ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި ގިނަ ބަޔަކު އެއްވެގެން ބާއްވާ ކަންކަން ބޭއްވުން މަނާކުރުމަށް އިރާނުގެ ރައީސް ހަސަން ރޫހާނީ ގޮވާލައްވައިފިއެވެ.
އެގޮތުން ކައިވެނި ޕާޓީތަކާއި މީހުން މަރުވުމުން ބާއްވާ ބޮޑެތި ޖަނާޒާތައް ބޭއްވުން މަނާކުރަން ޖެހޭ ކަމަށާއި ނަމަވެސް ގައުުމުގެ އިގްތިޞާދީ ހަރަކާތްތައް ކުރިޔަށް ގެންދަން ޖެހޭ ކަމަށް ރޫހާނީ ވިދާޅުވިއެވެ. އެ ގައުމުގެ ސްޓޭޓް ޓީވީ މެދެވެރި ކުރައްވާ ރޫހާނީ މި މޭރުމުން ވާހަކަދެއްކެވިތާ ކުޑަވަގުތު ކޮޅެއްގެ ތެރޭގައި އިރާނުގެ ވެރި ރަށް ތެހެރާންގައި ފުލުހުން ވަނީ ކައިވެނި ޕާޓީތައް ބާއްވާ ތަންތަނާއި ޖަނާޒާތައް ބާއްވާ ތަންތަން ވަކި ތާރީޚެއް ނެތްގޮތަށް ބަންދުކޮށްފައެވެ.
ވައިރަސް ފެތުރުން ކޮންޓްރޯލް ކުރުމަށް އެ ގައުމުގައި އަޅާފައިވާ ލޮކްޑައުންގެ ފިޔަވަޅުތަކަށް ލުއިތައް ދޭން ފަށާފައި ވަނީ އޭޕްރީލް މަހުގެ މެދުތެރެއިން ފެށިގެންނެވެ. ނަމަވެސް މި ފަހުން އިރާނުގައި އަންނަނީ ގިނަ އަދަދެއްގެ ބަޔަކަށް ވައިރަސް ޖެހުމުންނެވެ.
ގިނަ ބަޔަކު އެއްވެގެން ބާއްވަމުންދާ ހަފްލާތަކާއި އެހެނިހެން ކަންކަން އިރާނު ތެރޭގައި އެއްކޮށް މަނާކުރަންޖެހޭ. އެއީ ކައިވެނި ހަފްލާއެއް ވިޔަސް، މީހަކު މަރުވެގެން ބާއްވާ ހިތާމަފާޅުކުރުން ކަމުގައިވިޔަސް ޕާޓީއެއް ވިޔަސް. މިއީ ފެސްޓިވަލްތަކާއި ސެމިނަރ ތައް ބާއްވަންވީ ވަގުތެއް ނޫން.އިރާނުގެ ރައީސް ހަސަން ރޫހާނީ
ރޫހާނީ އިތުރަށް ވިދާޅުވީ ޔުނިވަރސިޓީތަކަށް ވަނުމަށް ބާއްވާ އިމްތިހާނުތައް ވެސް ބޭއްވުން ފަސްކުރަން ޖެހިދާނެ ކަމަށެވެ.
ރޫހާނީގެ އިތުރުން އިރާނުގެ އޮފިޝަލުން ގަބޫލުފުޅު ކުރައްވާ ގޮތުގައި އަލަށް ވައިރަސް ފެތުރިގެން ރިޕޯޓް ކުރަމުން އަންނަ ކޭސްތަކުގެ ދެބައިކުޅަ އެއް ބަޔަކީ ކައިވެނި ޕާޓީތަކާއި، ޖަނާޒާތައް ފަދަ ގިނަ ބަޔަކު އެއްވެގެން ކުރިޔަށް ގެންދާ ކަންކަމުގެ ތެރެއިން ފެންނަ ކޭސްތަކެވެ.
އިރާނުގެ ކޮރޯނާވައިރަސް ޓާސްކް ފޯހުގެ އެޑްވައިޒަރ ވިދާޅުވެފައިވަނީ ވައިރަސް ފެތުރުން ކޮންޓްރޯލް ކުރުމަށް އެދެވޭ ފިޔަވަޅުތަކެއް ނާޅައިފިނަމަ 50،000 އާއި 60،000 އާ ދެމެދުގެ އަދަދެއްގެ މީހުން މިވައިރަސް ޖެހިގެން މަރުވާނެ ކަމަށެވެ.
އިރާނުގައި މިހާތަނަށް އައިއިރު ކޮވިޑް-19 ޖެހިގެން 12،635 މީހުން ވަނީ މަރުވެފަ އެވެ. އެގައުމުގެ 255،117 (ދެ ލައްކަ ފަންސާސް ފަސް ހާސް ސަތޭކަ ސަތާރަ) މީހުންނަށް ވަނީ ވައިރަސް ޖެހިފައެވެ.
އެޑްވައިޒަރ ހުސައިން ގެނާތީ ވިދާޅުވީ ވައިރަސްގެ ދެ ވަނަ ވޭވްގައި ގިނަ ބަޔަކު މަރުވެގެންދާނެ ކަމަށެވެ.
އެމެރިކާއިން އިރާނާމެދު އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކާއެކު އެ ގައުމަށް ވަނީ އިގްތިޞާދަށް ދިމާވެފައިވާ ދަތިކަމާއެކު ވައިރަސް ފެތުރުން ކޮންޓްރޯލް ކުުރުމަށް ފިޔަވަޅުތައް އެޅުމަށް ގޮންޖެހުންތަކާއި ކުރިމަތިވެފައެވެ.
އިރާނުގެ ރައީސް ވިދާޅުވީ އެންމެ ފަސޭހައިން ވައިރަސް ކޮންޓްރޯލް ކުރެވޭނީ ހުރިހާ ތަނެއް ބަންދުކޮށްގެން ކަމަށެވެ. ނަމަވެސް އޭރުން ހުރިހާ ރައްޔިތުން ބަނޑުހައިހޫނު ކަމުންނާއި ވަޒީފާ ގެއްލުމުންދާތީ މަގުތަކަށް ނިކުންނާނެ ކަމަށް ރޫހާނީ ވިދާޅުވިއެވެ.