ ދުވަހަކު މީޓީން ތަކާއި ސައިމޭޒުގައި މިނިސްޓަރު އިންނަވާއިރު ގޮސް ސަކަރާތްޖަހާ ހީ ސަމާސާކޮށް ހަދަންވީ ކީއްވެތޯ އޭނާ ސުވާލު ކުރެއްވިއެވެ.
މިނިސްޓަރުގެ މައްސަލަ ރައީސް އާއި ހަމައަށް ގެންދިއުމުގައި ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުންނާއި ސަރުކާރުގެ ބައެއް ވަޒީރުންގެ ބައިވެރިވުންވެސް ހިމެނޭ ކަން އޭނާ ވަނީ ފާހަގަ ކުރައްވާފައެވެ.
މިކަމުގައި ޝާމިލްވި ހުރިހާ ފަރާތްތަކުގެ ނަންތައްވެސް އޭނާ ވަނީ ރާއްޖެ އެމްވީއާ ހިއްސާކޮށްފައެވެ.
އެފަރާތްތަކުން ރައީސް އާ ބައްދަލު ކުރެއްވުމަށް ޗީފް އޮފް ސްޓާފް އަލީ ޒާހިރަށް ވަރަށް ބޮޑަށް ޕްރެޝަރ ކުރި ކަމުގައިވެސް އޭނާ ފާހަގަ ކުރިއެވެ.
12 އަންހެންކުއްޖަކަށް މިނިސްޓަރުގެ ޖިންސީ ގޯނާ ކުރަމުންދާ ކަމުގެ ތުހުމަތު ކުރެވުނު ކަމަށް އަޑު ފެތުރިގެންދިޔަ ނަމަވެސް އޭނާ ވިދާޅުވީ ވިކްޓިމްސް ގެ ގޮތުގައި އެހާ ގިނަ މުވައްޒަފުން ރައީސްއާ ބައްދަލުކޮށްފައިނުވާ ކަމަށެވެ.
އަލީ ވަހީދު ޖިންސީ ފުރައްސާރަ ކުރެއްވި ކަމަށް ތުހުމަތު ކުރާ މިނިސްޓްރީގެ މުވައްޒަފުންނަށް މިނިސްޓަރާއި ދެކޮޅަށް ރައީސްގެ އަރިހުގައި ސާބިތު ހިފޭ އެއްވެސް ހެއްކެތް ދެއްކިފައި ނުވާކަން މަސްދަރުން ވަނީ ފާހަގަ ކޮށްފައެވެ.
އަދި މިކަން ކާމިޔާބު ނުވެއްޖެނަމަ ވަޒީފާގެއްލިދާނެ ކަމުގެ ބިރަށް އެފަރާތްތަކުގެ ދިފާއުގައި ވަކާލާތު ކުރުމަށް ރާއްޖޭގެ މަޝްހޫރު ޤާނޫނީ ވަކީލެއްވެސް ހަމަޖައްސާފައިވާ ކަމަށް އޭނާ ބުންޏެވެ.
އަލީ ވަހީދުގެ ދިފާއުގައި ވާހަކަ ދައްކަވަމުން ރާއްޖެއެމްވީ އާ ވާހަކަ ދެއްކި ފަރާތުން ބުނެފައިވަނީ މާގިރި ހޮޓެލްގެ ސެކިއުރިޓީ ކެމެރާތައް ހުރީ ޖައްސާފައި ކަމަށާއި ސީސީޓީވީ ފުޓޭޖް ބަލައިފިނަމަ އެ ހޮޓެލްގައި ތިބި މިނިސްޓްރީގެ މުވައްޒަފުން އުޅުނު ގޮތް ރައްޔިތުންނަށް ސާފުވެގެންދާނެ ކަމުގައެވެ.