ޗައިނާގައި ކޮވިޑް-19 އަށް ވެކްސިނެއް އުފެއްދުމަށް މަސައްކަތްކުރާ ކެންސިނޯ ބައޮލޮޖިކްސް އިން ވެކްސިން އުފެއްދުމުގެ ތިން ވަނަ ފޭސްގެ ޓްރެއަލްތައް އެހެން ގައުމުތަކުގައި ކުރިޔަށް ގެންދިޔުމަށް އެގައުމުތަކާއި ވާހަކަ ދައްކަމުންދާ ކަމަށް އެ ކުންފުނީގެ ކޯ ފައުންޑަރ ބުނެފިއެވެ.
ރަޝިޔާ، ބްރެޒިލް، ޗިލީ އަދި ސައުދީ އަރަބިއްޔާ ގައި ވެކްސިން އުފެއްދުމުގެ ތިން ވަނަ ފޭސްގެ ޓްރައަލްތައް ފެށުމަށް ވާހަކަ ދައްކަމުންދާ ކަމަށް އެ ކުންފުނިން ބުނެއެވެ. ޗައިނާގައި ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ވެފައިވާތީ އެ ގައުމުގައި ވެކްސިން ގިނަ ބަޔެއްގެ ގަޔަށް ޖަހައިގެން ޓެސްޓް ކުރުމުގެ ކަންކަން ކުރިޔަށް ގެންދިޔުމަށް ވަނީ ދަތިތަކާއި ކުރިމަތިވެފައެވެ. އެ ކުންފުނިން ބުނެފައިވަނީ މި ޓެސްޓްތައް ކުރިޔަށް ގެންދިޔުމަށް އެއްބަސްވެފައިވަނީ މަދު ގައުމުތަކެއް ކަމަށެވެ.
އިރުމަތި ޗައިނާގައި ބޭއްވި އެންޓި ވައިރަލް ޑްރަގް ޑިވެލޮޕްމަންޓް ކޮންފެރެންސްގައި ވާހަކަ ދައްކަވަމުން ކެންސިނޯގެ އެގްޒެކެޓިވް ޑައިރެކްޓަރ އަދި ކޯ ފައުންޑަރ ޗިއު ޑޮންގްޗޫ ވިދާޅުވީ ރަޝިޔާ، ބްރެޒިލް، ޗިލީ އަދި ސައުދީ އަރަބިއްޔާ ގައި މި ޓެސްޓްތައް ކުރިޔަށް ގެންދިޔުމަށް ވާހަކަތައް ދައްކަމުންދާ ކަމަށެވެ. ޗިއު ވިދާޅުވީ ތިން ވަނަ ފޭސް ވަރަށް އަވަހަށް ފެށޭނެ ކަމަށް އުންމީދު ކުރާ ކަމަށެވެ. އަދި ކުންފުނިން ޕްލޭން ކުރަމުންދަނީ 40،000 މީހުން މިޓެސްޓްތަކުގައި ބައިވެރިކުރުމަށް ކަމަށް ޗިއު ވިދާޅުވިއެވެ.
ކެންސިނޯ ނޫނަސް ޗައިނާގެ އެހެން ކުންފުނިތަކުންވެސް އަންނަނީ ވެކްސިނެއް އުފެއްދުމުގެ މަސައްކަތް ކުރަމުންނެވެ. މީގެތެރެއިން ދެ ކުންފުންޏަކަށް ވަނީ ވެކްސިންގެ ތިން ވަނަ ފޭސް ކުރިޔަށް ގެންދިޔުމުގެ ހުއްދަ ލިބިފައެވެ.
ޗިއު ވިދާޅުވީ ވެކްސިން އުފެއްދުމުގެ ދެ ވަނަ ފޭސްގައި ބައިވެރިވީ 508 މީހުން ކަމަށެވެ. އަދި ވެކްސިން އުފެއްދުމުގެ ފުރަތަމަ ފޭސް އަށް ވުރެ ދެ ވަނަ ފޭސްގައި ނިކުތް ނަތީޖާ ރަނގަޅުކަމަށް ޗިއު ވިދާޅުވިއެވެ.
ޗިއު އިތުރަށް ވިދާޅުވީ އެ ކުންފުނީގެ އައު ފެކްޓްރީން 100 އާއި 200 މިލިއަނާ ދެމެދުގެ އަދަދެއްގެ ޑޯޒް އަހަރެއްގެ މައްޗަށް އުފެއްދާނެ ކަމަށެވެ.
ހަލުވި ކަމާއެކު ފެތުރެމުންދާ ކޮވިޑް-19 އަށް އަދި މިހާތަނަށް އައިއިރު ވެކްސިނެއް އުފެއްދިފައެއް ނުވެއެވެ. ނަމަވެސް މި ވައިރަސް އަށް ވެކްސިނެއް އުފެއްދުމުގެ މަސައްކަތް ދުނިޔޭގެ ގިނަ ގައުމުތަކުން އަންނަނީ ކުރަމުންނެވެ.